ހުޅުމާލެ ފޭސް 2، ހީނާމާ ހިނގުމުގައި ޕާކުކޮށްފައި އޮތް ކާރެއްގައި އަލިފާން ރޯވެފައިވި ހާދިސާ ތަހުގީގު ކުރަމުން އަންނަކަމުގައި ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މި މަހުގެ 26 ވަނަ ދުވަހުގެ ދަންވަރު 02:15 އެހައިކަންހާއިރު ކާރުގައި ރޯވެގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެެ.

މި ހާދިސާގެ މައުލޫމާތު ލިބުމާއެކު، ފުލުހުންނާއި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސް އިން އެ ސަރަހައްދަށް ގޮސް ކުރި މަސައްކަތުން، ދަންވަރު 02:26 ހާއިރު ކާރުގައި ރޯވެފައިވާ އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައވެެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯތަކުން ކާރުގައި އެއްކޮށް ރޯވެ އަދަމުންދާ މަންޒަރު ފެންނަ އިރު ފުލުހުން ބުނީ މި ހާދިސާގައި އަލިފާން ރޯވި ކާރު އިތުރަށް ބޭނުން ނުކުރެވޭ ވަރަށް އަނދައި ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ. މީގެ އިތުރުން، އެ ސަރަހައްދުގައި ޕާކުކޮށްފައި އޮތް އިތުރު ދެ ކާރަކަށްވެސް ވަނީ ގެއްލުން ވެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން ރޭ ދަންވަރު ރޯވި ކާރުގެ ރަޖިސްޓްރީ ނަންބަރުން އެނގޭ ގޮތުގައި، އެއީ މިދިޔަ ސެޕްޓެމްބަރު މަހު ހުޅުމާލެ 2 ގައި ކުއްޖަކު ނިޔާވި އެކްސިޑެންޓުގައި ހިމެނޭ ކާރެވެ. އެ އެކްސިޑެންޓު ހިނގީ މަގުމަތީ މަޑުކޮށްގެން އޮތް ކާރަކަށް އަރަން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ސައިކަލަކުން ޖެހި ވެއްޓުނު ވަގުތު، އެ ސައިކަލުގެ ފަހަތުގައި އިން ކުއްޖާގެ ގައިމަތިން ފަހަތުން އައި ކާރު ދިޔުމުން ކަމަށް ފުލުހުން ކުރިން ބުނެފައިވެއެވެ.

އެ ދުވަހު ތަހުގީގަށް ހެކި ހޯދުމަށް އެ ކާރު ޓޯކުރި ނަމަވެސް، ވެރިފަރާތާ ކާރު ހަވާލުކުރީ ކޮން އިރަކު ކަމެއް ސާފުވެފައެއް ނުވެއެވެ. އަދި މި ހާދިސާއާއި ގުޅޭ އިތުރު ތަފްސީލެއްވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.