ދޫނިދޫ ބޭރުން ކަނޑުގެ ސަރަހައްދެއްގައި މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނި އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.

ފުލުހުން ބުނީ އެ ހަށިގަނޑު ފެނިފައި ވަނީ ފުނަދޫ އާއި ދޫނިދޫ އާއި ދޭތެރޭ ކަނޑު މަތިން ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ހަށިގަނޑު ފެނިފައިވަނީ ބަރަހަނާ ހާލުގައެވެ. އަދި އެއީ ފިރިހެނެއް ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.

މި މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ މިއަދު 9:10 އެހާއިރު ކަމަށާއި މި މައްސަލަ އިތުރަށް ތަހުގީދު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަދި އެއީ ކާކުކަން ދެނެގަނެވިފައި ނުވާ ކަމަށާއި ދިވެއްސެއްކަން ނުވަތަ ބޭރު މީހެއްކަން ވެސް މިހާތަނަށް ދެނެގަނެވިފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި އެމީހާ އޮތީ ބަނޑުވަތަށެވެ. ރޭ ރަސްފަންނު ސަރަހައްދުން މީހަކު ފުންމާލި ކަމުގެ އަޑު ފެތުރުނު ނަމަވެސް އެކަމާ ގުޅިގެން ފުލުހުންގެ ބަހެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.