ސިވިލް ސާވީސްގައި މަގާމުތަކެއް އުފައްދައި، ސިޔާސީ މަގާމުތަކުގައި ތިބި ސަރުކާރު މުވައްޒަފުން އެ ވަޒީފާތަކަށް ބަދަލު ކުރަމުންދާ ކަމަށް ޕީއެންސީގެ ރައީސް އަދި އިންތިގާލީ ކޮމިޓީގެ ވެރިޔާ އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ތުހުމަތު ކުރައްވައިފިއެވެ.

ސަންގް ޓީވީއަށް އަދުރޭ ދެއްވި އިންޓަވިއުގައި އަދުރޭ ވިދާޅުވީ، ސިޔާސީ މަގާމުތަކުގައި ތިބި މީހުން ފިޔަވާ ދެން ސަރުކާރުގައި މަސައްކަތް ކުރާ މުވައްޒަފުން ވަޒީފާއިން ވަކި ނުކުރައްވާނެ ކަމަށް ކެމްޕެއިންގެ ތެރޭގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ވާހަކަ ތަކުރާރު ކުރައްވާފައެވެ. ވަޒީފާއިން މީހުން ވަކި ނުކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވެފައި އޮތުމުން، އިންތިހާބީ ރައީސަށް ހޮވިވަޑައިގެން ހުވާކުރުމާ ދެމެދުގެ މުއްދަތުގައި ވެސް ބައެއް ފަރާތްތަކަށް ވަޒީފާ ދެމުން ގެންދާ ކަމަށް އަދުރޭ ވިދާޅުވިއެވެ.

އެގޮތުން ސިޔާސީ މަގާމުތަކުގައި ތިބި މީހުން ސިވިލް ސާވިސް އަށް ބަދަލު ކުރަން މަސައްކަތް ކުރަމުންދާ ކަން އަދުރޭ ފާހަގަ ކުރެއްވިއެވެ.

ސީޔާސީ މާގާމުތަކުގައި ތިބި މީހުން ވަކި ކުރަން ނިންމާ ސަބަބު ހާމަ ކުރައްވަމުން އަދުރޭ ވިދާޅުވީ، އެ މީހުން ސިޔާސީ މަގާމެއްގައި ކުރީ ސަރުކާރުގެ ވެރިކަމުގައި މަސައްކަތް ކޮށްފައިވާ އިރު، އެމީހުންގެ ފިކުރު ދެން އަންނަ ސަރުކާރެއްގެ ފިކުރާ ތަފާތު ވާނެ ކަމަށެވެ. އެހެންކަމުން ސިޔާސީ މަސައްކަތްތަކެއް ކުރަން ފިކުރު ދިމާނުވާ ބަޔަކު ސިޔާސީ މަގާމެއްގައި ނުބޭތިއްބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިހެން އެކަން ހިނގާނެކަން އިނގޭތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ބަޔަކު ދެން އަންނަ ސަރުކާރުގެ ހިންގުމުގެ މަސައްކަތުގެ ތެރެއަށް ވެއްދުމުގެ މަގްސަދުގައި ސިޔާސީ މުވައްޒަފުން ސިވިލް ސާވިސް މުވައްޒަފުންނަށް ބަދަލު ކުރަނީ ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި މިގޮތަށް ކަންތައް ނުކުރުމަށް ސިވިލް ސާވިސް ކޮމިޝަނަށް ވެސް ވާނީ އަންގާފައި ކަމަށް އަދުރޭ ވިދާޅުވިއެވެ.