މި އަހަރަށް ކަނޑައެޅި ބަޖެޓުން ނުފުދިދާނެތީ 6.5 ބިލިއަން އިތުރު ބަޖެޓެއް ހުށަހަޅައިފިއެވެ.

އެކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީ އިން ބުނީ މިއަހަރަށް ފާސްކޮށްފައިވާ ބަޖެޓަށް ވުރެ އިތުރަށް މި އަހަރު ތެރޭގައި ހަރަދުވާނެ ކަމަށް ބެލެވޭޓީ ރައްޔިތުންގެ މަޖިލިހަށް ސަޕްލިމެންޓަރީ ބަޖެޓެއް މިއަދު ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން ދައުލަތުގެ ބަޖެޓަށް އިތުރުކުރުމަށް ހުށަހަޅާފައި ވަނީ 6,509.3 މިލިއަން ރުފިޔާގެ ނުވަތަ 6.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށްވެސް އެ މިނިސްޓްރީ އިން ބުނެއެވެ.

މި އަހަރަށް 42,840.8 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކުރިއިރު މި ސަޕްލިމަންޓަރީ ބަޖެޓާއެކު މި އަހަރުގެ ޖުމުލަ ބަޖެޓަކީ 49,350.1 މިލިއަން ރުފިޔާއެވެ.

ފިނޭންސް މިނިސްޓްރީއިން ބުނީ މި ސަޕްލިމަންޓަރީ ބަޖެޓުން މައިގަނޑު ގޮތެއްގައި ހަރަދުކުރުމަށް ކަނޑައަޅައިފައި ވަނީ ޕީއެސްއައިޕީ އާއި އާސަންދަ އާއި ސަބްސިޑީތަކަށް ކުރާ ހަރަދުތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދޫކުރާ ކެޕިޓަލް ކޮންޓްރިބިއުޝަން އަށް ކަމަށެވެ.

މި ސަޕްލިމަންޓަރީ ބަޖެޓުން ސަބްސިޑީ އަށް 1,859.3 މިލިއަން ރުފިޔާ ކަނޑައަޅާފައި ވާއިރު އާސަންދައަށް ކަނޑައަޅާފައި ވަނީ 1,261.1 މިލިއަން ރުފިޔާއެވެ. އަދި ޕީއެސްއައިޕީ އަށް 1,785.9 މިލިއަން ރުފިޔާ ކެޕިޓަލް ހަރަދު 3،388.9 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

ފިނޭންސް މިނިސްޓްރީއިން ބުނީ މި އަހަރުގެ ތެރޭގައި ޕީއެސްއައިޕީ ހިނގުން ހަލުވެ، ބަޖެޓުކުރި މިންވަރަށްވުރެ ބޮޑަށް އެ ނޫން ހަރަދުތައްވެސް ހިނގައިފައިވާތީ އާއި ބަޖެޓު ފާސްކުރިއިރު ހަރަދު ކުޑަކުރުމަށް ރާވައިފައިވާ ގިނަ ފިޔަވަޅުތައް ރާވައިފައިވާ ގޮތަށް ތަންފީޒު ވެފައި ނުވާތީ އެ ކަންކަމުން ލިބޭނެ ކަމަށް އަންދާޒާކުރާ ސޭވިންސް މިހާރު ދަށްވެފައިވާ ކަމަށެވެ.