މި އަހަރުގެ ބަޖެޓަށް 6.5 ބިލިއަން ރުފިޔާ އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ސަޕްލިމެންޓްރީ ބަޖެޓު ދިރާސާކުރުމަށް ފަހު ބަޖެޓު ދިރާސާކުރާ ކޮމިޓީން މިދިޔަ ބުރާސްފަތި ދުވަހު ރިޕޯޓު ފާސްކުރީ މީޑިއާތަކަށް ދައުލަތުން 6.5 މިލިއަން ރުފިޔާ ކަނޑައެޅުމަށް ހުށަހެޅި އިސްލާހާ އެކީގައެވެ.
މިއަދު ރިޔާސަތުން ވަނީ ކޮމިޓީން ތަޅުމަށް ހުށަހެޅި ރިޕޯޓަށް ވޯޓަށް އަހައިފައެވެ. ވޯޓަށް އެހުމުން ވޯޓުގައި ބައިވެރިވި 67 މެންބަރުންގެ ތެރެއިން 57 މެންބަރަކު ވޯޓު ދެއްވީ ސަޕްލިމެންޓްރީ ބަޖެޓު ފާސްކުރަން ފެންނަ ކަމަށެވެ. 10 މެންބަރަކު ވަނީ ސަޕްލިމެންޓްރީ ބަޖެޓު ފާސްކުރުމާ ދެކޮޅަށް ވޯޓު ދެއްވައިފައެވެ.
މި އަހަރުގެ ދައުލަތުގެ ބަޖެޓަކީ 42.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެހެންކަމުން މިއަދު ފާސްކުރެވުނު ސަޕްލިމެންޓްރީ ބަޖެޓާ އެކު މި އަހަރުގެ ބަޖެޓުގެ ޖުމްލައަކީ 49.3 ބިލިއަން ރުފިޔާއެވެ.
ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި ފިނޭންސް މިނިސްޓްރީން ހުށަހެޅި 6.5 ބިލިއަން ރުފިޔާ ބަހާލާފައިވާ ގޮތުން، 3.4 ބިލިއަން ރުފިޔާ ކަނޑައަޅާފައި ވަނީ ކެޕިޓަލް ހަރަދުގެ ގޮތުގައެވެ. އަދި ރިކަރަންޓު ހަރަދުގެ ގޮތުގައި 3.1 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.
ހަމަ އެއާއެކު އެ ބަޖެޓުން ސަބްސިޑީއަށް 1.8 ބިލިއަން ރުފިޔާ، އާސަންދަ އަށް 1.2 ބިލިއަން ރުފިޔާ، އަދި ޕީއެސްއައިޕީ މަޝްރޫއުތަކަށް 1.8 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ.
އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން ވިދާޅުވީ، ބަޖެޓަށް ބަހުސްކުރަން މާދަމާ ފަށާނެ ކަމަށެވެ.