މި އަހަރުގެ ބަޖެޓަށް އިތުރުކުރާ 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓަކީ 'ވައްކަމުގެ ރަސީދެއް'ގެ ގޮތުގައި ސިފަކޮށް، ބަޖެޓު ހުށަހެޅީ ސަރުކާރުން ހަރަދުކޮށް ނިންމާލުމަށް ފަހު ކަމަށް، ޑިމޮކްރެޓުން ތުހުމަތުކޮށްފިއެވެ.

ސަރުކާރުން ސަޕްލިމެންޓްރީ ބަޖެޓު ހުށަހަޅާފައި ވަނީ މާލިއްޔަތު ގާނޫނާއި ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވައިދާ ހިލާފަށް ކަމަށް ވިދާޅުވާ ވިދާޅުވުން، ޑިމޮކްރެޓުންގެ މެންބަރުން މިއަދު ވެސް ތަކުރާރުކުރެއްވިއެވެ.

މިގޮތުން ޑިމޮކްރެޓުންގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ، މަޖިލީހުން ހުއްދަ ލިބިގެން މެނުވީ ފާސްކުރާ ބަޖެޓަށް ވުރެ އިތުރަށް ސަރުކާރުން ހަރަދުނުކުރެވޭނެ ކަމަށް ގާނޫނުއަސާސީގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ކަމަށެވެ.

އާޒިމް ވަނީ މި ސަރުކާރު ނިމެން ބާކީ ތިން ދުވަހަށް ވެފައި އޮއްވައި، އަދި އަހަރު ނިމެން ދޮޅު މަހަށް ވެފައި އޮއްވައި ސަޕްލިމެންޓްރީ ބަޖެޓު ހަރަދުކުރާނީ ކިހިނެއްތޯ ސުވާލު އުފައްދަވައިފައެވެ.

"މި ބަޖެޓު ބަލާލީމަ އެބަ އެނގޭ ކުރިން ހަރަދުކޮށްފަ ކަން މި އޮތީ، ކުރިން ހަރަދުކޮށްފަ ކަން މިތަނަށް ފޮނުވާފަ، ގާނޫނުއަސާސީގަ އެބަ ބުނޭ އެހެނެއް އެކަން ނުކުރެވޭނެޔޭ،"
އަލީ އާޒިމް | މެދުހެންވޭރު ދާއިރާގެ މެންބަރު

"އަޅުގަނޑުމެން މި އަހަރު ފާސްކޮށްފަ ސަރުކާރަށް ދީފިން ބުނި ވަރަށް ފައިސާ، އެކަނިވެރި މައިންނަށް ވީ ފައިސާ ދީފިން، އާސަންދަ އަށް ވީ ފައިސާ ދީފިން، އެހެން ކަންތައްތަކަށް ވީ ފައިސާ ދީފިން، ދެން ކޮން ކަމެއްތޯ ކުރަން މި އުޅެނީ؟' އޭނާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވީ ސަރުކާރަށް ކޭޝްފްލޯ ނުބެލެހެއްޓުނު ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު އާންމުކުރާ ތަފާސްހިސާބުތަކުން އެކަން ވަރަށް ސާފުކޮށް ފެނިވަޑައިގަންނަވާ ކަމަށެވެ.

ނަޝީދު ވިދާޅުވި ގޮތުގައި، ރައްޔިތުންގެ ފައިސާ ބޭކާރު ގޮތުގައި ހަރަދުކުރެވިގެނެއް ނުވާނެއެވެ. ސަރުކާރުން މަޖިލީހަށް ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓަކީ، ނަޝީދު ސިފަކުރެއްވި ގޮތުގައި 'ވައްކަމުގެ ރަސީދެ'ކެވެ.

"ބޭރު ގައުމަކުން އަޅުގަނޑުމެންނަށް އިންތިހާ އަށް ފައިސާ ނުދީފިނަމަ، ޑިސެމްބަރު މަސް ނިމޭއިރު އަޅުގަނޑުމެން ތިބޭނީ މުސާރަ ނުދައްކައި،" މި އަހަރު ނިމޭއިރު އަތްލެވޭ ރިޒާވުގައި ހުރީ 53 މިލިއަން ޑޮލަރު ކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވިއެވެ.

ނަމަވެސް ސަރުކާރުގެ ފަރާތުން ސަޕްލިމެންޓްރީ ބަޖެޓަށް ބަހުސްކުރެއްވި މުލަކު ދާއިރާގެ މެންބަރު އިބްރާހީމް ނަސީރު ވިދާޅުވީ، މި ބަޖެޓަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންނެވި ގިނަ ކަންކަމަށް ހައްލެއް ލިބިގެން ދާނެ ބަޖެޓެއް ކަމަށާއި، ފިނޭންސް މިނިސްޓްރީން ބަޖެޓު ހުށަހެޅީ ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

އޭނާ ވިދާޅުވީ، އާސަންދަ އަށް ބަޖެޓުކުރި މިންވަރު އިތުރުވީ ބޭރު ގައުމުތަކުގައި ބޭސް ފަރުވާ އަށް ދިޔަ ދިވެހީންގެ އަދަދު އިތުރުވެ، އެ ފަރާތްތަކަށް އާސަންދަ އިން ކަނޑަމުން ދާތީ ކަމަށާއި، ކާޑުގެ ބާވަތްތަކަށާއި ތެލަށް ސަބްސިޑީ ދެމުން ދާތީ ކަމަށެވެ. އޭނާ ވިދާޅުވީ، ފައިސާގެ ދަތިކަމާ ހުރެ މިފްކޯގެ ފެސިލިޓީގެ މަސައްކަތް ވެސް ލަސްވެފައިވާ ކަމަށެވެ.

ނަސީރު ވިދާޅުވި ގޮތުގައި ސަޕްލިމެންޓްރީ ބަޖެޓު ފާސްކުރެވިގެން ދިއުމުން ރައްޔިތުންނަށް ފައިދާކުރާނެއެވެ.

"މިގޮތުން އާސަންދައިގެ ހިދުމަތް ލިބިގެންދާ ފަރާތްތަކާއި އެ އާސަންދަ ލިބިގެން ފުރިހަމަ އަށް ދިނުން، މަސްވެރިންނަށް ދިމާވެފައިވާ މަސްވެރިންނަށް ލިބެން ޖެހޭ ފައިސާ ލިބި، މަސްވެރިންގެ ދިރިއުޅުމަށް އިތުރު ހިތްހަމެޖެހުން ލިބިގެން ދާނެ ގޮތަކަށް މި ބަޖެޓުގައި މިކަން ފާހަގަކޮށްފައިވާކަން އަޅުގަނޑު ފާހަގަކުރަން،" އޭނާ ވިދާޅުވިއެވެ.