މި އަހަރުގެ ބަޖެޓަށް އިތުރުކުރުމަށް ހުށަހެޅި 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓު ފާސްކުރުމަށް އިތުރު ތިން ދުވަސް ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ނިންމައިފިއެވެ.

މިއަދުގެ ޖަލްސާގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ ސަޕްލިމެންޓްރީ ބަޖެޓުގެ އިތުރުން، އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓު ވެސް ހުށަހަޅުއްވައިފައެވެ.

ދެ ބަޖެޓު ވެސް އަމީރު ހުށަހަޅުއްވައި ނިމުމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް މެންބަރުންގެ އަރިހުން އެދިވަޑައިގަތީ ސަޕްލިމެންޓްރީ ބަޖެޓުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތެއް ހުށަހެޅުމަށެވެ. އެހެންވެ، އެ ބަޖެޓުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތެއް ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެންބަރު އަހްމަދު އަބްދުﷲ އެވެ.

އަހްމަދު ހުށަހެޅުއްވީ ސަޕްލިމެންޓްރީ ބަޖެޓަށް އެއް ދުވަހަށް ބަހުސްކުރުން ކުރިއަށް ގެންގޮސް، ބަހުސަށް ފަހު ބަޖެޓު ދިރާސާކުރާ ކޮމިޓީ އަށް ފޮނުވައި ދެ ދުވަހުގެ ދިރާސާ އަށް ފަހު، ސަޕްލިމެންޓްރީ ބަޖެޓުގެ ރިޕޯޓަށް ބަހުސްކޮށް ތަޅުމުން ފާސްކުރުމަށެވެ. އޭނާގެ އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމެވެ.

އެހެންކަމުން އަހްމަދުގެ ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެހުމުން، މަޖިލީހުގައި ތިއްބެވި 43 މެންބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 38 މެންބަރުން ވެސް ވޯޓު ދެއްވީ މި ހުށަހެޅުން ފާސްކުރުމަށެވެ.

ބައެއް މެންބަރުން ވަނީ ބަޖެޓުގެ މަސައްކަތްތައް ނިންމުމަށް ވަގުތު ކުޑަތަންވެފައިވާ ކަން ފާހަގަކުރައްވައިފައެވެ. ހަމަ އެހެންމެ، އަމީރު މިއަދު ސަޕްލިމެންޓްރީ ބަޖެޓު ހުށަހެޅުއްވީ މާލިއްޔަތު ގަވައިދާ ހިލާފަށް ކަމަށް ވިދާޅުވެ، ޑިމޮކްރެޓުންގެ މެންބަރުން ވަނީ ރިޔާސަތުން އެކަން ބައްލަވައި އަމަލުކުރެއްވުމަށް ގޮވާލައްވައިފައެވެ.

މިއަދު ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓާ އެކު، މި އަހަރުގެ ޖުމްލަ ބަޖެޓަކީ 49.3 ބިލިއަން ރުފިޔާއެވެ.