މި އަހަރުގެ ބަޖެޓަށް ސަރުކާރުން އިތުރުކުރަން ހުށަހެޅި 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓު ކޮމިޓީ އަށް މިއަދު ފޮނުވާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާލެއްވުމުގެ ކުރިން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ، ސަޕްލިމެންޓްރީ ބަޖެޓުގެ ބަހުސް ނިމިފައިވާކަން އިއުލާނުކުރައްވައި ބަޖެޓު ކޮމިޓީ އަށް ފޮނުވާލައްވާނެ ކަން ހާމަކުރައްވައިފައެވެ.

ސަޕްލިމެންޓްރީ ބަޖެޓު އިއްޔެ ހުށަހެޅުމުން، މެންބަރުންގެ އަރިހުން އަސްލަމް އެދިވަޑައިގަތީ އެ ބަޖެޓުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތެއް ހުށަހެޅުމަށެވެ.

އެހެންވެ ބާރަށު ދާއިރާގެ މެންބަރު އަހްމަދު އަބްދުﷲ ހުށަހެޅުއްވީ:

  • މިއަދު ސަޕްލިމެންޓްރީ ބަޖެޓުގެ ބަހުސް ކުރިއަށް ގެންދިއުމަށް
  • ބަހުސަށް ފަހު ބަޖެޓު ކޮމިޓީ އަށް ފޮނުވައި ދެ ދުވަހު ދިރާސާކުރުމަށް
  • އޭގެ ފަހުން ތަޅުމަށް ރިޕޯޓު ހުށަހަޅައި ފާސްކުރުމަށް

އަހްމަދުގެ އެ ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެހުމުން، މަޖިލީހުގައި އިއްޔެ ތިއްބެވި 43 މެންބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 38 މެންބަރުން ވެސް ވޯޓު ދެއްވީ އެ ހުށަހެޅުން ފާސްކުރުމަށެވެ.

ސަރުކާރަށް ތާއީދުކުރައްވާ ބައެއް މެންބަރުން ވަނީ ބަޖެޓުގެ މަސައްކަތްތައް ނިންމުމަށް ވަގުތު ކުޑަތަންވެފައިވާ ކަން ފާހަގަކުރައްވައިފައެވެ. ނަމަވެސް ސަރުކާރުން ސަޕްލިމެންޓްރީ ބަޖެޓު ހުށަހެޅީ މާލިއްޔަތު ގަވައިދާ ހިލާފަށް ކަމަށް ބުނެ، އިދިކޮޅުން ވަނީ ރިޔާސަތުން އެކަން ބެލުމަށް ގޮވާލައިފައެވެ.

އިއްޔެ ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓާ އެކު، މި އަހަރުގެ ޖުމްލަ ބަޖެޓަކީ 49.3 ބިލިއަން ރުފިޔާއެވެ. ސަޕްލިމެންޓްރީ ބަޖެޓުގެ އިތުރުން، އަންނަ އަހަރަށް ލަފާކޮށް 49.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ވެސް ހުށަހަޅާފައިވެއެވެ.