ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމަށް ބޭނުންވާ މެންބަރުން ހަމަނުވުމުގެ ސަބަބުން، ރައްޔިތުންގެ މަޖިލީހަށް ސަޕްލެމެންޓްރީ ބަޖެޓު ހުށަހަޅަން ހަމަޖެހިފައިވާ ޖަލްސާ ނުފެށި ނިންމާލަން ޖެހިއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާގައިވާ ގޮތުން، މި އަހަރުގެ ދައުލަތުގެ ބަޖެޓަށް އިތުރުކުރާ ސަޕްލެމެންޓްރީ ބަޖެޓު ތަޅުމަށް ހުށަހަޅާ ގޮތަށް އޮތީ ހަމަޖެހިފައެވެ. އެހެން ނަމަވެސް ކޯރަމް ހަމަނުވުމުގެ ސަބަބުން މިއަދުގެ ޖަލްސާ ފެށޭ ގޮތެއް ނުވިއެވެ.

ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ، ޖަލްސާ ފެށުމަށްޓަކައި ކޯރަމްގެ ރަނގަބީލު ޖެހުމަށް ފަހު ވެސް، ގާނޫނީ އަދަދު ކަމަށްވާ މަޖިލީހުގެ ހަތަރުބައިކުޅަ އެއްބައި މެންބަރުން ހާޒިރުވެވަޑައިނުގަންނަވާތީ މިއަދުގެ ޖަލްސާ ދެން ނޯންނާނެ ކަމަށެވެ. ނަމަވެސް ހާޒިރުވީ ކިތައް މެންބަރުންނެއް ކަމެއް އީވާ ވިދާޅެއްނުވިއެވެ.

މިއަދުގެ ޖަލްސާ ނޯންނާނެ ކަމަށް އީވާ ވިދާޅުވީ 9 ޖަހާ 10 މިނެޓުވީ ފަހުންނެވެ. އާންމު ގޮތެއްގައި މަޖިލީހުގެ ޖަލްސާތައް ފަށަނީ ހެނދުނު 9 ޖަހާއިރެވެ. އެކަމަކު ކޯރަމް ހަމަވަންދެން ބައެއް ދުވަސްދުވަހު ޖަލްސާތައް ލަހުން ފަށައެވެ

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި ބުނާ ގޮތުން، ޖަލްސާގެ ކޯރަމް ހަމަވާނީ މަޖިލިސް މެންބަރުންގެ ހަތަރުބައިކުޅަ އެއްބައި މެންބަރުން ޖަލްސާ އަށް ހާޒިރުވެވަޑައިގެންފި ނަމައެވެ. 19 ވަނަ މަޖިލީހުގެ ކޯރަމް ހަމަވުމަށް ބޭނުންވާނީ 22 މެންބަރުންނެވެ.

މި އަހަރަށް ކަނޑައެޅި ބަޖެޓުން ނުފުދިދާނެތީ 6.5 ބިލިއަން ރުފިޔާގެ ސަޕްލެމެންޓްރީ ބަޖެޓެއް ފިނޭންސް މިނިސްޓްރީން ހުށަހެޅީ މިދިޔަ ބުދަ ދުވަހުގައެވެ. އެހެންކަމުން ސަޕްލެމެންޓްރީ ބަޖެޓާ އެކު މި އަހަރުގެ ޖުމްލަ ބަޖެޓަކީ 49.4 ބިލިއަން ރުފިޔާއެވެ.