24 ގަޑިއިރު ތެރޭގައި ގެއިން ނިކުންނަން އަންގާ ގާޒާގެ އުތުރު ބިތުގެ ރައްޔިތުންނަށް އިންޒާރު ދިނުމާއެކު ގިނަ ބަޔަކު ގެދޮރު ދޫކޮށް ދަނިކޮށް ހަމަލާ ދީ 70 މީހަކު ޝަހީދު ކޮށްލައިފިއެވެ.

ހަބަރުތައް ބުނާގޮތުން، 24 ގަޑިއިރުގެ މުހުލަތު ދިނުމަށް ފަހު ވެސް އިޒްރޭލުގެ ހަމަލާތައް ހުއްޓައެއް ނުލައެވެ. ގާޒާގެ އެތަން މިތަނަށް ބޮން އަޅަމުން ގެންދާ އިރު، ގެއިން ނިކުމެގެން ދާ މީހުންނަށް ވެސް ރައްކާތެރި ކަމެއް ނެތެވެ.

އިޒްރޭލުން ވަނީ ގާޒާގެ އުތުރުގައި ދިރިއުޅޭ 1.1 މިލިއަން މީހުން ގެދޮރު ދޫކޮށް ދެކުނަށް ދިޔުމަށް އަމުރު ކޮށްފައެވެ. އެ އަމުރާ ހިލާފުވެ ގާޒާގެ އުތުރުގައި މަޑުކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުބަލާނެ ކަމަށް ބުނެފައި ވާއިރު ނިކުމެގެން ދާ މީހުނަށް ވެސް ރައްކާތެރި ކަމެއް ނެތެވެ.

އިޒްރޭލުުގެ އަމުރާ އެކު ގިނަ ބަޔަކު ނިކުމެގެން ދިޔަ ނަމަވެސް އުއްމީދު ކުރިހާ މިންވަރަށް ބައިބޯކޮށް މީހުން ނިކުންނަމުންނެއް ނުދެއެވެ. ގިނަ ބަޔަކު އަދިވެސް ތިބީ ގާޒާގެ އުތުރުގެ ކޭމްޕްތަކުގައެވެ.

ފާއިތުވި 24 ގަދިއިރުގެ ތެރޭގައި އެއްގަމު މަގުން އިޒްރޭލު ސިފައިން ގާޒާއަށް އަރާފައި ވާ އިރު ބަލައި ފާސްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެމީހުން ބުނާގޮތުން ހޯދަމުން ދަނީ ހަމާސްގެ ހަނގުރާމަވެރިންނެވެ. އެގައުމުގެ ބޮޑުވަޒިރު ނަތަންޔާހޫ ބުނެފައި ވަނީ، 'ހަމާސް އަކީ މަރުވެފައި ތިބި ބައެއް' ކަމަށެވެ. އޭނާ އިޝާރާތް ކުރަނީ ހަމާސްގެ އެންމެން ޝަހީދު ކޮށްލާނެ ކަމަށެވެ.

އިޒްރޭލުން ފަަލަސްތީން ވަށާލައި ހުރިހާ ހިދުމަތެއް ބަންދުކޮށް ހަމަލާ ދެމުން ގެންދާ މައްސަލަގައި ރަޝިއާގެ ރައީސް ވަލްޑިމިއާ ޕުޓިން އާއި ޗައިނާގެ ފޮރިން މިނިސްޓަރު އިތުރު ބަޔާނެއް ދެއްވާފައި ވާ އިރު، ޕުޓިން ވިދާޅުވީ އިޒްރޭލުން މިހާރު ކުރިއަށް ގެންދާ އަސްކަރީ ހަރަކާތަކީ ޖަރުމަނުގެ ނާޒީން [ހިޓްލަރުގެ ވެރިކަމުގައި] ހިންގި ފަދަ ޖަރީމާއެއް ކަމަށެވެ. އެގޮތުން އެއްގަމު މަގުން އަރާ ހަމަލާ ދޭން ފަށައިފި ނަމަ ގަބޫލުކުރަން ދަނތި އަދަދަކަށް އާންމުން މަރުވާނެ ކަމަށާއި އެއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އިތުރަށް އޭނާ ވިދާޅުވީ، އިޒްރޭލަށް އަމާޒުވި ހަމާސްގެ ހަމަލާއަކީ އިޒްރޭލުގެ ނުލަފާކަމުގެ ނަތީޖާއެއް ކަމަށާއި ހަމާސް ވެސް އަމަލު ކުރީ ރަނގަޅަށް ނޫން ކަމަށެވެ.

"އެއީ 2.3 މިލިއަން މީހުން އުޅޭތަނެއް، އެންމެންނަކީ ހަމާސް އަަށް ތާއީދު ކުރާ މީހުނެއް ނޫން، ނުކުރޭ، އެކަމަކު އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން އަދަބު ލިބުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން"

ޗައިނާގެ ހާރިޖީ ވަޒީރު ވެންގް ޔީ ވިދާޅުވީ، ފަލަސްތީނަށް އިންސާނީ އެހީ ފޯރުކޮށްދެން ތައްޔާރުވަމުން ގެންދާ ކަމަށާއި އދ ގެ އެޖެންސީތައް މެދުވެރިކޮށް އެކަން އިންތިޒާމް ކުރަމުން ދާ ކަމަށެވެ. އަދި ހަމާސް އާއި އިޒްރޭލުން ހަމަލާތައް ހުއްޓާލުމަށް ގޮވާލައި ޗައިނާއިން ބުނީ، އެގައުމުން ތާއީދު ކުރަނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމު ވެގެން ދިޔުމަށެވެ.

އިޒްރޭލުން ފަލަސްތީނު ބަންދުކޮށް ހަމަލާތައް ވަރުގަދަ ކުރަމުން ދާއިރު، ކާބޭތަކެއްޗާއި ބޯފެނަށް ޖެހިފައިވާ ރައްޔިތުންނަށް އެހީވުމަށް މިސްރުގެ ބޯޑަރުތައް ހުޅުވާލުމަށް އެގައުމުން އެއްބަސްވެއްޖެއެވެ. ނަމަވެސް އެއީ ހަމައެކަނި އިންސާނީ އެހީ ފޯރުކޮށް ދިނުމަށް ކަމަށާއި އެއްވެސް މީހަކަށް މިސްރަށް ނުވަދެވޭނެ ކަމަށް ބުނެފައި ވެއެވެ.

މިދިޔަ ހޮނިހިރުގައި ފެށި ހަމަލާތައް ހަފްތާއަކަށް ދިދުދެމިގެން އަންނަ އިރު، ގާޒާގެ 3500 މަގާމަކަށް އިޒްރޭލުން 6000 ބޮން ވަނީ އަޅާފައެވެ. އަދި މިސައިލް ހަމަލގެ އިތުރުން ޑްރޯން ހަމަލާތައް ވެސް ދަނީ އަމާޒު ކުރަމުންނެވެ.

މިހަމަލާތަކުގައި ފަލަސްތީނުން 1537 މީހަކު ޝަހީދުވެ ޒަހަމްވި މީހުންގެ އަދަދު ވަނީ 7000 ފަހަނަ އަަޅާފައެވެ.

ގާޒާގެ އުތުރުގެ ބެއިތް ހަނޫން ރެފިއުޖީ ކޭމްޕަކީ، 444،000 މީހުން ދިރިއުޅޭ ކޭމްޕެކެވެ. އެއާ ޖެހިގެން އޮންނަ ގާޒާ ސިޓީގައި 750،000 މީހުން ދިރިއުޅެއެވެ. ހުރަސްކޮށް ދާން ބުނާ ދެކުނު ބިތުން ފުރަތަމަ ޖެހޭ ދައިރް އަލް ބަލާ ކޭމްޕްގައި 320،000 މީހުން، އެއާ ޖެހިގެން އޮންނަ ހާން ޔޫނުސްގައި 430،000 މީހުން އަދި ދެން އޮންނަ ރަފާ ކޭމްޕުގައި 275،000 މީހުން ދިރިއުޅެއެވެ.

އިޒްރޭލުން ފަލަސްތީން ތަޅާ ސުންނާފަތި ކުރަމުން ގެންދާ އިރު ދުނިޔޭގެ އެތަން މިތަނުން އަދި ފަލަސްތީނާ އިންވެގެން އޮންނަ ބައެއް ގައުމުތަކުގެ އާންމުންނާއި އެކި ޖަމާއަތްތަކުން ގާޒާއަށް ވަދެގަތުމަށް ބޯޑަރާ ކައިރިއަށް ޖަމާވަމުންވެސް އެބަދެއެވެ.