ހުޅުމާލެ ފޭސް 3 ގެ ސައިޓް އޭ ގެ 70 ޕަސެންޓް ހިއްކާ ނިމިއްޖެ ކަމަށް އާބަންކޯއިން ބުނެފިއެވެ.
އާބަންކޯއިން ބުނީ މި ހަފްތާގެ ހުކުރު ދުވަހަށް ސައިޓް އޭ އެއްކޮށް ހިއްކާ ނިންމާލެވޭނެ ކަމަށާއި ސައިޓް އޭ އަށްފަހު ހިއްކުމަށް ހަމަޖެހިފައިވަނީ ސައިޓް ބީ ކަމަށެވެ. އަދި ސައިޓް ބީގެ މަސައްކަތް ފެށުމަށް އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް އެ ސަރަހައްދުން ވީހާވެސް އަވަހަކަށް ނެގުމަށް އާބަންކޯއިން ވަނީ އެދިފައެވެ.
އާބަންކޯއިން ބުނީ ހުޅުމާލެ ފޭސް 3 ހިއްކުމުގެ އެ މަޝްރޫއަކީ މާލެ ސަރަހައްދުގައި ކުރިމަތިވެފައިވާ ތަފާތު ދަތިތަކުން އަރައިގަތުމަށް ހިންގެމުންދާ ތަފާތު ތަރައްގީގެ މަޝްރޫއުތަކުގެ ބައެއް ކަމަށެވެ.
އެގޮތުން ހުޅުމާލެ ފޭސް 3 ގައި 63 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫއުއަކީ މާލޭގެ ގިނަ ރައްޔިތުން، އެތައް އަހަރެއް ވަންދެން ތަހައްމަލު ކުރަމުންދިޔަ ބޯހިޔާވަހިކަމުގެ ދަތިކަމަށް ބޮޑު ލުޔެއް ލިބި، ގިނަ ބައެއްގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވޭތޯ ދެކެމުންދިޔަ ހުވަފެންތައް ހަގީގަތަކަށް ވެގެންދާނެ މަޝްރޫއުއެއް ކަމަށް އާބަންކޯއިން ބުނެއެވެ.
ހުޅުމާލެ ފަޅުން 62.6 ހެކްޓަރުގެ ބިން ހިއްކުމަށް ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ސީއެމްސީ) ކުންފުންޏަކާ ހަވާލުކޮށްފައި ވަނީ މިދިޔަ އޮގަސްޓް މަހުގެ 21 ވަނަ ދުވަހުއެވެ.
ހުޅުމާލެއިން ހިއްކާ މި ބިމަކީ ގޯތި ދިނުމަށް ހިއްކާ ބިން ކަމަށްވާއިރު ބިންވެރިޔާ ސްކީމްގެ ދަށުން މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް މި ބިން ބޭނުންކުރާނެއެވެ. ހައުސިން މިނިސްޓްރީން އާއްމުކޮށްފައިވާ ލިސްޓަށް ބަލާއިރު، 1351 ގޯތި ހުޅުމާލެއިން ދޫކުރާނެއެވެ. މީގެތެރޭގައި 8 ސައިޒެއްގެ ގޯތި ހިމެނެއެވެ.