ހުސްވި ޖޫން މަހުގެ ތެރޭގައި ދިވެހި ސަރުކާރުން ބަޖެޓް ސަޕޯޓަށް ނަގާފައިވާ 50 މިލިއަން ޔޫރޯގެ ލޯނު ނެގީ ހަންގޭރީގެ އެކްޒިމް ބޭންކުންކަން ހާމަވެއްޖެއެވެ.
މި މައުލޫމާތު ހާމަވެފައިވަނީ ފިނޭންސް މިނިސްޓްރީން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހިއްސާ ކުރި މައުލޫމާތު ތަކުންނެވެ. މީގެ ކުރިން ފިނޭންސް މިނިސްޓްރީން ވަނީ ލޯނު ނެގީ ބޭރުގެ އަމިއްލަ ފަރާތަކުން ކަމަށް ބުނެފައެވެ. ނަމަވެސް ލޯނު ނެގި ފަރާތް ހާމަ ކުރުމަށް އެ މިނިސްޓްރީން ވަނީ ދެކޮޅު ހަދާފައެވެ.
50 މިލިއަން ޔޫރޯ (842.8) މިލިއަން ދިޗެހި ރުފިޔާގެ މި ލޯނުގެ ތަފްސީލުތައް ހިއްސާ ކުރަމުން ފިނޭންސުން ކޮމިޓީއަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ހަންގޭރިއަން އެކްސްޕޯޓް އިމްޕޯޓް ބޭންކުން ނެގި އެ ލޯނު އަނބުރާ ދައްކަން ޖެހެނީ 10 އަހަރުގެ ތެރޭގައި ކަމަށެވެ. ލޯނުގެ އިންޓަރެސްޓު ރޭޓުގެ ގޮތުގައި 3.9 ޕަސެންޓު އަދި ކޮމިޓްމަންޓް ފީގެ ގޮތުގައި 0.5 ޕަސެންޓް ދެއްކަން ޖެހޭ ކަމަށްވެސް ވެއެވެ.
އެހެންކަމުން ލޯނު ދައްކާ ނިމޭނީ 2033 ވަނަ އަހަރުގެ ތެރޭގައެވެ. އަދި ލޯނު އަނބުރާ ދައްކާ ނިމޭއިރު ޖުމްލަ 69.86 މިލިއަން ޔޫރޯ ހަރަދުވާނެ އެވެ. އެ ލޯނާ ގުޅޭ ލިޔުމެއް ސޯޝަލް މީޑިއާގައި މީގެ ކުރިން ދައުރުވެފައިވާއިރު އެ ލިޔުމުގައި ވެސް ބުނެފައި ވަނީ ލޯނު ނަގާފައި ވަނީ ހަންގޭރީ އެގްޒިމް ބޭންކުން ކަމަށެވެ. ނަމަވެސް އެ ދުވަސްވަރު ފިނޭންސް މިނިސްޓްރީން ވަނީ އެ ލިޔުމަކީ ސައްހަ ލިޔުމެއް ނޫން ކަމަށް ބުނެފައެވެ.
މީގެ އިތުރުންވެސް ފިނޭންސް މިނިސްޓްރީން މިދިޔަ ޖޫން މަހުގެ ތެރޭގައި ނަގާފައިވާ ދެ ލޯނެއްގެ މައުލޫމާތު ވަނީ ކޮމިޓީއަާ ހިއްސާ ކޮށްފައެވެ.
އެގޮތުން އެއް ލޯން ނަގާފައި ވަނީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ހަރުދަނާކުރުމަށް 26.4 މިލިއަން ޑޮލަރުގެ އިތުރުން ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އިތުރުކޮށް، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރަން ނަގާފައިވާ 7.5 މިލިއަން ޑޮލަރުގެ ލޯނެވެ. 0.85 ޕަސެންޓުގެ އިންޓަރެސްޓް އެކުލެވޭ މި ލޯނު ދެއްކުމަށް 40 އަހަރުގެ މުއްދަތެއް ދީފައި ވެއެވެ.