ޑިމޮކްރެޓުން ތަމްސީލުކުރާ ބައެއް މެންބަރުން މަޖިލީހުގެ ތަޅުމަށް ވަދެ އެތެރެ ބައްލަވާލެއްވުމަށް ފަހު އަނބުރާ ވަޑައިގަތީ ކަމަށާއި، މިއަދުގެ ޖަލްސާގެ ކޯރަމް ހަމަނުކުރީ ރާވައިގެން ކަމަށް، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ތުހުމަތުކުރައްވައިފިއެވެ.

މާ ބޮޑު ތަފްސީލެއް ނުދެއްވި ނަމަވެސް، މަޖިލީހުގެ ކޯރަމް ހަމަނުވާ ކަމަށާއި އެހެންވެ މިއަދުގެ ޖަލްސާ ނޯންނާނެ ކަމަށް ވިދާޅުވެ، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ ޖަލްސާ ނިންމަވާލައްވައިފައެވެ. އާންމު ގޮތެއްގައި މަޖިލީހުގެ ތަޅުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންގެ އަދަދާއި ދެން ޖަލްސާ އެއް ބާއްވާނެ ތާރީހެއް ރިޔާސަތުން އިއުލާނުކުރެއެވެ. ނަމަވެސް މިއަދުގެ ޖަލްސާގައި އެފަދަ އެއްވެސް ތަފްސީލެއް ރިޔާސަތުން ނުދެއެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މި ކަންކަން ފާހަގަކުރައްވައި އަސްލަމް ވިދާޅުވީ، މީގެ ކުރިން ޖަލްސާތަކުގެ ކޯރަމް ހަމަނުވާނަމަ ކޯރަމް ހަމަވަންދެން މަޖިލީހުގެ ރިޔާސަތުން ޖާގަ ދީ، ޖަލްސާ މެދުކަނޑާލުމަށް ފަހު އެދުވަހުގެ އެހެން ވަގުތެއްގައި ވެސް ޖަލްސާ ކުރިއަށް ގެންދާ ކަމަށެވެ. އޭނާ ވިދާޅުވީ މިއަދުގެ ޖަލްސާގައި މިއާ ހިލާފަށް އަމަލުކުރުމުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

އަސްލަމް ވިދާޅުވި ގޮތުގައި މިއަދުގެ ޖަލްސާގެ ކޯރަމް ހަމަވާވަރަށް މެންބަރުން ހާޒިރުވެވަޑައިގެންފައިވެއެވެ. ނަމަވެސް ބައެއް ޕާޓީތަައް ތަމްސީލުކުރައްވާ މެންބަރުން، ހާއްސަކޮށް ޑިމޮކްރެޓުންގެ މެންބަރުން މަޖިލީހުގެ ތަޅުމަށް ވަދެވަޑައިގެން އެތެރެ ބައްލަވާލެއްވުމަށް ފަހު އަނބުރާ ވަޑައިގަތީ ކަމަށް ވިދާޅުވެ، އޭނާ ސިފަކުރެއްވީ އެއީ މަޖިލީހުގެ ކޯރަމް ހަމަނުކުރުމަށް ރާވައިގެން ހިންގި ކަމެއްގެ ގޮތުގައެވެ.

މަޖިލީހުގެ ގަވައިދުގައި ބުނާ ގޮތުން، ޖަލްސާގެ ކޯރަމް ހަމަވާނީ މަޖިލިސް މެންބަރުންގެ ހަތަރުބައިކުޅަ އެއްބައި މެންބަރުން ޖަލްސާ އަށް ހާޒިރުވެވަޑައިގެންފި ނަމައެވެ. 19 ވަނަ މަޖިލީހުގައި ކޯރަމް ހަމަވުމަށް 22 މެންބަރުން ބޭނުންވާނެއެވެ.

އެކި އެކި ސަބަބުތަކާ ހެދި، ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ މި ދައުރުގައި މާ ބޮޑު މަސައްކަތެއް ކުރެވޭ މަންޒަރެއް ނުފެނެއެވެ. މަޖިލީހުގެ މި ދައުރުގެ ގިނަ ޖަލްސާތަކުގައި ކޯރަމް ހަމަނުވުމުގެ ސަބަބުން ބައެއް ދުވަސްދުވަހު ޖަލްސާތައް ނުފެށި، ނުވަތަ ޖަލްސާތައް ނިންމާލަން ޖެހޭ ކަން ފާހަގަކުރެވެއެވެ.