ޕަލަސްތީނުގެ ހަމާސް ޖަމާއަތުން އަގްސޯ މިސްކިތުގެ ހިމާޔަތުގައި އިޒްރޭލަށް ދިން ކުއްލި ހަމަލާތަކުގެ ބަދަލު ހިފުމަށް ގާޒާއަށް ދޭ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 200 އަށް އަރައިފިއެވެ. ހަމާސް އިން އިޒްރޭލަށް ދިން ހަމަމާތަކުގައި މަރުވި މީހުންގެ އަދަދު ވަނީ 100 އަށް އަރާފިއެވެ.

އެއްގަމާއި, ވަޔާއި ކަނޑުން އަދި އިޒްރޭލުގެ ތެރެއަށް ވައިގެ މަގުން އުދުހި ގޮސް ފައިބާ ދެމުން ދާ ހަމަލާތަކުގައި މަރުވި މީހުންގެ އިތުރުން 545 މީހަކު ވަނީ ޒަހަމްވެސް ވެފައެވެ. މިއީ އިޒްރޭލް ފަދަ ވަސީލަތްތަކާއި, ސިފައިންނާއި ހަތިޔާރާއި ބާރު ހުރި ބަޔަކާ ދެކޮޅަށް ހަމާސް އިން ދިން އެންމެ ނުރައްކާ ބޮޑު ހަމަލާއެވެ.

މި ހަމަލާގެ ބަދަލު ހިފުމަށް ޔަހޫދީން ފަށާފައި ވާ ގެއްލުން ބޮޑު އުދުވާނުގައި ގާޒާގައި ހުންނަ 2 ތަވަރު ހިމެނޭ އެންމެ އުސް އިމާރާތް ވަނީ ގޮއްވާލައި މިބާ ހަމަކޮށްލާފައެވެ. އާންމުން ދިރިއުޅޭ އެ ގެއަކީ މީގެ ކުރިން ހަމާސްގެ އޮފިޝަލަކު ދިރިއުޅޭ އެޕާޓްމަންޓެއް ހުރެގެންވެސް ހަމަލާ ދިން އިމާރާތެއް ނަމަވެސް މިއަދު އިރުއޮއްސެނިކޮށް އެ އިމާރާތް ގޮއްވާލައި ބިމާ ހަމަކޮށްލި ހަމަލާ އަލްޖަޒީރާގެ ކެމެރާތަކަށް ލައިވްކޮށް ވަނީ ނެގިފައެވެ.

ގާޒާގެ ހަބަރުތައް ވަގުތުން ފޮނުވުމަށް އެ ޗެނަލްގެ ކެމެރާތައް ގާޒާއަށް އަމާޒުކޮށްފައި ވަނިކޮށް އެ އިމާރާތަށް ފުރަތަމަ އަމާޒު ކުރީ ވޯނިން [އިންޒާރުގެ] ހަމަލާއެކެވެ. އޭގެ ބަރާބަރު 5 މިނެޓް ފަހުން ދެ ޓަވަރުގެ ބުޑުން ދެފަރާތަށް ހަމަލާދީ ގޮއްވާ ވައްޓާލިއެވެ. އެއާއެކު ގާޒާގެ މުޅި ޖައްވު ބޯ ކަޅު ދުމުން ފުރިގެން ދިޔައެވެ.

ހަމާސްގެ ހަމަލާތައް މިއަދު ވަރުގަދަ ކަމުން އިޒްރޭލަށް ސިހުން ލިބިގެން ދިޔަ އިރު, ހަމާސް އިން ވަނީ ޔަހޫދީންގެ ބްރިގޭޑެއްގެ ކޮމާންޑަރަކާއި އެތައް ސިފައިންނެއްގެ އިތުރުން އާންމުންގެ އެތައް ބަޔަކު ރަހީނުކޮށް ގާޒާއަށް ގެންގޮސްފައެވެ. އެމީހުން ގާޒާއަށް ގެންދިޔުމުން އާންމުން ނިކުމެ އުފާފާޅުކުރަމުން ދާ މަންޒަރުތައް ލައިވް ކޮށްފައި ވާ އިރު, ޔަހޫދީ ޓީވީތަކުން ދެއްކި މަންޒަރުތަކެއްގައި މެޑިޓަރޭނިއަން ކަނޑުން އިޒްރޭލުގެ ތެރެއަށް ވަންނަން މަސައްކަތް ކުރި ހަމާސްގެ ފައުޖީންތަކަކަށް ހަމަލާދީ ޝަހީދުކޮށްލާ މަންޒަރު ފެނިގެން ދިޔައެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނީ, ރައްދު ހަމަލާ ވަރުގަދަ ވާނެ ކަމަށާއި ހަމާސް އާ ދެކޮޅަށް ހަނގުރާމަ އިއުލާން ކޮށްފައި ވާ ކަމަށެވެ. ވައިގެ ހަމަލާތަކާއެކު މިހާރު ޔަހޫދީ ސިފައިން ދަނީ އެއްގަމު މަގުން ގާޒާއަށް އެރުމުގެ މަސައްކަތް ކުރަމުންނެވެ.

ހަމާސްގެ މުޖާހިދުން މިހަރުވެސް އިޒްރޭލުގެ ތެރޭގައި ތިބި އިރު, ގަވައިދާ ހިލަފަށް ޔަހޫދީ ވަޒަންވެރިން އާބާދުކޮށްފައި ވާ ބައެއް ސަރަހައްދުތައް އެމީހުންގެ ކޮންޓްރޯލަށް ވަނީ ގެނެސްފައެވެ. އަދި ސިދްރަތް ފަދަ ސިޓީތަކަށް އަރާ ޔަހޫދީންގެ ވެރިކަލްތައް އަތުލައި ޔަހޫދީ ސިފައިންނާ ދިމާއަށް ބަޑިޖަހަމުން ހަމާސްގެ މުޖާހިދުން ދުއްވާ މަންޒަރުތައްވެސް ވަނީ އާންމު ކޮށްފައެވެ.

ހަމާސް އިން ބުނަގޮތުގައި މިހާތަނަށް ހަނގުރާމައިގެ އަސީރުންގެ ގޮތުގައި 53 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. އަދި މިރޭވެސް ހަމަލާތައް ކުރިއަށް ދާނެ ކަމަށާއި, ޕަލަސްތީނުގެ ބިންތައް މިނިވަން ކުރާނެ ކަމަށް ހަމާސްގެ ލީޑަރުން ދަނީ ގޮވާލައްވަމުންނެވެ.

މިއަދު ޕަލަސްތީނު ސަރުކާރުގެ ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ, މިފަދަ ހާލަތެއް ކުރިމަތިވެދާނެ ކަމާމެދު މީގެ ކުރިންވެސް އިންޒާރު ކުރި ކަމަށާއި, ޕަލަސްތީނުގެ ރައްޔިތުންނަށް އަމިއްލަ ވަޒަނުގައި މިނިވަން ކަމާއެކު އުޅުމުގެ ހައްގު ނިގުޅައިގަތުމާއި އަމިއްލަ ދައުލަތެއް ގާއިމު ކުރުމުގެ ހައްގުން މަހުރޫމް ކުރުމާއި މުސްލިމުންގެ މުގައްދަސް އެއް ހަރަމް ކަމަށް ވާ އަލް އަގުސޯގެ ހުރުމަތް ކަނޑާލާއި ހަމަލާތައް ދިނުމާއި ކޮންމެ ދުވަހަކުހެން ޔަހޫދީންގެ އުދުވާނާ ކުރިމަތިލާން ޖެހުންފަދަ ކަންކަމުގެ ނަތީޖާއަކީ މިއީ ކަމަށެވެ.

އަދި ސަރަހައްދަށް ހަމަޖެހުން އަންނަނީ, 1967 ގައި ކަނޑައަޅާފައި އޮތް އިމަކީ ޕަލަސްތީނުގެ އިން ކަމަށް ބަލައިގަތުމާއެކު އިރުމަތީ ޖަރޫސަލަމް އަކީ ވެރިރަށް ކަމުގައި ބަލައިގަނެ ގަވައިދާ ހިލާފަށް ވަޒަންވެރިވާ ޔަހޫދީން ބިންތަކުން ފައިބައިގެން ދިޔުމުން ކަމަށް ވެސް ބުނެފައި ވެއެވެ.

ބައިނަލްއަގުވާމީ ގާނޫނުތަކާއި ގަވައިދުތަކަށް އިޒްރޭލުން ބޯނުލަނބާ ފަލަސްތީނުގެ ރައްޔިތުން އެކަހެރި ކޮށްފައި ބައިތިއްބާތާ 75 އަހަރު ވެއްޖެ ކަމަށާއި އިޒްރޭލުގެ ދެފުއްކެހެރިކަމާއެކު ވެސް ބައިނަލްއަގުވާމީ މުޖުތަމައުން އަޅާނުލާ އޮތް އޮތުމުގެވެސް ނަތީޖާ ކަމަށް ބުނެފައި ވެއެވެ.

މިހުރިހާ ކަމަކާއެކު ސަރަހައްދަށް ހަމަޖެހުން ނުގެނެވޭނެ ކަމަށާއި އެމަގަށް މަސައްކަތް ކުރާނަމަ ވަޒަނުން ބޭރު ކުރި ފަލަސްތީނުގެ ރައްޔިތުންނަށް އަނބުރާ ވަޒަނަށް އާދެވި ސުލްހަވެރިކަމާއެކު އުޅުމުގެ މިނިވަންކަން ލިބިދޭނެ ޖެހޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

22 ސަހަހައްދަކުން ހަމާސްގެ މުޖާހިދުން ހަމަލާދެމުން އަންނަ އިރު, ޔަހޫދީ ސިފައިންނަށް ބޮޑެތި ގެއްލުންތައް ދަނީ ލިބެމުންނެވެ. އެމީހުންގެ ވެހިކަލްތަކާއި ބަރުހަތިޔާރު ހަލާކުކޮށް ގޮއްވާލުމުގެ އިތުރުން އަސްކަރީ މަރުކަޒެއްވެސް ހަމާސް އިން ވަނީ ހިފާފައެވެ. މި ހަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި އިޒްރޭލުގެ ދެކުނު ބޮތުގެ ކައުންސިލް މެންބަރެއް ކަމަށް ވާ އޮފިރް ލިބެސްޓެއިންވެސް ހިމެނެއެވެ.

ޔަހޫދީން ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތަކުގައި މުޅި ގާޒާ ސިޓީ ފުނޑުފުނޑު ކޮށްލަންވެސް ފަސް ނުޖެހޭނެ ކަމަށް ބައެއް އޮފިޝަލުން ބުނާ އިރު, މިހާރުވެސް ގާޒާ އޮތީ ކަޅު ދުމުން ފޮރުވިފައެވެ. އެތަން މިތަނުން ރޯވެ ދަނީ އަނދަމުންނެވެ. އެތައް ބަޔަކު ޝަހީދުވެ, ޒަހަމްވެ ދަނީ ފަރުވާ ހޯދަމުންނެވެ.