ރިޝްވަތު ނެންގެވުމާއި މަނީލޯންޑަރިިންގެ ކުށް ސާބިތުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލުމަށް ކޮށްފައިވާ ހުކުމްގެ އިސްތިއުނާފް މައްސަލައިގެ އަޑުއެހުން އަންނަ އާދިއްތަ ދުވަހަށް ތާވަލް ކޮށްފިއެވެ.

ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ ވަކީލް އަހްމަދު ސިޔާޒް ވިދާޅުވީ، ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާ ރައީސް ޔާމީންގެ އަޑުއެހުން މި މަހުގެ 8 ވަނަ ދުވަހުގެ 1:45 އަކަށް ތާވަލް ކޮށްފައިވާ ކަމަށެވެ.

އެންމެ ފަހުން ހައިކޯޓުގައި އަޑުއެހުމެއް ބާއްވާފައި ވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ. އެ ދުވަހުގެ އަޑުއެހުމުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ވަކީލުން ބައިވެރިވީ އޮންލައިން ކޮށެވެ. އަދި އޮންލައިންކޮށް އަޑުއެހުމުގައި ބައިވެރުވުމުގެ ސަބަބުން ބައެއް ޓެކްނިކަލް މައްސަލަތައް ދިމާވުމުން އެކަން ޕީޖީގެ ވަކީލުން އެ އަޑުއެހުމުގައި ވަނީ ހިއްސާ ކޮށްފައެވެ.

އެކަމާ ގުޅިގެން މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ، ދެން އޮންނަ އަޑުއެހުމެއްގައި ޕީޖީގެ ވަކީލުން ކޯޓަށް ހާޒިރުވެވަޑައިގަނެގެން ކުރިއަށް ގެންދިއުމަށާއި ދެން އަޑުއެހުމެއް ތާވަލް ކުރާނީ އެގޮތަށް ބަލައިގެން ކަމަށެވެ.

އެންމެ ފަހުން ބޭއްވި މި މައްސަލައިގެ އަޑު އެހުމުގައި ވަނީ މަނީ ލޯންޑާ ކުރަން ބޭނުންފުޅުވެ ވަަޑައިގެންނެވި ނަމަ ރާއްޖޭގެ ބޭންކެއްގައި އޮތް އަމިއްލަ އެކައުންޓަކަށް އެ ފައިސާ ޖަމާ ނުކުރައްވާނެ ކަމަށް ޔާމީން ވިދާޅުވި ނުކުތާއަށް ރައްދު ދިނުމުގެ ފުރުސަތު ދީފައެވެ. އެ ނުކުތާއަށް ރައްދު ދިނުމަށް ޕީޖީން ދޮޅު ގަޑިިރު ނަގާފައިވާ އިރު، މަނީ ލޯންޑަރިންގެ މަފުހޫމާ ގުޅޭ ގޮތުން ހުރި ބައިނަލްއަގުވާމީ ބައެއް ލިޔެކިޔުންތަކަށް ހަވާލާދެއްވަމުން ދައުލަތުގެ ވަކީލު އަހުމަދު ޝަފީއު ވިދާޅުވެފައި ވަނީ، އަމިއްލަ އެކައުންޓަކަށް ފައިސާ ޖަމާކޮށް އޭގެ ތެރެއަށް އެހެން ފައިސާ ވެސް ވެއްދުމުން އޭގެ އަސްލު އޮޅޭ ކަމަށެވެ.

ދައުލަތުން ޔާމީނުގެ މައްޗަށް ކޮށްފައިވާ ދައުވާގައި ވެސް ކްރިމިނަލް ކޯޓުން ޔާމީނަށް އިއްވި ހުކުމުގެ ރިޕޯޓުގައި ވެސް މަނީ ލޯންޑަރިންގެ އެ އުކުޅު ކިޔައިދީފައި ވެއެވެ. އެއީ ދެ ފަހަރު މަތިން ވަކިވަކިން އެ ފައިސާގެ ބައިބައި ޖަމާކޮށް، ކޮންމެ ފަހަރަކު އެ ފައިސާގެ ތެރެއަށް އިތުރު ފައިސާ ހިމަނައިގެން ޖަމާ ކުރުމެވެ

ދައުލަތުން ދެއްކި ވާހަކަތަކަށް ރައްދު ދޭން ޔާމީނަށް އަލުން ދިން ފުރުސަތުގައި. ޔާމީނު ރައްދު ދެއްވަމުން ވަނީ ކުރިން ދެއްކި ވާހަކަ ތަކުރާރު ކުރައްވާފައެވެ. އެމަނިކުފާނުގެ ނުކުތާއަކީ ބޭންކު އެކައުންޓަކަށް 200،000 ރުފިޔާއަށް ވުރެ މަތީ އަދަދެއް ޖަމާވެއްޖެ ނަމަ އެ ކަން އެމްއެމްއޭއަށް އެނގިގެން ބަލާނެ ކަމެވެ. އެހެންކަމުން ރާއްޖޭގައި އަމިއްލަ އެކައުންޓަކަށް ފައިސާ ދައުރުކޮށްގެން މަނީ ލޯންޑަ ކުރެވޭނެ އެއްވެސް ފުރުސަތެއް ނެތް ކަމަށް ޔާމީން ތަކުރާރުކޮށް ވިދާޅުވިއެވެ.

ޖަލު ހުކުމް ތަންފީޒް ކުރަމުން ދިޔަ ރައީސް ޔާމީން މިހާރު ހުންނެވި ގެކޮޅަށް ބަދަލު ކޮށްފައެވެ. އެމަނިކުފާނު ގެކޮޅަށް ބަދަލުކޮށްފައި ވަނީ ނިމިދިޔަ ރިޔާސީ އިންތިހާބުން ކާމިޔާބުވެވަޑައިގެން ޑރ. މުހައްމަދު މުއިއްޒު އެކަމަށް އެދިވަޑައިގެން ގޮވާލެއްވުމުން މިދިޔަ އާދިއްތަ ދުވަހުގައެވެ.