ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި، އަހުމަދު ކްރިކް ރިޒާގެ މައްޗަށް ދައުލަތުން އުފުލި ދައުވާތައް އަނބުރާ ގެންގޮސްފައިވާ ކަމަށް ދައުލަތުން ބުނެފިއެވެ.
މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން މއ. ކުރިކީލަހިޔާ އަހްމަދު ރިޒާ "ކްރިކް ރިޒާ" މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1.12 މިލިއަން ޑޮލަރު ހޯއްދަވައި، އެ ފައިސާ ސަން ސިޔާމްގެ ދެ ކުންފުންޏެއް މެދުވެރިކޮށް ލޯންޑާ ކުރެއްވި ކަމުގެ ތުހުމަތު ޔާމީންގެ މައްޗަށް ކޮށްފައި ވާއިރު ކްރިކް ރިޒާގެ މައްޗަށް ކޮށްފައިވާ ދައުވާތަކަކީ މަނީ ލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ދައުވާއެވެ.
ތަހުގީގުގެ ބޭރުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު އާއި ކްރިކް ރިޒާއާ ބައްދަލުކޮށް ދައްކާފައިވާ ވާހަކަތަކެއް ހުރި ކަމަށް ބުނާ އޯޑިއޯއެއް ތަހުލީލުކޮށް ނިމެންދެން ވަގުތީ ގޮތުން ކްރިކްގެ ބައި ދައުލަތުން ގެން ދިޔައީ 12 ޖުލައި 2023 ގައެވެ.
މި މައްސަލާގައި ދައުވާކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މިއަދުގެ ޝަރީއަތުގެ އަޑުއެހުމުގައި ވަނީ ކްރިކް ރިޒާގެ ބަޔަށްވީ ގޮތް ސާފުކޮށްދިނުމަށް ޔާމީންގެ ވަކީލުން އެދިވަޑައިގެންފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ދައުލަތް ތަމްސީލްކުރައްވާ ޕީޖީގެ ވަކީލު އަހުމަދު ޝަފީއު ވިދާޅުވީ، އޯޑިއޯ ތަހުލީލުކުރުމަށް ފުލުހަށް އެންގި ނަމަވެސް މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ޕީޖީން ބޭނުންވާ ވަރަށް ތަހުލީލު ނުކުރެވޭނެ ކަން އެނގުނު ކަމަށެވެ.
އެއަށްފަހު މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ކުރީގެ ނިންމުންތައް ރިވިއުކުރަން އާންމުކޮށް ހުޅުވާލުމުން ރިޒާ ވަނީ އޭނާގެ މައްސަލަ އަނބުރާ ގެންދަން އެދި ހުށަހަޅާފައި ކަމށް ޝަފީއު ވިދާޅުވިއެވެ. ޕީޖީން މައްސަލަ ރިވިއުކުރުމަށް ފަހު ރިޒާގެ ފަރާތުން ފާހަގަކުރި މައްސަލަ ބެލުމުގައި ހުރި ލަސްކަން ފާހަގަ ކުރެވުނު ކަމަށާއި ރިޒާގެ މައްސަލަ މިހާރު ވާނީ ފައިލްކޮށް ދައުވާތައް އަނބުރާ ގެނެސްފައި ކަމަށް އޭނާ ވިދާޅުވިއެވެ.
މި މައްސަލާގައި ދެން ދައުވާކޮށްފައިވާ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން، އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށް ކުރާ ދައުވާތަކުގެ ޝަރީއަތާއި ޔާމީންގެ ޝަރީއަތް ވަކިން ގެންދިއުމަށް ވެސް މިހާރު ވަނީ ނިންމާފައެވެ. ކްރިކް ރިޒާއެ އޯޑިއޯ ޔާމީނަށް ދޫކޮށް ދިފާއީ ހެއްކެއް ގޮތަށް ހުށަހަޅަން ފުރުސަތު ދޭން ވެސް ޔާމީންގެ ފަރާތްޕުޅުން އެދިވަޑައިގަތެވެ. ނަމަވެސް މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ނިންމެވީ އެ ފުރުސަތު ދެވެން ނެތް ކަމަށެވެ.