ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު އިންޑިއާގެ އަދާނީ ގުރޫޕަށް ވިއްކާލަން އުޅޭ ކަމަށް ބުނެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކުރެއްވި ތުހުމަތުތައް ސަރުކާރުން ދޮގު ކޮށްފިއެވެ.

އިއްޔެ ރޭ ޕީއެންއެފް އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ، އެ އެއާޕޯޓު ތަރައްގީ ކުރަމުންދަނީ އިންޑިއާގެ ވަރަށް ބޮޑު އެހީތެރިކަމާއެކު ކަމަށެވެ. އަދި ސަރުކާރުން ވިއްކާލަން ނިންމާފައިވާ ތަންތަނުގެ ތެރޭގައި ހަނިމާދޫ އެއާޕޯޓު ވެސް ހިމެނޭ ކަމަށް ޔާމީން ވަނީ ވިދާޅުވެފައެވެ.

އަދި ދާދިފަހުން ރައީސް ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގައި އަދާނީ ގުރޫޕުގެ އިސްވެރިންނާ ބައްދަލު ކުރައްވާ އެ މަޝްވަރާތައް ކުރިއަށް ގެންދެވި ކަމަށް ޔާމީން ތުހުމަތު ކުރެއްވިއެވެ.

"އަޅުގަނޑަށް އެނގިފައި އޮތް ގޮތުން ވިއްޔާ މިފަހަރު [ރައީސް މުހައްމަދު މުއިއްޒު] ސިންގަޕޫރުގައި ބައްދަލު ކުރެއްވި މީހުންގެ ތެރޭގައި އަދާނީ ގްރޫޕުގެ ޗެއާމަންއާ ބައްދަލު ކުރެއްވި،"
ޔާމީން

މީގެ އިތުރުން ވެސް ޔާމީން ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ރާއްޖޭގެ މިނިވަން ދުވަހާ ދިމާކޮށް ވަޑައިގަންނަވާކަން ފާހަގަކޮށް އެ ދަތުރުފުޅުގައި ރާއްޖެއަށް 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނެއް ހަމަޖައްސައިދޭނެކަމަށް ވިދާޅުވެފައެވެ. އަދި އެކަން އެގޮތަށް ކުރަނީ ސަރުކާރުން ރައްޔިތުންނަށް ވިސްނުވައިދޭން ބޭނުން ވަނީ ގިނަ މަޝްރުއޫތައް ކުރިއަށްދާނެ ކަމަށް ދައްކުވާދޭން ކަމަށްވެސް ޔާމީން އެ ރޭ ތުހުމަތު ކުރެއްވިއެވެ.

ނަމަވެސް އެހެން އެމަގުން ނުހިނގާނެކަން ފާހަގަ ކުރައްވާ ސަބަބެއްގެ ގޮތުގައި ޔާމީން ދެއްކެވީ ލޯނުގެ ދަށުން ކޮންޓްރެކްޓް އަދި ސާމާނު ވެސް ގެންނަނީ އިންޑީއާއިން ކަމަށް ވުމުންނެވެ.

ޔާމީންގެ އެ ވާހަކަތަށް ދޮގު ކުރައްވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެކްސްގައި މިއަދު ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހަނިމާދޫ އެއާޕޯޓް ބޭރުގެ ފަރާތަކަށް ވިއްކާލަން ނުވަތަ ކުއްޔަށްދޭން އުޅޭކަމަށްބުނެ ފަތަރަމުންދާ ވާހަކަ ތަކަކީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ވިދާޅުވެފައެވެ. އަދި އެކަމާ ބެހޭގޮތުން ސިންގަޕޫރުގައި ބަޔަކާއި ބައްދަލުކުރިކަމަށްބުނެ ފަތުރަމުންދާ ވާހަކަތަކަކީ ވެސް ބުހުތުާނު ދޮގެއް ކަމަށް ސައީދު ވިދާޅުވިއެވެ.

ހަނިމާދޫ އެއާޕޯޓު ތަރައްގީކުރަން ހިންގާ ދެ ބިލިއަން ރުފިޔާގެ ބިޔަ މަޝްރޫއަކީ އުތުރުގައި ސަރުކާރުން އެންމެ ބޮޑު ހަރަދެއް ކޮށްގެން ހިންގާ މަޝްރޫއު އެވެ. މި މަޝްރޫއަށް ބޭނުންވާ ފައިސާ ހަމަޖެއްސީ އިންޑިއާގެ އެގްޒިމް ބޭންކުން ނަގާފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުންނެވެ. އަދި ކޮންޓްރެކްޓަރަކީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް (މިހާރު ކަލްޕަތަރޫ ޕްރޮޖެކްޓްސް) އެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް ނިމޭ އިރު، މި އެއާޕޯޓަށް އޭ320 އަދި ބޮއިން737 ފްލައިޓުތަކަށް ޖެއްސޭނެ އެވެ. އަދި 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ އެވެ.