ކުރީގެ ރައީސް އަބްދުﷲ ޔާމީން އަންގަވައިގެން 17 މިލިއަން ރުފިޔާގެ ފައިސާ ހިލާލީގެއިން އޭރު ނެރެފައިވާ ކަމަށް، މުލީއާގޭގެ އެކްސްޓާނަލް އެފެއާޒްގެ ކުރީގެ ހެޑް އަބްދުﷲ ރަޝީދު ކްރިމިނަލް ކޯޓުގައި ބުނެފިއެވެ.

ރ. ފުއްގިރި ކުއްޔަށް ދިނުމުގައި ޔާމީން ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑާކުރި ކަމަށް ކުރާ ދައުވާގެ މިއަދުގެ އަޑުއެހުމުގައި ހެކިބަސް ދެމުން އަބްދުﷲ ބުނީ، މީދޫ ދާއިރާގެ މެންބަރު އަދި ސަން ކުންފުނީގެ ޗެއާމަން އަހްމަދު ސިޔާމް މުހައްމަދަށް ދޭން ޖެހޭ ފައިސާ ހުރި ކަމަށް ވިދާޅުވެ، ހިލާލީގެއަށް އައުމަށް ޔާމީން އޭރު އެންގެވި ކަމަށެވެ.

މިހާރު ވެސް ޔާމީންގެ ގެ އާއި ކާރުތައް ބެލެހެއްޓުން ފަދަ މަސައްކަތްތައް ކުރާ އަބްދުﷲ ބުނީ:

  • ހިލާލީގެއަށް އޭނާ ދިޔައިރު ސިޓިން ރޫމްގެ މޭޒެއްގައި 17 މިލިއަން ރުފިޔާ ބަހައްޓާފައި ހުރި ކަމަށް
  • 17 މިލިއަން ރުފިޔާކަން އެނގުނީ ޔާމީން ވިދާޅުވުމުން ކަމަށާއި އެއީ ޑޮލަރު މާރުކުރަން ސިޔާމަށް ދޭ ފައިސާ ކަމަށް
  • ފައިސާތައް ހުރީ ބައިލައްކަ ރުފިޔާއިން ބަންޑެލިކޮށްފައި ކަމަށް، އެއީ 344 ބަންޑެލި ކަމަށް

އެ ފައިސާ އޭނާ އެޅީ ލަގެޖު ފޮށްޓަކަށް ކަމަށާއި، ފައިސާ އާ ހަވާލުވުމަށް ސިޔާމްގެ ޑްރައިވަރު ހިލާލީގެ ކައިރިއަށް އައި ކަމަށް އޭނާ ބުންޏެވެ. އެކަން ހިނގީ 2016 ވަނަ އަހަރުގެ މެދެއްހާ ހިސާބުގައި ކަމަށް ވެސް އަބްދުﷲ ބުންޏެވެ.

އަބްދުﷲ ގެ އިތުރުން ޔާމީނަށް ރިޝްވަތު ދިން ކަމަށް ތުހުމަތުކުރި އަހްމަދު ކްރިކް ރިޒާ ވެސް މިއަދުގެ އަޑުއެހުމުގައި ހެކިބަސް ދީފައިވެއެވެ. އޭނާ ބުނީ ޔާމީނާ ފައިސާގެ އެއްވެސް މުއާމަލާތެއް ކޮށްފައި ނުވާނެ ކަމަށާއި، އެކަމަކު ފުއްގިރި ކުއްޔަށް ނަގަން ބޭނުން ވެގެން ބޭރުގެ ކުންފުންޏަކަށް ލަފާދީފައިވާނެ ކަމަށެވެ. އޭގެ ތެރެއިން އެއް ބައްދަލުވުމުގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ހުންނެވި ކަމަށް ވެސް ކްރިކް ރިޒާ ބުންޏެވެ.

މި މައްސަލައިގައި ހެކިންގެ ހެކިބަސް ނަގައި ވަނީ ނިންމާލައިފައެވެ. ދެން އޮތީ ހެއްކާ ގުޅޭގޮތުން ވާހަކަ ދައްކައި ހުލާސާ ބަޔާން އިއްވުމަށް ފަހު ހުކުމްކުރުމެވެ.

ފުއްގިރި މައްސަލައިގައި ޔާމީންގެ މައްޗަށް ކުރަނީ ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނާ ދައުވާއެވެ. މި މައްސަލައިގައި އެންމެފަހުން ބޭއްވި އަޑުއެހުމުގައި ޔާމީންގެ ދިފާއީ ހެއްކެއްގެ ގޮތުގައި ތިއްބެވި ދެ ބޭފުޅުން ކަމަށްވާ މާލޭގެ ކުރީގެ ޑެޕިއުޓީ މޭޔަރު އަދި ޔޫތު މިނިސްޓްރީގެ އެޑްވައިޒަރު އަހުމަދު ނަރީޝާއި އެފްއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޝުއާއުﷲ ސައީދު ވަނީ ހެކިބަސް ނުދޭން ނިންމައިފައެވެ.