މާލެ ސިޓީ ކައުންސިލް ދެކެނީ އެއް ފެމިލީއެއްގެ ގޮތުގައި ކަމަށް އިންތިހާބީ ރައީސް އަދި މާލެ ސިޓީ ކައުންސިލްގެ މޭޔަރު، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިފައިން ވިދާޅުވީ މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 119 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު މިއދު ބޭއްވި އާންމު ޖަލްސާއަކީ މުއިއްޒު ބައިވެރިވެވަޑައިގަންނަވާ އެ ކައުންސިލްގެ އެންމެ ފަހު ޖަލްސާއެވެ.
މިއަދާ ހަމައަށް ކައުންސިލް ހިނގުމުގައި ދިމާވި ވަރަށް ދަތިތައް ހުރިކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ ބޮޑެތި ކަންކަން ނިންމަން އުޅެ އުޅެ ނުވެ ދިޔަ ކަމަށާއި އެގޮތުން ލޭންޑް ޔޫސް ޕްލޭން ފާސް ނުވުމާއި ކުންފުނި ރަޖިސްޓްރީއެއް ނުވުމާއި ޕާކިން ބިލްޑިންތައް އަޅަން ހުއްދަ ނުލިބުމާއި މަގު ހެދުމުގެ މަޝްރޫއު ގެންދިއުން ހިމެނޭ ކަމަށެވެ. އަދި އެފަދަ ކަންކަން އެހެން ކައުންސިލަތަކަށް ވެސް ދިމާވެފައިވަނީ ސިޔާސީ ފިކުރު ދިމާ ނުވުމުން ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ވަރަށް ބޮޑަށް އެކަމާ ވިސްނާފައިވަޑައިގެން އެލްޖީއޭ ބާރުވެރި ކުރެވަން އެކަމަށް ހާއްސަ މިނިސްޓަރެއް ބަހައްޓައިގެން ކޮންމެ ދުވަހަކު ކައުންސިލްތަކުން ސަރުކާރުގެ ތެރެއިން ލިބެން ޖެހޭ ހުއްދަތައް ލިބުމާއި ކައުންސިލްތައް ހިންގާނެ ގޮތް ހެދުމަކީ ކުރިއަށް ގެންދާނެ ގޮތް ކަމަށެވެ.
މުއިއްޒު ވިދާޅުވީ 17 ނޮވެންބަރަށް ފަހު ފެނިގެންދާނީ މާލެ ސިޓީ ކައުންސިލުން އަދި އެހެން ކައުންސިލްތަކުންވެސް ހުއްޓިފައި ނުހިނގާ އަދި ހުއްދަ ނުލިބި ނުފެށި ހުރި ހުރިހާ ކަމެއްވެސް ފަސޭހަކަމާއެކު ހުއްދަ ލިބިގެން ކައުންސިލަލްގެ ދައުރު ފުރިހަމައަށް އަދާކުރުމުގެ ފުރުސަތު ފުރިހަމައަށް ލިބިގެންދާނެތަން ކަމަށެވެ. އަދި މާލެ ސިޓީ ކައުންސިލްގައި ވެސް މަޑު ޖެހިފައި ހުރި ކަންކަން ބާރަށް ހިނގާނެ ކަމަށް މުއިއްޒު ވިދާޅުވިއވެެ.
މުއިއްޒު ވިދާޅުވީ ހަގީގީ މާނާގައި ލާމަރުކަޒީ ނިޒާމް ހަރުދަނާކުރެވިގެންދާނެ ކަމަށާއި ކުރިއަށް އޮތީ މާލެ ސިޓީ ކައުންސިލަށްވެސް މިކަހަލަ ކަންކަން ރަނގަޅަށް ހަމަޖެހިގެންދާ ދުވަސްކަން ގަބޫލުކުރައްވާ ކަމަށެވެ. އަދި މި ދޭ ހިދުމަތްތައް މިހާރަށްވުރެ ހަރުދަނާކުރުން ކަމަށާއި ސަރުކާރު ވާނީ ކައުންސިލްތަކަށް ވަރަށް ފަހި ސަރުކާރަަކަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ރައްޔިތުން އުފާވެރިކަން މަތީގައި ބައިތިއްބުމަށް މާލެ ސިޓީ ކައުންސިލުންވެސް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުމަކީ އެދޭ އެދުމެއް ކަމަސާއި ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ. އަދި މާލޭގެ ބައެއް ދާއިރާތަކަށް ވައުދުވެވަޑައިގެންނެވި ކަންކަން ފުރިހަމަކޮށްދެއްވާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
މުއިއްޒު ވިދާޅުވީ އޭނާއަކީ ރައްޔިތުން ގާތަށް ގޮސް ކަމެއް ކޮށްދޭން ވިދާޅުވުމަށްފަހު އެކަމާ ދުރަށް ރެކެން މަސައްކަތް ކުރާނެ މީހަކަށް ނުވާނެ ކަމަށެވެ. އަދި އަމަލާ ބަހާ ދިމާވާނެ ކަމަށާއި މުޅި ކެމްޕެއިންގައި ވެސް ހަގީގީ މާނާގައި ނުކޮށްދޭނެ އެއްވެސް ކަމެއްގެ ވާހަކަ ދައްކާފައި ނުވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ޓީމެއްގެ ގޮތުގައި މި މަސައްކަތްކުރީ ވަރަށް އުފާވެރި ދުވަސްތަކެއް ކަމަށާއި ކޮންމެ ބޭފުޅަކާ އެކީގަ ކުރެވުނު މަސައްކަތަށް ފަށްފަށުން ޝުކުރު ދަންނަވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ފުރިހަމަ އެހީތެރިކަން ލިބޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ވަރަށް އުފާވެރި ދުވަސްތަކެއް އަޅުގަނޑުމެން ޓީމެއްގެ ގޮތުގައި މި މަސައްކަތް ކުރެވުނީ. އަޅުގަނޑު ވަރަށް އުފާކުރަން ޓީމު ވޯކަށް. ކޮންމެ ބޭފުޅަކާ އެކީގަ ކުރެވުނު މަސައްކަތަށް ފަށްފަށުން ޝުކުރު ދަންނަވަން.
މުއިއްޒު އިތުރަށް ވަނީ މަސައްކަތް ކުރާ ކޮންމެ ހިސާބެއްގައި ހުއްޓަސް ދެކެނީ ވަރަށް ގާތް ބޭފުޅުންގެ ގޮތުގައި ކަމަށާއި ވަރަށް އެކީގައި އެ ދިޔަ ދުވަސްތަކަކީ ވަރަށް އުފާކުރާ އަގުވަޒަންކުރާ ދުވަސްތަކެއް ކަމަށެވެ. އަދި ކުރި ހުރިހާ މަސައްކަތެއް ބަލައިގަންނަ ކަމަށާއި ދެކެނީ އެއް ފެމިލީއެއްގެ ގޮތުގައި ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މިއަދުގެ ކައުންސިލްގެ ޖަލްސާގައި ކައުންސިލަރުން ވަނީ މުއިއްޒު ހޯއްދެވި ކާމިޔާބީއަށް މަރުހަބާ ދަންނަވާ، ކައުންސިލުގައި ހޭދަކުރެއްވި ދުވަސްތަކުގައި ދެއްވި އެއްބާރުލެއްވުމާއި ކުރެއްވި ބުރަ މަސައްކަތްތައްވެސް ފާހަގަކުރައްވާފައެވެ. އަދި ވަކި ވަގުތެއް ނުބައްލަވާ ކައުންސިލްގެ މަސައްކަތްތަކުގައި ކައުންސިލަރުންނާ ގުޅުއްވާ ކުރެއްވި މުރާލި މަސައްކަތްތައް ދެންވެސް ކުރައްވާނެ ކަމަށް ޔަގީންކުރައްވާ ކަމަށް ކައުންސިލަރުން ވަނީ ވިދާޅުވެފައެވެ.