އަޟްހާ އީދު ދުވަހު ހަވީރު މާލެ ސަރަހައްދުގައި ވެހިކަލް ދުއްވުން މަނާވާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.

އެ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ އަންނަ ހުކުރު ދުވަހު ފާހަގަކުރާ އަޟްހާ އީދު ދުވަހު ހަވީރު 4:00 އިން އިރުއޮއްސި 06:00 ޖަހަންދެން މާލޭގައި ވެހިކަލް ދުއްވުން މަނާވާނެ ކަމަށެވެ.

އެގޮތުން އިންޖީނުލީ އަދި ބެޓަރި އުޅަނދުވެސް ދުއްވުމަކީ މަނާކަމެއް ކަމަށް ކައުންސިލުން ބުނެއެވެ.

ނަމަވެސް ވެހިކަލް ދުއްވުން މަނާ ގަޑީގައި އެމަޖެންސީ ހާލަތުތަކުގައި ދަތުރުކުރާ ވެހިކަލްތަކަށް ދޫކުރާ ހާއްސަ ސްޓިކާ މާލެ ސިޓީ ކައުންސިލުގެ އާންމު ހިދުމަތްތަކާ ބެހޭ ބައިން ހުކުރު ދުވަހު ހެނދުނު 08:30 އިން ފެށިގެން 10:30 އަށް އަދި މެންދުރުފަހު 14:00 އިން 15:45 އަށް ދޫކުރާނެ ކަމަށް އެ އިއުލާނުގައި ވެއެވެ.

ކޮންމެ އަހަރެއްގެވެސް ފިތުރު އީދު އަދި އަޟްހާ އީދު މި ދެދުވަހު ހަވީރު ވެހިކަލް ދުއްވުން މަނާކުރާ ގޮތަށް ކަނޑައެޅީ މިދިޔަ އަހަރުގެ ޖޫން 13 ވަނަ ދުވަހު ބޭއްވި މާލޭ ސިޓީ ކައުންސިލްގެ 04 ވަނަ ދައުރުގެ 150 ވަނަ ރަސްމީ އާންމު ޖަލްސާއިންނެވެ. އަދި މި ނިންމުމާ ހިލާފުވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

މި އަހަރުގެ ބޮޑު އީދު ދުވަސް ދިމާވަނީ އަންނަ ހުކުރު ދުވަހާ އެވެ. ކަލަންޑަރުގައި ބަންދު ކަމަށް ކަނޑައަޅާފައިވާ ދުވަސްތައް ފިޔަވައި އިތުރު ދުވަހެއް އީދާ ގުޅިގެން ބަންދު ނުކުރުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.