ކޮންމެ ހުކުރު ދުވަހެއްގެ ވެސް ހެނދުނުގެ ވަކި ވަގުތެއްގައި މާލެ އާއި ވިލިމާލޭގެ ބައެއް މަގުތަކުގައި ވެހިކަލް ނުދުއްވޭ ގޮތް ހެދުމަށް މާލޭ ސިޓީ ކައުންސިލުން ފާސްކޮށްފިއެވެ.

މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ200 ވަނަ ޖަލްސާގައި މިފަދައިން ނިންމުމަށް ހުށަހަޅާފައި ވަނީ މޭޔަރު އާދަމް އާޒިމް އެވެ. އާޒިމް އެދުނީ، މާލޭގެ ބޮޑެތި މަގުތައް ފިޔަވައި އެހެން ހުރިހާ މަގުތަކެއްގައި ހުކުރު ދުވަސްތަކުގެ ފަތިހު 5:30 އިން ހެނދުނު 9:00 އަށް ވެހިކަލް ނުދުއްވޭ ގޮތަށް ހަމަޖެއްސުމަށެވެ.

އޭގެ ސަބަބެއްގެ ގޮތުން މޭޔަރު ފާހަގަ ކުރެއްވީ ކުޑަކުދިން ގެއިން ބޭރަށް ނުކުމެ، މަގުމަތީގައި ކުޅެ އުޅުމުގެ ފުރުސަތު ހޯދައިދިނުމުގެ މަގްސަދުގައެވެ.

"ކުދިންތައް ކޮޓަރި ތަކުގެ ތެރޭގައި އެ ތިބެނީ ހަތަރުދަމު. އެ ގަޑިއަކީ އެހާ ޓްރެފިކް ހައި ގަޑިއެއް ވެސް ނޫން، އެހެން ނަމަވެސް ބައެއް މީހުން ވަރަށް ބާރަށް ސައިކަލު ދުއްވާ، އެހެންވެ ރައްކާތެރިވާނެ އެކަހަލަ މަގުތައް އެ ވަގުތަށް ބަންދު ކޮށްލެވުނީމަ. ކުދިންނަށް ރަކާތެރިކަން ލިބޭނެ އެހެން ހަދައިފިއްޔާ،" އާޒިމް ވިދާޅުވިއެވެ.

މޭޔަރުގެ މި ހުށަހެޅުމަށް ބަހުސް ކުރައްވަމުން ވިލިމާލެ ކައުންސިލަރު ފާތިމަތު ނަހުލާ ވަނީ ކޮންމެ ހުކުރު ދުވަހެއް ވަކި މަގުތަކެއް ބަންދު ނުކޮށް މަހެއްގެ ކޮންމެވެސް ދުވަސްތަކެއް ކަނޑައެޅުމަށެވެ.

އޭގެ ބަދަލުގައި ކައުންސިލަރު ސައިފް ފާތިހު އާއި ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝް ވަނީ މޭޔަރުގެ ވާހަކަތަކަށް ތާއީދު ކުރައްވާފައެވެ. އެކަމަކު އަރީޝް ވަނީ ހެނދުނު 06:00 އިން 09:00 އަށް ބަދަލު ކުރުމަށް ހިޔާލު ހުށަހަޅުއްވާފައެވެ.

އަދި އިތުރު މަޝްވަރާއަށްފަހު ކައުންސިލުން ނިންމީ ހުކުރު ދުވަސްތަކުގެ ހެނދުނުގެ އެ ވަގުތުތަކުގައި ބައެއް މަގުތަކުގައި ވެހިކަލް ނުދުއްވޭ ގޮތަށް ބަންދު ކުރުމަށެވެ. މީގެ ކުރިންވެސް ހުކުރު ދުވަހު މާލޭގެ ބައެއް މަގުތައް ވަކި ވަގުތެއްގައި ބަންދުކޮށްފައި ވެއެވެ. އެއީ މޭޔަރު ޝިފާ ހުންނެވި ދުވަސްވަރުއެވެ.