ބުޅާ ގެންދަން އިމާރާތްކުރި 'އޮޅުހިޔާ' ފެސިލިޓީ މާލެ ސިޓީ ކައުންސިލުން މިނިސްޓްރީގެ ދަށަށް ގެންދަން ޖެހުނީ އެ ތަނުން ދޭން ޖެހޭ ހިދުމަތް ދިނުމަށް ބޭނުންވާ ވަސީލަތްތައް ފުރިހަމަކުރުމަށް ތަކުރާރުކޮށް އެދުމުން ވެސް ސިޓީ ކައުންސިލުން އެކަން ކޮށްފައި ނެތުމުން ކަމަށް، އެގްރިކަލްޗާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މާރިޔާ ވިދާޅުވީ، މިދިޔަ ފެބްރުއަރީ މަހު ސިޓީ ކައުންސިލުން މިނިސްޓްރީ އާ ހަވާލުކުރިއިރު، 'އޮޅުހިޔާ' ހުރީ ބޭނުންކުރެވޭ ގޮތަށް ނޫން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ބުޅާ ފެސިލިޓީ ގާއިމްކުރުމަށް ސިޓީ ކައުންސިލާއި މިނިސްޓްރީ އާ ދެމެދު ވެވުނު އެއްބަސްވުމުގައި ފެސިލިޓީ ގާއިމްކޮށް ފެބްރުއަރީ 22، 2024 ގައި ހިދުމަތް ދޭން ފަށަން ވާނެ ކަމަށް އޮތް ނަމަވެސް، އެ ތާރީހުގައި މަސައްކަތް ނިމިފައިނުވާތީ ކައުންސިލާ މަޝްވަރާކުރުމަށް ފަހު މަހެއްހާ ދުވަސް އިތުރުކޮށްދީފައިވާނެ ކަމަށެވެ. އޭގެ ފަހުން ވެސް ތަކުރާރުކޮށް މަސައްކަތްތައް ނިންމުމަށް ކައުންސިލްގައި އެދިފައިވާނެ ކަމަށް ވިދާޅުވިއެވެ.

ފެސިލިޓީ ހުޅުވުމުގެ ކުރިން ހިދުމަތް ދިނުމަށް ބޭނުންވާ ވަސީލަތްތައް ލިބޭނެ ކަމަށް ކައުންސިލުން ބުނިކަމަށާއި، އެކަމަކު އެ ތަން ހުޅުވުމަށް ފަހު ވެސް ފުރިހަމަކުރަން ޖެހޭ ކަންކަން ފުރިހަމަކޮށްފައި ނުވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"އަދި މި ކަންކަން ފުރިހަމަކުރުމަށް ތަކުރާރުކޮށް ސިޓީ ކައުންސިލްގައި އެދުމުން ވެސް ފުރިހަމަކޮށްފައި ނުވާތީ، އެމްއޯޔޫ ނިމުމަކަށް ގެންނަން މިނިސްޓްރީއަށް ޖެހުނީ،"

މިނިސްޓަރު ވިދާޅުވިގޮތުގައި މިނިސްޓްރީން މިހާރު ދަނީ އެ ކަންކަން ފުރިހަމަކޮށް ތަރުތީބުކުރަމުންނެވެ. މި މަސައްކަތުގައި މަޖިލީހުގެ ޒިންމާއެއް އޮތް ކަމަށް ވިދާޅުވެ، މިނިސްޓަރު ވިދާޅުވިގޮތުގައި ބުޅަލުގެ މައްސަލަ ހައްލުވާނީ ބްރީޑްކުރުމަށް ބުޅާ އެތެރެކުރުމުގެ ހުއްދަދިނުން ހުއްޓާލައި ނިއުޓާކުރަން ލާޒިމްކޮށް، ޖަނަވާރުގެ ބިލު މަޖިލީހުން ފާސްކުރުމުންނެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިއްކި ސަރަހައްދުން 5000 އަކަ ފޫޓުގެ ބިމެއްގައި ތަރައްގީކޮށްފައިވާ އޮޅުހިޔާ އަކީ މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް ބަލަހައްޓާ ކަރަންޓީނުކުރަން ހެދި ތަނެކެވެ. މި ތަނުގައި ކްލިނިކަކާއި ލެބޯޓްރީއެއްގެ އިތުރުން ބުޅާތަކަށް ހާއްސަ ބޭސްވިއްކުމަށް ފާމަސީއަކާއި އެ ބުޅާތައް އުޅޭނެ ސަރަހައްދެއްވެސް ހަދާފައިވެއެވެ.