އެމްޑީޕީގެ އެތެރޭގެ މަގާމަކަށް ވުރެ ބޮޑަށް މިވަގުތު ކުރައްވަމުން ގެންދަވާ މަސައްކަތަކީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ ވަރުގަދަ ކުރުން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބަށް ފަހު ފުރަތަމަ ފަހަރަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކުރުމަށްޓަކާ ވަރުގަދަ އިދިކޮޅުޕާޓީއެއް އޮންނަން ޖެހޭ ކަމަށާއި އެހެންކަމުން އެކަމުގެ މަސައްކަތް ވަރަށް ބާރަށް ކުރަމުންދާ ކަމަށެވެ.
ރިޓަޔާކުރައްވާނެ ކަމަށް ވިދާޅުވީ ވެރިކަމުގެ ދެވަނަ ދައުރަކަށް ފަހުގައި ކަމަށާއި އޭގެ ކުރިން އެމަނިކުފާނުގެ މިވަގުތު އެންމެ ބޮޑު އިސްކަންދެއްވާނެ ކަމަކީ އެމްޑީޕީ ވަރުގަދަ ކުރުން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ސިޔާސީ ކުރިމަގާ މެދު އޭގެ ފަހުން ގޮތެއް ނިންމަވާނެ ކަމަށް ވިދާޅުވިއެވެ.
"އެމްޑީޕީއަކީ އެކަން ކުރެވޭނެ ޕާޓީއެއް ކަމަަށް އަޅުގަނޑު ދެކެނީ އެހެންވީމާ (ޕާޓީގައި) އަަޅުގަނޑު ހުންނަ މަގާމެއް ނޫން މިވަގުތު މުހިންމީ. ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ޓަކައި، ރައްޔިތުންނަށް ހިދުމަތް ކުރުމަށް ޓަކައި، އެމްޑީޕީ ވަރުގަދަކޮށް ބޭއްވުމަށް ޓަކައި ކުރަން ޖެހޭ މަސައްކަތް އަޅުގަނޑު ކުރަމުން މިގެންދަނީ،" ރައީސް ވިދާޅުވިއެވެ.
އިންތިހާބުގެ ކުރިން ރައީސް ވިދާޅުވެފައި ވަނީ ދެ ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންފި ނަމަ އެ ދައުރު ނިންމަވާފައި ރިޓަޔާ ކުރައްވާނެ ކަމަށެވެ. ނަމަވެސް ދެވަނަ ދައުރަކަށް އިންތިހާބު ނުވުމުން ފެނިގެންދާނީ އިދިކޮޅު ޕާޓީ މެދުވެރިކޮށް، ސަރުކާރު ޒިންމާދާރު ކުރުވުމުގެ މަސައްކަތުގެ ތެރެއިން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މި އިންތިހާބުގެ ފުރަތަމަ ބުރުގައި ވެސް ރައީސްގެ މައްޗަށް 15 ހާސް ވޯޓުގެ ތަފާތަކުން ކުރި ހޯއްދެވި މުއިއްޒު ވަނީ އެ ބުރުގައި 101،635 ވޯޓު ހޯއްދަވާފައެވެ. ރައީސަށް އެ ބުރު ލިބިވަޑައިގަތީ 86،161 ވޯޓެވެ.
ދެވަނަ ބުރުގައި މި ތަފާތު ބޮޑުކުރައްވައި 19،291 ވޯޓުން މުއިއްޒު ކުރި ހޯއްދަވާފައި ވާ އިރު މިއީ ވާދަވެރި އިންތިހާބެއްގައި ބޮޑު ކޯލިޝަނަކަށް ނުވާ ކޯލިޝަނަކާއެކު އެކަނި އެއް ކެންޑިޑޭޓަކު ތަފާތު ބޮޑުކޮށް ކާމިޔާބު ކުރެއްވި އިންތިހާބެވެ. ދެވަނަ ބުރުގައި ޕީޕީއެމް އަދި ޕީއެންސީ އާ ކޯލިޝަން ހެދީ 2000 ވޯޓު ހަމަ ނުވާ އެމްއެންޕީންނެވެ.