ރަސްމާލެއިން އެންމެ ވެލިފުކެއް ވެސް ބޭރު ބަޔަކަށް ދޫނުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވުމަށްފަހު، އެތަނުން 500 ހެކްޓަރުގެ ބިން އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލަން ޖެހުނު ސަބަބު ރައްޔިތުންނަށް ސާފުވާންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު އެމްޑީޕީ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ޕީޖީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ނާޒިލް ވިދާޅުވީ، މާލޭ ސަރަހައްދުގައި ރައްޔިތުންގެ ބައިތުލްމާލުން ބޮޑެތި ހަރަދުތަކެއް ކޮށްގެން ހިއްކަމުންދާ ރަސްމާލެއަކީ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ހާއްސަ ތަނެއް ކަމަށް ރައީސް ތަކުރާރުކޮށް ގިނަ ޕޯޑިއަމްތަކުގައި ވިދާޅުވެފައިވާ ކަމަށެވެ. ނަމަވެސް، ގާނޫނުއަސާސީއާ ހިލާފަށް އެތަނުން ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލަން ނިންމުމަކީ މިއަދު ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެއް އޮތް ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ރައްޔިތުންގެ ކައިރީގައި އަހައިނުލައި އެފަދަ ބޮޑު ނިންމުމެއް ނުނިންމޭނެ ކަމަށާއި، މިކަމުގައި ރައްޔިތުން ބަސްބުނަން ބޭނުންވާތީ ރައްޔިތުންގެ ފެންނަ ނުފެންނަ އާންމު ވޯޓަކަށް ދިއުމަށް ގޮވާލައި މަޖިލީހަށް ގަރާރެއް ހުށަހަޅާފައިވާނެ ކަމަށް ނާޒިލް ވިދާޅުވިއެވެ. މި ގަރާރު ހުށަހެޅީ މަޖިލީހުގެ ގަވާއިދުގެ 253 ވަނަ މާއްދާގެ ދަށުން މެންބަރުންނަށް ލިބިދޭ ބާރުގެ ދަށުންނެވެ.
ނާޒިލް އިތުރަށް ވިދާޅުވީ، އެ ގަރާރު މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުވާފައިވަނީ ޖެއްސުމަކަށް ކަމަށް ހީވި ނަމަވެސް، މަޖިލީހުގެ އައު ގަވާއިދުގެ 253 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުން، 14 ދުވަހުގެ ތެރޭގައި ކޮމިޓީގެ މަސައްކަތް ނިންމައި ރިޕޯޓު ހުށަހަޅަންޖެހޭނެ ކަމަށެވެ.
މީގެއިތުރުން، މިހާރު ހެދިފައިވާ އެއްބަސްވުމާއި ސަރުކާރުގެ ވިސްނުމާ އެކީގައި ކުރިއަށް ނުދެވޭނެތީ، ގާނޫނަށް އިސްލާހު ގެނައުމަށްޓަކައި އައު ބިލެއްވެސް މަޖިލީހަށް ހުށަހަޅާފައިވާނެ ކަމަށާއި، އޭގައި ހުރި މުހިންމު ކަންކަން ރައްޔިތުންނަށް ހާމަކޮށްދެއްވާނެ ކަމަށްވެސް ނާޒިލް ވިދާޅުވިއެވެ.
މި މަހުގެ ދެ ވަނަ ދުވަހު އެމްޑީޕީން މަޖިލީހަށް ހުށަހެޅި މި ގަރާރުގެ މައްސަލަ މާލިއްޔަތު ކޮމިޓީއަށް ފޮނުވިކަން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިއުލާން ކުރެއްވީ މިއަދުގެ ޖަލްސާ ފައްޓަވަމުންނެވެ. ގަރާރު ހުށަހެޅުއްވި ނާޒިލް ވިދާޅުވެފައި ވަނީ އެ ގަރާރުގެ މަސައްކަތް މަޖިލީހުގައި ކުރިއަށްދާނެ ކަމަށް ވަރަށް ބޮޑަށް އުއްމީދުކުރައްވާ ކަމަށެވެ. ނަމަވެސް، މަޖިލީހުގެ ގަވައިދަށް ބަދަލު ގެނެސްފައި ވާތީ، ގަރާރަކާ މެދު ބަހުސްކުރަން ވޯޓަކަށް ދިޔުމަކީ ވެސް މެންބަރުންނަށް ވަރަށް ބޮޑު ހުރަހެއްކަން ނާޒިލް ފާހަގަކުރައްވާފައިވެއެވެ.
ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން އާންމު ވޯޓަކަށް ދިޔުމަށް ގޮވާލަން އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފައިވާ އިރު، އަންނަ ބުރާސްފަތި ދުވަހުގެ ރޭ އެކަމަށް ގޮވާލައި، އިހުތިޖާޖު ކުރަން ވެސް އެމްޑީޕީން ވަނީ ނިންމާފައެވެ.
