ގައުމެއްގެ ހަގީގީ ތަރައްގީ ގުޅިފައި އޮންނަނީ އެ ގައުމެއްގެ އަންހެނުންގެ ތަރައްގީއާ ކަމަށާއި، ކޮންމެ މުޖުތަމައެއްގެ ވެސް ދެބައިކުޅަ އެއްބަޔަކީ އަންހެނުން ކަމަށް ވާތީ އެމީހުންގެ ބާރުވެރިކަން އިތުރު ކުރަންޖެހޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ އަންހެނުންގެ ތަރައްގީގެ ކޮމިޓީ (ޑަބްލިއުޑީސީ) ގެ 5 އަހަރުގެ ދައުރުގެ ޕްލޭން ލޯންޗު ކުރުމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ހިންގުމުގެ ނިޒާމުގެ ތެރޭގައި އަންހެނުންނަށް ފުރުސަތުތައް ފުޅާކުރުމަށް އަބަދުވެސް ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ބައެއް ފަހަރު މިކަމުގައި ދަތިތަކާއި ގޮންޖެހުންތައް ކުރިމަތިވި ނަމަވެސް، އަދި ބައެއް ބޭފުޅުންގެ ވިސްނުން އެއްގޮތް ނުވުމުގެ ސަބަބުން ހިޔާލު ތަފާތުވުންތައް އުފެދުނު ނަމަވެސް، އެމްޑީޕީގެ ގިނަ މެންބަރުންނަކީ އަންހެނުންގެ ކުރިއެރުމަށް ތާއީދުކުރާ ފިކުރުގެ ބޭފުޅުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ތާރީހަށް އަލިއަޅުއްވާލައްވަމުން ރައީސް ނަޝީދު ވިދާޅުވީ، ދިވެހިރާއްޖޭގެ އެވޭލާ ޒަމާނުގައި ވެސް އަންހެނުންނަކީ ބޮޑެތި ބާރުތަކެއް ލިބިގެން ތިބި ބައެއްކަން ލޯމާފާނުތަކުން އެނގެން އޮންނަ ކަމަށެވެ. އެގޮތުން އެ ޒަމާނުގައި ރަސްކަން ވާރުތަވަނީ ހަމައެކަނި ފިރިހެނުންގެ ފަރާތުން ނޫން ކަމަށާއި، ރަދުން އަވަހާރަވުމުން ދެން ރަސްކަމަށް އިސްވަނީ އެ ރަދުންގެ ދައިތާފުޅުގެ ދޮށީ ފިރިހެން ދަރިކަލުން ކަމަށް ވިދާޅުވިއެވެ. އަދި ރަސްގެފާނު ރަސްކަން ކުރައްވަން ޖެހިވަޑައިގަންނަވަނީ އެ ދައިތާފުޅުގެ ބެލުމުގެ ދަށުން ކަމަށްވުމީ، ދިވެހި މުޖުތަމައުގައި އަންހެނުންނަށް އޮތް ގަދަރާއި ބާރުވެރިކަން ދައްކުވައިދޭ ހެއްކެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، ލާމަރުކަޒީ ގާނޫނުގެ ދަށުން އިންތިހާބުކޮށްފައިވާ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ދެމެދު މަސައްކަތްތައް ފުށުއަރާ މައްސަލައަށް ވެސް ރައީސް ނަޝީދު ވާހަކަދެއްކެވިއެވެ. ކައުންސިލްތަކާއި ޑަބްލިއުޑީސީތަކުގެ މަސައްކަތްތައް ފުށުނާރާނެ ގޮތަކަށް އިންތިޒާމުތައް ހަމަޖައްސަން ޖެހޭ ކަމަށާއި ކައުންސިލްތަކާއި ޑަބްލިއުޑީސީތަކާ ދެމެދު އެއްވެސް އަރާރުމެއް ނުއުފެދޭނެ ގޮތަށް އެކުވެރިކަމާއެކު މަސައްކަތް ކުރުމަށް ރައީސް ނަޝީދު ގޮވާލެއްވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، ކޮންމެ އިންސާނަކު ވެސް ދުނިޔެއަށް އުފަންވެ ފައިތިލަ ސާބިތުކުރަނީ މަންމައެއްގެ އުނގުން ފެށިގެން ކަމަށާއި، ކައްވަޅަށް ދާންދެން ވެސް އަންހެނުންގެ އިރުޝާދާއި ބެލުމުގެ ދަށުގައި ތިބެންޖެހޭ ހަގީގަތް އެއްވެސް މީހަކު ހަނދާން ނައްތާލައިގެން ނުވާނެ ކަމަށެވެ. އެހެންކަމުން މިއަދު އަންހެނުން ބާރުވެރިކުރުވުމަށް ގެންނަ އިސްލާހީ ބަދަލުތަކަކީ ގައުމުގެ ކުރިމަގަށް ކޮންމެހެން މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
