ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކުރީގެ ފޮރިން މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދު ހައްޔަރުކޮށް، 30 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ދަމަހައްޓަން ހައިކޯޓުން މިއަދު ނިންމައިފިއެވެ.
މި މައްސަލައިގެ ބާވަތުން، އިސްތިއުނާފުގެ އަޑުއެހުންތަކާއި މިއަދު ހުކުމް އިއްވުން ވެސް ކުރިއަށް ގެންގޮސްފައިވަނީ ސިއްރު ކޮށްގެންނެވެ. މައްސަލަ ބެއްލެވި ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އިސްމާއީލް ޝަފީއު، ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާ އަދި ފަނޑިޔާރު ފާތިމަތު ފަރުހީޒާއެވެ.
ހައިކޯޓުގެ ނިންމުމުގައި ފާހަގަކޮށްފައިވަނީ، ދަށު ކޯޓުން އެ އަމުރު ނެރެފައިވަނީ ގާނޫނާ އެއްގޮތަށް ކަމަށާއި އެ ނިންމުމަށް ބަދަލު ގެންނަންޖެހޭ އެއްވެސް ގާނޫނީ ސަބަބެއް ނެތް ކަމަށެވެ. އަދި ފުލުހުންގެ ތަހުގީގަށް ހުށަހަޅާފައިވާ ހެކިތަކަށާއި، ތުހުމަތުގެ ކުޑަބޮޑުމިނަށް ބަލާއިރު، މުޖުތަމައުގެ ރައްކާތެރިކަމަށާއި ތަހުގީގުގެ މަސްލަހަތަށްޓަކައި އޭނާ ބަންދުގައި ބަހައްޓަން ނިންމި ނިންމުމަކީ އިޖުރާއަތްތަކާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށް ވެސް ކޯޓުން ފާހަގަކުރިއެވެ. ނަމަވެސް، މައްސަލައިގެ ބާވަތުން ހުކުމުގައި ހުރި އިތުރު ތަފްސީލުތައް ހާމަކޮށްފައެއް ނުވެއެވެ.
ޝާހިދު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ މި ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު ހުޅުމާލޭގައި އޭނާ ދިރިއުޅުއްވާ އެޕާޓްމަންޓުންނެވެ. އޭގެ އިތުރުން ފުލުހުން ވަނީ އޭނާ މާލޭގައި ދިރިއުޅޭ ގެ ވެސް ބަލައި ފާސްކޮށްފައެވެ.
ޖެހިގެން އައި ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ދިން 30 ދުވަހުގެ ބަންދުގެ މުއްދަތު ހަމަވާނީ އަންނަ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހަށެވެ. ކްރިމިނަލް ކޯޓުގެ އެ އަމުރު ބާތިލުކުރަން ޝާހިދުގެ ފަރާތުން ހައިކޯޓަށް ހުށަހެޅީ މި މަހުގެ 5 ވަނަ ދުވަހު ކަމަށްވާއިރު، އެ މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައިވަނީ ވޭތުވެދިޔަ ހަފްތާގެ ތެރޭގައެވެ.
ފުލުހުންގެ ބަޔާނުގައި ބުނެފައިވަނީ އޭނާ ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކަމަށެވެ. ނަމަވެސް، ހައްޔަރުކުރުމުގެ ކުޑައިރުކޮޅެއް ކުރިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވަނީ އެ ތުހުމަތުތަކަށް ފުރިހަމައަށް އިންކާރު ކުރައްވައި، އެއީ އޭނާގެ އަބުރު ކަތިލުމަށް ސިޔާސީ މަގުސަދެއްގައި ބަޔަކު ފަތުރަމުންދާ ދޮގު ވާހަކަތަކެއް ކަމަށް ވިދާޅުވެފައެވެ.
ސަރުކާރުން މިކަމާ ގުޅިގެން ބުނެފައިވަނީ މި މައްސަލައިގެ ތެރެއަށް ސިޔާސީ އެއްވެސް ނުފޫޒެއް ނުވަންނާނެ ކަމަށާއި، ތަހުގީގު ކުރިއަށްދާނީ ގާނޫނީ ހަމަތަކުގެ މަތިން މިނިވަންކަމާއެކު ކަމަށެވެ.
ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާގެ ލަގަބު އަރުވާފައިވާ އަދި އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސްކަން ވެސް ކުރެއްވި ޝާހިދު މި މައްސަލައިގައި ހައްޔަރުކުރިއިރު، އޭނާ ގެންދެވީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓް ހޯއްދެވުމަށް ކެމްޕޭން ކުރައްވަމުންނެވެ. ޝާހިދަކީ ޖުލައި 1983 ގައި އާދައިގެ މުވައްޒަފެއްގެ ގޮތުގައި ހާރިޖީ ދާއިރާއާ ގުޅިވަޑައިގެން، ކުރީގެ ރައީސް މައުމޫން އަބްދުލްގަޔޫމްގެ ސަރުކާރުގެ އިސް މަގާމުތައް ހިމެނޭހެން ހާރިޖީ ސިޔާސަތާއި، ގާނޫނު ހަދާ މަޖިލީހާއި، ބައިނަލްއަގްވާމީ ލީޑަޝިޕްގެ ދާއިރާއިން 40 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.
