އަބުރާއި އިހުތިރާމު ރައްކާތެރިކުރުމުގެ ނަމުގައި ސަރުކާރުން "ގައުމީ މަޝްރޫއެއް" އެކުލަވައިލަން އުޅޭ އުޅުމަކީ "ކާޓޫނެއް" ފަދަ ކަމެއް ކަމަށާއި، މި ސަރުކާރު ހިނގަމުން ދަނީ އެއްގޮތަކަށް ވެސް ހަމަ މަގުން ނޫން ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ދާދި ފަހުން އެމަނިކުފާނު ނެރުއްވި ކުރު ވާހަކައެއްގައި ގައުމީ މަޝްރޫއެއްގެ ވާހަކަ ހިމަނުއްވާފައިވާނެ ކަމަށެވެ. އަދި އެ ވާހަކަ ޝާއިއުކުރެއްވި ފަހުން، ސަރުކާރުގެ ފަރާތުން "އިހުތިރާމު އިތުރުކުރުމުގެ ގައުމީ މަޝްރޫއެއް" އެކުލަވައިލާ ވާހަކަ ބަޔާންކޮށް އެމަނިކުފާނަށް ކާޑެއް ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވިއެވެ. މިއީ ހަމަ މަޖާ ކާޓޫނެއް ފަދަ ކަމެއްގެ ގޮތުގައި ސިފަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، ކޮންމެ މީހަކު ވެސް ތިމާގެ އަމިއްލަ އަބުރު ރައްކާތެރިކުރަން ޖެހޭނީ އަމިއްލައަށް ކަމަށެވެ.
ނޫސްވެރިކަމުގެ މިނިވަންކަމަށް މިހާރު ދެމުންދާ ހަމަލާތަކަށް ފާޑުވިދާޅުވަމުން ނަޝީދު ފާހަގަކުރެއްވީ، އެމަނިކުފާނު ރައީސް އޮފީހުގައި އުޅުއްވި ދުވަސްވަރު އެ އޮފީހުގެ މުވައްޒަފުންނާއި ސޯފާތަކާ ގުޅުވައިގެން އެފަދަ އެއްވެސް ވާހަކައެއް ދެކެވިފައި ނުވާ ކަމަށެވެ. މިހާރު މި ބާވަތުގެ ވާހަކަތައް ދެކެވެނީ ކޮންމެވެސް ތެދެއް އޭގެ ތެރޭގައި ހިމެނޭތީ ކަމަށާއި، އެ ކަންކަން ފޮރުވުމަށްޓަކައި އެތައް ހުއްޖަތްތަކަކާ އެކު ބޮޑެތި ޖަލްސާތައް ބޭއްވިޔަސް އެއީ ރައްޔިތުންނަށް ގަބޫލުކުރެވޭނެ ކަންކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.
ސަރުކާރުގެ މިސްރާބު ހުރި ގޮތުގެ އިތުރުން ގައުމުގެ އިގްތިސާދީ ހާލަތާ މެދު ވެސް ނަޝީދު ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން، 2009 ވަނަ އަހަރު ކ. މާފުށީގެ ފިހާރައެއްގެ ދުވަހު ވިކުރާ 3،000 ރުފިޔާގައި ހުރުމަށްފަހު، ގެސްޓްހައުސް ވިޔަފާރިއާއެކު އެ އަދަދު ދެ ލައްކަ ރުފިޔާއަށް ވުރެ މައްޗަށް އެރި ތާރީހީ ހަނދާން އެމަނިކުފާނު އައުކުރެއްވިއެވެ. ނަމަވެސް، ދާދިފަހުން އެމަނިކުފާނު 100 އަށް ވުރެ ގިނަ ރަށަށް ޒިޔާރަތްކުރައްވައި ބެއްލެވިއިރު، ފިހާރަތަކުގެ ވިކުރާ ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށާއި ރައްޔިތުން އުޅެމުންދަނީ ނިކަމެތި ހާލުގައި ކަމަށް ވިދާޅުވިއެވެ.
ނަޝީދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިދިޔަ ތިން އަހަރަކީ ރާއްޖޭގައި އިގްތިސާދީ ދިރުން އެންމެ ހީނަރުވި ތިން އަހަރެވެ. ތަރައްގީވަމުން އަންނަ ގައުމުތަކުގައި އިގްތިސާދީ ކުރިއެރުން ނުވަތަ ޖީޑީޕީ ގްރޯތް 10 ޕަސެންޓާ ގާތްކުރަން ޖެހޭއިރު، ރާއްޖެއަށް މިއަދު އެއް ޕަސެންޓުގެ ކުރިއެރުމެއް ވެސް ނުލިބޭ ކަމަށާއި، ހަގީގަތުގައި ގައުމު ދަނީ އަޑިއަޅައި ފަހަތަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
