ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓު ކިއު ބަންދު ކުރަން ފަށައިފިއެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓުލުން ފަށާފައި ވަނީ މިއަދު ހެނދުނު 08:00 އެވެ. މިއަދު ހަވީރު 5 ގައި ކިއު ބަންދު ކުރަންފަށާފައި ވާއިރު ވޯޓުލާ ވަގުތު ޖެހުނު އިރު ބައެއް ކިއުތަކުގައި ގިނަ ބަޔަކު ތިބިކަން ފާހަގަ ކުރެވެއެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމު ކުރި އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަދު ހަވީރު 4 ގެ ނިޔަލަށް 221،496 މީހުން ވަނީ ވޯޓު ލާފައެވެ. އެއީ 78.32 ޕަސެންޓު މީހުންނެވެ. އޭގެ ތެރޭގައި 111،273 (39.35 ޕަސެންޓު) އަންހެން އަދި 110،223 (38.98 ޕަސެންޓު) ފިރިހެނުން ހިމެނެއެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލުމުގެ ހައްގު 282,394 މީހުންނަށް ލިބުނުއިރު ދެވަނަ ބުރުގައި އަލަށް ވޯޓުލެވޭ 409 މީހުންނާއެކު ޖުމްލަ 282,804 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ގިނަ ބަޔަކު ވޯޓުލާފައި ނުވާއިރު އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް 50،047 މީހުން ވަނީ ރީ-ރަޖިސްޓްރީވުމަށް ފޯމު ހުށަހާފައެވެ.
ދެވަނަ ބުރުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 586 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. އޭގެ ތެރެއިން މާލެ ސަރަހައްދުގައި 187 ފޮށި ބަހައްޓާއިރު އަތޮޅުތަކުގައި 3119 ފޮށީ އަދި ރިސޯޓުތަކުގައި 5 ފޮށި ވަނީ ބަހައްޓާފައެވެ.
ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރުގެ ވޯޓުލުން މިއަދު ހަނދުނު 8 ޖެހިއިރު ފަށާފައިވާއިރު ވޯޓުލުން މިއަދު ހަވީރު 5:00 އާ ހަމައަށް ކުރިއަށް ދާނެއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާނީ ފުރަތަމަ ބުރުގައި 101،635 ވޯޓު ލިބިވަޑައިގެންނެވި ޕީއެންސީ ގެ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު އާއި އަދި 86،161 ވޯޓު ލިބިވަޑައިގެންނެވި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއެވެ.