ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަރަދު ކުރެއްވީ 2 މިލިއަން ރުފިޔާ ކަމަށާއި އިންތިހާބުން ނާކާމިޔާބުވެ ވަޑައިގެންނެވި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހަރަދު ކުރެއްވީ 6.8 މިލިއަން ރުފިޔާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާންމު ކުރި ކެންޑިޑޭޓުންގެ މާލީ ބަޔާނުގައި ބުނެފިއެވެ.

ކެންޑިޑޭޓުން އީސީއަށް ހުށަހެޅުއްވި މާލީ ބަޔާނުގެ މައުލޫމާތުތައް މިއަދު ވަނީ އާންމު ކޮށްފައެވެ. އެގޮތުން ރައީސް މުއިއްޒު ހުށަހެޅުއްވި މާލީ ބަޔާނުގައިވާ ގޮތުން އިންތިހާބަށް ލިބިވަޑައިގެންނެވި ފައިސާގެ ޖުމުލަ އަދަދަކީ 2،115،000 ރުފިޔާއެވެ. ލިބިވަޑައިގެންނެވި ތަކެތި ހިމަނައިގެން ޖުމްލަ އަގު 21،344،367 ރުފިޔާއަށް އަރާއިރު އިންތިހާބާ ގުޅިގެން މުއިއްޒު ކުރައްވާފައިވާ ހަރަދަކީ އެންމެ 100،450 ރުފިޔާ ކަމަށް ބުނެއެވެ. އަދި ހަމައެހެންމެ މުއިއްޒަށް ތާއީދު ހޯދުމަށް ކޮށްފައި ވަނީ ވެސް އެންމެ 1،899،000 މިލިއަން ރުފިޔާ ކަމަށް މާލީ ބަޔާނުން ދައްކައެވެ.

އެއާއެކު އިންތިހާބަށް ރައީސް މުއިއްޒު ޖުމްލަ ހަރަދު ކުރެއްވީ 1،999،450 މިލިއަން ރުފިޔާއެވެ. ކެމްޕެއިން ނިމުނުއިރު ބާކީ ހުރީ 115،550 ރުފިޔާއެވެ. އަދި ކެމްޕެއިން ނިމުނު އިރު އަދާ ނުކޮށް ހުރި ދަރަނީގެ ގޮތުގައި 102،980.40 ރުފިޔާ ހުރިކަމަށް މާލީ ބަޔާނުން ދައްކައެވެ.

އެއާ ހިލާފަށް އިންތިހާބުގައި ނާކާމިޔާބީ އާ ކުރިމަތިލާން ޖެހިވަޑައިގެންނެވި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހަރަދު ކުރެއްވީ 6،855،350 މިލިއަން ރުފިޔާ ކަމަށް ބުނެއެވެ. ލިބިވަޑައިގެންނެވި ފައިސާ އާއި ތަކެތީގެ އަގު ޖުމްލަ 10،500،276 ރުފިޔާ އަށް އަރާ ކަމަށް ވެސް މާލީ ބަޔާނުން ދައްކައެވެ.

އެގޮތުން އެކި ފަރާތްތަކުން ނަގުދު ފައިސާގެ ގޮތުގައި 6،909،500 ރުފިޔާ ލިބިވަޑައިގެންފައި ވާއިރު އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ ޕާޓީން ވަނީ 3،590،775 ރުފިޔާގެ ތަކެތި ދީފައެވެ. ކެންޑިޑޭޓަށް ތާއީދު ހޯދުމަށް 6،855،350 މިލިއަން ރުފިޔާ ހަރަދު ކުރި އިރު ހަރަދު ނުވެ ބާކީ 24،149 ރުފިޔާ ހުރި ކަމަށް މާލީ ބަޔާނުގައި ދައްކައެވެ.

ރިޔާސީ އިންތިހާބުގައި 129،159 ވޯޓު (54.04 ޕަސެންޓް)، ޕީއެންސީގެ ކެންޑިޑޭޓް މުއިއްޒު ހޯއްދެވިއިރު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށް ލިބިވަޑައިގަތީ 109،868 ވޯޓާ އެކު 45.96 ޕަސެންޓެވެ.