ނިމިދިޔަ 2023 ވަނަ އަހަރުގެ ރިޔާސީ އިން ތިހާބުގެ ދެވަނަ ބުރުގައި ޑިމޮކްރެޓްސް އިން ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ތާއީދު ކުރި ކަަމަށް ބުނެ ހޯމް މިނިސްޓަރު އަލީ އިހްސާން ދެއްކެވި ވާހަކަ އެ ޕާޓީއިން ދޮގުކޮށްފިއެވެ.

އިހްސާން އެފަދައިން ވިދާޅުވެފައި ވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ ޕީއެންސީގެ ކެންޑިޑޭޓަކަށް ކެމްޕެއިން ކުރުމަށް މިދިޔަ އާދީއްތަ ދުވަހު ބޭއްވި ކެމްޕޭން އިވެންޓެއްގައި ވާހަކަ ދައްކަވަމުންނެވެ.

މިކަމާ ގުޅިގެން ޑިމޮކްރެޓްސް އިން ބުނީ އެ ޕާޓީއާ ގުޅުވާ އިހްސާން ދެއްކެވި ވާހަކަތަކަކީ ހަގީގަތާއި ހިލާފު ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ. އެގޮތުން ނިމިދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީއެންސީގެ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް މުއިއްޒުއަށް ތާއިދުކުރަން ނިންމާ، ރައީސް މުއިއްޒު އަރިހުގައި ދަ ޑިމޮކްރެޓްސް އިން މަސައްކަތްކުރިކަމަށް މިނިސްޓަރު އިހްސާން ދެއްކެވި ވާހަކައަކީ ހަގީގަތާ ހިލާފް ވާހަކަތަކެއްކަން ފާހަގަކޮށް އެ ޕާޓީއިން ވަނީ އެކަން ކުށްވެރިކޮށްފައެވެ.

2023 ވަނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޑިމޮކްރެޓްސްއިން ކުރިއަށްދާނެ ގޮތެއް ނިންމުމަށް ސެޕްޓެމްބަރު 18، 2023 ވީ ހޯމަ ދުވަހު ބޭއްވުނު ޕާޓީގެ އިންޓަރިމް ކައުންސިލްގެ 7 ބައްދަލުވުމުން، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ދަ ޑިމޮކްރެޓްސް އިން އެއްވެސް ޕާޓީއަކަށް ނުވަތަ ކެންޑިޑޭޓަކަށް ތާއިދު ނުކުރުމަށް އެ ޕާޓީއިން ނިންމާ އެ ނިންމުން އާންމު ކުރިކަން ދަ ޑިމޮކްރެޓްސްއިން ވަނީ ފާހަގަކޮށްފައެވެ.

ޑިމޮކްރެޓްސްއިން ބުނީ ދިވެހިރާއްޖޭގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަމާއި އަމަންއަމާންކަން ދެމެހެއްޓުމަށް ކުރެވޭ މަސައްކަތްތަކާއި، ކުށްކުރުން މަދުކުރުމާއި އާންމުންގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމާއި، މުދަލާއި ފައިސާގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މުހިއްމު މަސްއޫލިއްޔަތު މަތިވެފައިއޮތް ވުޒާރާގެ ވަޒީރުގެ ފަރާތުން މިފަދަ ދަށު ދަރަޖައިގެ އަމަލެއް ފެނުން އެ ޕާޓީއިން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.

ދިވެހި އަސްކަރިއްޔާގެ ހަތިޔާރުތަކެއް ފަޅުރަށަކުން ފެނުނުކަމަށް ބުނާ ހާދިސާއާއި، ޑިފެންސް މިނިސްޓަރުގެ ކޮޓަރިކޮޅުން ހަތިޔާރު ފެނުނުކަމަށް ބުނެ ފްރޭމްކުރުމަށް ހިނގާދިޔަ ކަންކަމުގެ ތެރޭގައި އެތައް ފަހަރަކު ހަގީގަތާއި ހިލާފު ވާހަކަތަކެއް އިހްސާން ދައްކަވާފައިވާ ކަމަށް ވެސް އެ ޕާޓީއިން ވަނީ ބުނެފައެވެ.