ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި ކެންޑިޑޭޓުން ހުށަހަޅަން ޖެހޭ މާލީ ބަޔާނުގެ ސުންގަޑި ހަމަވިއިރު ހުރިހާ ކެންޑިޑޭޓުންވެސް ބަޔާން ހުށަހަޅާފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަން ކޮމިޝަންގެ ނައިބު، އިސްމާއިލް ހަބީބް ވިދާޅުވީ "ރިޔާސީ އިންތިހާބު 2023 ގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން، މާލީ ބަޔާން ހުށަހަޅުއްވަން ޖެހިވަޑައިގަންނަވާ ހުރިހާ ކެންޑިޑޭޓުން، ހުށަހަޅުއްވަން ޖެހޭ ވަގުތަށް އިލެކްޝަންސް ކޮމިޝަނަށް މާލީ ބަޔާން ހުށަހަޅުއްވާފައިވާ ކަމަށެވެ."

އަދި ދެވަނަބުރުގެ ކެންޑިޑޭޓުންގެ މާލީ ބަޔާން ހުށަހަޅުއްވަން ޖެހެނީ، މިމަހުގެ 29 ގެ ނިޔަލަށް ކަމަށްވެސް ހަބީބް ވިދާޅުވެފައި ވެއެވެ. އިންތިހާބާ ގުޅޭ މާލީ ކަންކަމާ ބެހޭގޮތުން ކޮށްފައިވާ އެންމެހައި މުއާމަލާތްތައް ރިޔާސީ އިންތިހާބުގެ ގާނޫނުގައި ބުނެފައިވާ ގޮތުގައި އެ ކެންޑިޑޭޓެއްގެ ރަސްމީ އިންތިހާބީ އޮޑިޓަރު އޮޑިޓް ކުރަން ޖެހޭނެއެވެ.

އަދި އޮޑިޓް ކުރުމަށްފަހު އެ އޮޑިޓް ރިޕޯޓު އެ އިންތިހާބު ބާއްވާ ތާރީހުން ފެށިގެން ގިނަވެގެން 60 ދުވަހުގެ ތެރޭގައި އީސީއަށް ހުށަހަޅަން ޖެހޭނެއެވެ. އޮޑިޓް ރިޕޯޓް ހުށަހަޅަން ޖެހޭނީ އެ ކެންޑިޑޭޓެއްގެ ރަސްމީ އިންތިހާބީ އޭޖެންޓް މެދުވެރިކޮށް ކަމަށް ހަބީބް ވަނީ ވިދާޅުވެފައެވެ.

ހުށަހަޅާ އޮޑިޓް ރިޕޯޓުތަކުގައި ފައިސާގެ ހުރިހާ މުއާމަލާތްތަކެއް، ބިލްތަކާއި ބޭންކް ސްޓޭޓްމަންޓް ތަކާއެކު އީސީގެ ވެބްސައިޓްގައި ޝާއިއު ކުރުމާއެކު އެ ރިޕޯޓުތައް އާންމުކޮށް ބެލޭނޭ ނިޒާމެއް ހަމަޖައްސާނެ ކަަމަށް ވެސް އީސީން ބުނެއެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 8 ކެންޑިޑޭޓުން ވަނީ ވާދަކޮށްފައެވެ. އެއީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި މާލެ ސިޓީ ކައުންސިލްގެ މޭޔަރު، ޑރ. މުހައްމަދު މުއިއްޒާއި ދަނގެތީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނާޒިމާއި ރައްޔިތުން މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބްގެ އިތުރުން ގާސިމް އިބްރާހިމާއި ހަސަން ޒަމީލާއި އަހްމަދު ފާރިސް މައުމޫން އަދި އުމަރު ނަސީރެވެ.