ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި ކެންޑިޑޭޓުން ހުށަހަޅަން ޖެހޭ މާލީ ބަޔާނުގެ ސުންގަޑި މާދަމާއަށް ހަމަވާއިރު މިހާތަނަށް އެ ބަޔާން ހުށަހެޅީ މިނިވަން ކެންޑިޑޭޓް، ހަސަން ޒަމީލު ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
މިހާތަނަށް މާލީ ބަޔާން ހުށަހެޅި ކެންޑިޑޭޓުންނާ ގުޅޭ ގޮތުން "ދަ ޕްރެސް" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ފުރަތަމަ ބުރުގެ ކެންޑިޑޭޓުންގެ މާލީ ބަޔާން މާދަމާގެ ކުރިން ހުށަހަޅަން ޖެހޭ ކަމަށާއި މިހާތަނަށް މާލީ ބަޔާން ހުށަހަޅާފައިވަނީ ޒަމީލު އެކަނި ކަމަށެވެ.
އިންތިހާބާ ގުޅޭ މާލީ ކަންކަމާ ބެހޭގޮތުން ކޮށްފައިވާ އެންމެހައި މުއާމަލާތްތައް ރިޔާސީ އިންތިހާބުގެ ގާނޫނުގައި ބުނެފައިވާ ގޮތުގައި އެ ކެންޑިޑޭޓެއްގެ ރަސްމީ އިންތިހާބީ އޮޑިޓަރު އޮޑިޓް ކުރަން ޖެހޭނެއެވެ. އަދި އޮޑިޓް ކުރުމަށްފަހު އެ އޮޑިޓް ރިޕޯޓު އެ އިންތިހާބު ބާއްވާ ތާރީހުން ފެށިގެން ގިނަވެގެން 60 ދުވަހުގެ ތެރޭގައި އީސީއަށް ހުށަހަޅަން ޖެހޭނެއެވެ.
އެގޮތުން ނިމިދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރި ކެންޑިޑޭޓުންގެ އޮޑިޓް ރިޕޯޓް މާދަމާގެ ކުރިން ހުށަހަޅަން ޖެހޭއިރު ދެވަނަ ބުރުގެ ކެންޑިޑޭޓުން އޮޑިޓް ރިޕޯޓް ހުށަހަޅަން ޖޭހެނީ މި މަހުގެ 29 ވަނަ ދުވަހުގެ ކުރިން ކަމަށް ހަބީބް ވިދާޅުވިއެވެ. އޮޑިޓް ރިޕޯޓް ހުށަހަޅަން ޖެހޭނީ އެ ކެންޑިޑޭޓެއްގެ ރަސްމީ އިންތިހާބީ އޭޖެންޓް މެދުވެރިކޮށް ކަމަށް ހަބީބް ވަނީ ވިދާޅުވެފައެވެ.
ހުށަހަޅާ އޮޑިޓް ރިޕޯޓުތަކުގައި ފައިސާގެ ހުރިހާ މުއާމަލާތްތަކެއް، ބިލްތަކާއި ބޭންކް ސްޓޭޓްމަންޓް ތަކާއެކު އީސީގެ ވެބްސައިޓްގައި ޝާއިއު ކުރުމާއެކު އެ ރިޕޯޓުތައް އާންމުކޮށް ބެލޭނޭ ނިޒާމެއް ހަމަޖައްސާނެ ކަަމށް ވެސް އީސީން ބުނެއެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 8 ކެންޑިޑޭޓުން ވަނީ ވާދަކޮށްފައެވެ. އެއީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި މާލެ ސިޓީ ކައުންސިލްގެ މޭޔަރު، ޑރ. މުހައްމަދު މުއިއްޒާއި ދަނގެތީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނާޒިމާއި ރައްޔިތުން މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބްގެ އިތުރުން ގާސިމް އިބްރާހިމާއި ހަސަން ޒަމީލާއި އަހްމަދު ފާރިސް މައުމޫން އަދި އުމަރު ނަސީރެވެ.