ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ހައްޔަރުކޮށްފި ކަމަށް ދެކެވޭ ވާހަކަތައް އޭނާ ދޮގުކުރައްވައިފިއެވެ.

މަހުލޫފް މިހެން ވިދާޅުވެފައި ވަނީ ރިޝްވަތުގެ ކަޅު ފައިސާ ބަހަމުން ގެންދަވަނިކޮށް އޭނާ ހައްޔަރު ކޮށްފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަ ފެތުރެމުންދާ ދަނޑިވަޅެއްގައެވެ. މަހުލޫފް އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ އޭނާ ހައްޔަރުކުރި ކަމަށް ބުނެ ދައްކާ ވާހަކަ ތަކަަކީ ކަނޑައެޅިގެން ދޮގު ވާހަކަ ތަކެއް ކަމަށެވެ.

"އަޅުގަނޑު ހައްޔަރު ކުރިކަަމަށް ބުނެ ފަތުރަނީ ކަނޑައެޅިގެން ބޮޑު ދޮގު ވާހަކަ އެއް" އަދި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްދާ މި ފަދަ ދަނޑިވަޅެއްގައި ދޮގުތައް ފެތުރުމުގެ ބަދަލުގައި ވޯޓެއް އިތުރުވޭތޯ މަސައްކަތް ކުރުމުން ފައިދާ ވާނެ ކަމަށް މަހުލޫފް ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީގެ ކެމްޕެއިންގެ ތެރޭގައި ރިޝްވަތުގެ ކަޅު ފައިސާ ބަހާފައިވާ ކަމަށް ދެކެވޭ ވާހަކަތައް އެމްޑީޕީގެ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ދޮގު ކުރައްވާފައެވެ. ރައީސް ސޯލިހު ވިދާޅުވީ ސޯޝަލް މީޑިއާގައި ތަފާތު ވާހަކަތައް ދެކެވެމުންދާ ކަން ހުދު އެމަނިކުފާނަށްވެސް އެނގިވަޑައިގަންނަވާ ކަމަށާއި ނަމަވެސް އެމްޑީޕީގެ ފަރާތުން އެއްވެސް އިންތިހާބެއްގައި ފައިސާ ބަހާފައި ނުވާނެ ކަމަށާއި އަދި ހަމައެހެންމެ ގާނޫނާއި ގަވާއިދާ ހިލާފު އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ރައްޔިތުންނަށް ދެއްވާފައެވެ.

ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރުގެ ވޯޓުލުން މިއަދު ހަނދުނު 8 ޖެހިއިރު ފަށާފައިވާއިރު ވޯޓުލުން މިއަދު ހަވީރު 5:00 އާ ހަމައަށް ކުރިއަށް ދާނެއެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 282,394 މީހުންނަށް ލިބުނުއިރު ދެވަނަ ބުރުގައި އަލަށް ވޯޓުލެވޭ 409 މީހުންނާއެކު ޖުމްލަ 282,804 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާނީ ފުރަތަމަ ބުރުގައި 101،635 ވޯޓު ލިބިވަޑައިގެންނެވި ޕީއެންސީ ގެ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު އާއި އަދި 86،161 ވޯޓު ލިބިވަޑައިގެންނެވި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއެވެ.