ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް އަހްމަދު މަހްލޫފް އައްޔަންކުރައްވައިފިއެވެ.
މަހްލޫފް ސަފީރުކަމަށް އައްޔަންކުރެއްވީ މިކަމަށްޓަކައި މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މަހްލޫފްއަށް ސަފީރު ކަމަށް އައްޔަންކުރި ކަމުގެ ލިޔުން ހަވާލުކޮށްދެއްވާފައެވެ.
ރާއްޖެއިން ޖަޕާނަށް ކަނޑައަޅާ ސަފީރު ކަމަށް މަހްލޫފުގެ ނަން ރައްޔިތުންގެ މަޖިލީހަށް ރައީސް ފޮނުއްވީ މިދިޔަ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ. ޖަޕާނު ސަފީރަކަށް މަހްލޫފު އައްޔަން ކުރުމަށް ރުހުން ހޯދުމަށް މަޖިލީހަށް ނަން ފޮނުވި އިރު، މީގެ ކުރިން އެ މަގާމުގައި ހުންނެވި ހަސަން ސޯބިރު މިދިޔަ ޖުލައި މަހު އަވަހާރަވުމުން އެ މަގާމު އޮތީ ހުސްކޮށެވެ.
ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ޔޫތު މިނިސްޓަރުގެ މަގާމު އަދާކުރެއްވި މަހްލޫފް ޖަޕާނު ސަފީރަށް އައްޔަން ކުރުމަށް ފެންނަ ކަމަށް އިއްޔެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ. އެއީ ވޯޓުގައި ބައިވެރިވި 60 މެންބަރުންގެ ވޯޓުންނެވެ.
