ރަސްމާލޭގައި ތަރައްގީކުރާ 20 ބިލިޔަން ޑޮލަރުގެ "މޯލްޑިވްސް ވޯޓަފްރަންޓް އެންޑް މެރީނާ" މަޝްރޫއާ ދެކޮޅަށް ދެކެވޭ ވާހަކަތަކަކީ ސިޔާސީ މަގްސަދެއްގައި ހަގީގަތް އޮޅުވާލުމަށް ދައްކާ ދޮގު ވާހަކަތަކެއް ކަމަށާއި، މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށާއި އާންމު ރައްޔިތުންނަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ ކަމަށް ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ދިވެހި ސަފީރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ "ރާއްޖެމިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މަހްލޫފް ވިދާޅުވީ، ރަސްމާލެ މަޝްރޫއަކީ ރާއްޖެއަށް ނުރައްކާތެރި ކަމެއްގެ ގޮތުގައި ދައްކަން ބައެއް ފަރާތްތަކުން އުޅެނީ ނުރަނގަޅު ނިޔަތެއްގައި ކަމަށެވެ. އަދި އެ މަޝްރޫއު އެހެން ސަރަހައްދެއްގައި ހިންގުން މާ ރަނގަޅު ކަމަށް ސިޔާސީ ވާދަވެރިން ބުނަމުންދިއުމުން، މި މަޝްރޫއުގެ މުހިންމުކަން އެބޭފުޅުންނަށްވެސް ގަބޫލުކުރެވޭކަން ހާމަވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ސަފީރު އިތުރަށް ވިދާޅުވީ މި މަޝްރޫއުގެ ސަބަބުން 50،000 އަށްވުރެ ގިނަ އައު ވަޒީފާގެ ފުރުސަތު ތަނަވަސްވެ، ދިވެހި ކުންފުނިތަކަށްވެސް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި ރަސްމާލޭގައި އިގްތިސާދީ ބޮޑު މަޝްރޫއެއް ހިންގި ނަމަވެސް، ރައްޔިތުންނަށް ކަނޑައަޅާފައިވާ އެއްވެސް ގޯއްޗެއް ނުވަތަ ފްލެޓެއް ކެންސަލް ނުވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވާކަން މަހްލޫފް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން މަހްލޫފް ވިދާޅުވީ މުސްލިމުން ކުރާ ކަންކަން ޔަހޫދީންނާ ގުޅުވައިގެން ދައްކާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް، ދެރަ ކަންކަން ކަމަށެވެ. ރަސްމާލޭގައި 500 ހެކްޓަރުގެ ސަރަހައްދެއް ތަރައްގީކުރުމަށް އަބޫދާބީގެ މަޝްހޫރު "އީގަލް ހިލްސް" ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މި މަހުގެ 21 ވަނަ ދުވަހުއެވެ.
