ކުރީގެ ޔޫތު މިނިސްޓަރު، އަހްމަދު މަހްލޫފް އިދިކޮޅު އެމްޑީޕީން ވަކިވެއްޖެއެވެ.
އެމްޑީޕީން ވަކިކޮށްދިނުމަށް އެދި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލަށް އެޑްރެސްކޮށް މަހުލޫފް މިއަދު ފޮނުއްވި ސިޓީގައި 2015 އިން ފެށިގެން އެމްޑީޕީއަށް ހިދުމަތް ކުރަން ލިބުނު ފުރުސަތަށް އޭނާ ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.
އަދި ހަމަ އެހެންމެ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ގެނެސްދިން ތަރައްގީތަކުގެ ބައިވެރިއެއްގެ ގޮތުން ކެބިނެޓުގައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާތީ އުފާކުރައްވާކަން ފާހަގަކޮށް މަހުލޫފް ވަނީ އެމްޑީޕީން ވަކިވެވަޑައިގަންނަވަން ނިންމެވުމުން އެކަމާ ހިތްހަމަނުޖެހުމެއް އެއްވެސް މެންބަރެއްގެ އޮތް ނަމަ އެ ކަމަށް މައާފަށް ވެސް އެދިފައެވެ.
ނަމަވެސް އޭނާ އެމްޑީޕީން ވަކިވީ ކޮން ސަބަބަކާ ހުރެ ކަމެއް ސިޓީގައި ބަޔާންކޮށްފައި ނުވެއެވެ.
މަހުލޫފް އެމްޑީޕީއާ ގުޅިވަޑައިގަތީ 2018 ވަނަ އަހަރު ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި ހިނގާ ދިޔަ ބައެއް ކަންކަމާ ހިތްހަމަނުޖެހިގެންނެވެ. އޭރު މަޖިލިސް މެންބަރަކަށް ހުންނަވައިގެން ޔާމީންގެ ވެރިކަމާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް ވެސް މަހުލޫފް ވަނީ ކުރައްވާފައެވެ.
އޭގެ ފަހުން އެމްޑީޕީން ވެރިކަމަށް އައުމަށްފަހު މިދިޔަ ސަރުކާރުގެ ޔޫތް މިނިސްޓަރުކަން ފަސް އަހަރު ވަންދެން މަހުލޫފް ވަނީ ކުރައްވާފައެވެ. މަހުލޫފް އެމްޑީޕީން ވަކިވި ނަމަވެސް، އަނބިކަނބަލުން ނަޒްރާ ނަސީމް އަދިވެސް ހުންނެވީ އެ ޕާޓީގައެވެ. ނަޒްރާ މިވަގުތު ހުންނެވީ ސިޓީ ކައުންސިލްގެ ކޮންސަލްޓަންޓެއްގެ މަގާމުގައެވެ.