އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު ދޭ ވޯޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ލިބިވަަޑައިގަންނަވާ އަނިޔާއިން ސަލާމަތް ކުރެވެން އޮތް އެންމެ ފަހި މަގު ކަމަށް އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް (މެޑަމް ފާތުން) ވިދާޅުވެއްޖެއެވެ.
ޗެނަލް 13 އަށް ދެއްވި ބަސްތީގަތުމެއްގައި މެޑަމް ފާތުން ވިދާޅުވީ މި ހޮނިހިރު ދުވަހު ރައްޔިތުންނަށް ލިބޭ ފުރުސަތަކީ މިނިވަންކަން އަނބުރާ އިޔާދަކޮށްދޭން ލިބޭ ފުރުސަތެއް ކަމަށާއި ރައީސް ޔާމީން ޖަލުގެ ތޭރިތަކުގައި ސިޔާސީ ދައުވާކޮށް ބޭއިންސާފުން ގައިދުކޮށް ހައްޔަރުކުރުމުގެ ކުރިން ކުރެއްވި ކަމަކީ ދިވެހި ރާއްޖެ މިނިވަން ކުރުމަށް ވަކާލާތު ކުރުން ކަމަށެވެ.
ރައީސް ޔާމީން އެ މަސައްކަތް ނުކެރެއްވިނަމަ މިއަދު ވެސް އެމަނިކުފާނު ގޭގައި އާއިލާއާއެކު ހުންނެވުމުގެ ފުރުސަތު ބޮޑު ކަމަށާއި އެހެންނަމަވެސް ރައީސް ޔާމީނާއި އާއިލާއަށް ވުރެ އެމަނިކުފާނަށް މުހިއްމު ވެވަޑައިގެންނެވީ ދިވެހިންގެ އިސްލާމީ ދިރިއުޅުމާއި ދިވެހިވަންތަކަމާއި މި ގައުމުގެ މިނިވަންކަން ކަމަށް މެޑަމް ވިދާޅުވިއެވެ. އަދި އަނިޔާވެރިންގެ އަނިޔާ ރައީސް ޔާމީނާ ދިމާލަށް އަންނާނެކަން އެނގިހުރެ އެމަނިކުފާނު ހިޔާރު ކުރެއްވީ ގައުމުގެ މިނިވަންކަމަށް ގުރުބާންވެ ވަޑައިގަންނަންވަން ކަމަށް މެޑަމް ވަނީ ވިދާޅުވެފައެވެ.
މެޑަމް ފާތުން ވަނީ ރައީސް ޔާމީން ޖަލަށްލީންސުރެ މިއަދާ ހަމައަށް އެމަނިކުފާނުގެ ދިފާއުގައި މަސައްކަތް ކޮށްދެއްވާ، ހަރަކާތްތެރިވާ އަދި އެކި އެކި ގޮތް ގޮތުން އަނިޔާލިބި ހައްޔަރަށް ގެންދިޔަ މީހުންނާއި ޕީޕީއެމް އަދި ޕީއެންސީގެ ލީޑާޝިޕް ހުއްޓުމެއް ނެތި ކުރައްވާ މަސައްކަތަށްވެސް ޝުކުރު އަދާކުރައްވާފައެވެ. އަދި ރައީސް ޔާމީންގެ ގައުމީ އެ މަސައްކަތުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރައްޔިތުންނަށް ކޮށްދެވޭނެ މަސައްކަތަކީ މި ފަހަރުގެ ވޯޓުގައި ރައީސް ޔާމީން އެންޑޯސް ކުރައްވާފައިވާ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒަށް ވޯޓު ދިނުން ކަމަށް މެޑަމް ފާތުން ވަނީ ފާހަގަ ކުރައްވާފައެވެ.
މެޑަމް ފާތުން ވިދާޅުވީ އެ ވޯޓުގެ ނަތީޖާއަކީ ދިވެހިންގެ ރާއްޖެ ދިވެހިންނަށް ލިބުން ކަމަށާއި ޔާމީން ފެއްޓެވި ގައުމީ ތަރައްގީ އިއާދަވުމާއި ދިވެހިންނަށް ހައްގު ލާޒިމު ބޯހިޔާވަހިކަން މުޅި ރާއްޖޭގައި ގާއިމުވުން ކަމަށެވެ. އަދި ރައީސް ޔާމީންގެ އިގްތިސޯދީ ސިޔާސަތު އިއާދަވުމާއި ރައީސް ޔާމީން ގެނެސްދެއްވި ހަލުވި ދުވެލީގެ އަތްލެވޭ، އިހުސާސް ކުރެވޭ، މަންފާ ލިބޭ ތަރައްގީއެއް ކަމަށާއި އެ ހަލުވި ތަރައްގީ އަލުން އިއާދަކުރެވޭނީ ދިވެހިންގެ ރާއްޖެ ދިވެހިންނަށް އަނބުރާ ހޯދިގެން ކަމަށް މެޑަމް ފާތުން ވަނީ ވިދާޅުވެފައެވެ.
މެޑަމް ފާތުން ވިދާޅުވީ ރައީސް ޔާމީންގެ މިނިވަންކަމާއި މި ވޯޓު ވަނީ ގުޅިފައި ކަމަށާއި ޑރ. މުއިއްޒަށް ދޭ ވޯޓަކީ ރައީސް ޔާމީނަށް އިންސާފުވެރި، އަވަސް ޝަރީއަތެއް ލިބި އަދި އެމަނިކުފާނަށް ލިބިގެންދާ އަނިޔާއިން ސަލާމަތް ކުރެވެން އޮތް އެންމެ ފަހި މަގު ކަމަށެވެ. އަދި ދިވެހީންގެ ރާއްޖޭގައި ކަނބަލުންނަށް ހައްގު މަގާމާއި ޝަރަފު ލިބިގެންދާނެ ކަމަށާއި ދިވެހީންގެ ރާއްޖޭގައި ކަނބަލުންނަކީ މުރާލި، ތައުލީމީ، ކެރޭ ބަޔަކަށް ހަދާ ދިވެހި ކަނބަލުން ކުރިއަށް ނެރެދެވޭނެކަން ޔަގީންކަން އެބައޮތް ކަމަށް މެޑަމް ފާތުން ވިދާޅުވިއެވެ.
މެޑަމް ފާތުން ވިދާޅުވީ އިސްލާމް ދީނާއި މިނިވަންކަމާއި ދިވެހިންގެ ތަރައްގީއަށްޓަކައި މުއިއްޒަށް ވޯޓު ދިނުމަކީ ހިތުގެ އާދޭހެއް ކަމަށެވެ. އަދި މިނިވަންކަމާއި އަމިއްލަވަންތަ ވެރިކަން އޮތީ އެހެން ބައެއްގެ އަތް ދަށުގައި ކަމަށާއި މިއަދު ދިވެހި ބިމުގައި ދިވެހިންނަކީ ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ވަމުން އަންނަކަމަށާއި ދިވެހިންގެ ދާހިލީ މައްސަލަތައް ދިވެހިންގެ ނިންމުމުގެ ބާރެއް ނެތް ކަމަށް ބައްދަލުވެވަޑައިގަންނަވާ ކޮންމެ ފަހަރަކު ރައީސް ޔާމީން ވިދާޅުވާ ކަމަށް މެޑަމް ފާތުން ވިދާޅުވިއެވެ.
މެޑަމް ފާތުން އިތުރަށް ވިދާޅުވީ މި ސަރުކާރަށް އިތުރު ފުރުސަތެއް ހަނިގޮތަކަށްވެސް ލިބިއްޖެނަމަ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު އެކު އެކީގައި ގެއްލިގެންދާނެ ކަމަށް ރައީސް ޔާމީން ވިދާޅުވެވަޑައިގަންނަވާ އެމަނިކުފާނުގެ އާދޭހަކީ ރާއްޖެ އަޅުވެތިކަމަށް ދިއުމުން ސަލާމަތްކުރުމަށް މުއިއްޒަށް އެންމެހާ ލޮބުވެތި ރައްޔިތުންގެ ވޯޓު ދެއްވުން ކަމަށެވެ.