ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާ މަޝްވަރާ ނުކުރައްވާ، އޭނާގެ ރަނިންމޭޓް، އަހުމަދު ސަލީމް (މާޒް ސަލީމް) ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވަން ނިންމަވައިފިއެވެ.

މާޒް ސަލީމް ވަނީ މިއަދު ހުޅުމާލެ ރުއްގަނޑު ސަރަހައްދުގައި އެމްޑީޕީއިން ބޭއްވި ކެމްޕެއިން ހަރަކާތުގައި ބައިވެރިވެވަަޑައިގެންފައެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކަންޑިޑޭޓަކަށް ތާއީދު ނުކުރައްވަން އުމަރު ނަސީރު ނިންމަވާފައި ވަނިކޮށް މާޒް ސަލީމްގެ މި ނިންމެވުމާ ގުޅިގެން ގިނަ ބަޔެއްގެ ސުވާލު ވަނީ އަމާޒުވެފައެވެ.

އެކަމާ ގުޅިގެން އުމަރު ވިދާޅުވީ އެކަން އެނގިވަަޑައިގަތީ ދެންމެ ކަމަށާއި އެކަމާ ގުޅިގެން މާޒް ސަލީމް، އޭނާއާ އެއްވެސް މަޝްވަރާއެއް ކުރައްވާފައި ނުވާ ކަމަށެވެ.

އުމަރު ނަސީރު ވިދާޅުވީ މާޒް ސަލީމް އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދު ކުރައްވަން ނިންމެވި ނިންމުމަކީ އަމިއްލަ ނިންމެވުމެއް ކަމަށެވެ. އަދި އެކަމުގައި އުމަރު ނަސީރުގެ ލަފަޔަކަށް އެދިވަޑައިގެންނެވި ނަމަ ވަކިކޮޅަކަށް ނޭރުމަށް ލަފާ ދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އުމަރު ނަސީރު ވިދާޅުވީ އޭނާއާއެކު މަސައްކަތް ކުރެއްވި ކޮންމެ ބޭފުޅަކީވެސް އަމިއްލަ މިނިވަން ބޭފުޅުން ކަމަށާއި އަމިއްލަ ނިންމުން ނިންމެވޭނެ ބޭފުޅުން ކަމަށެވެ. ކޮންމެ ނިންމެވުމެއް ނިންމެވިޔަސް އެކުވެރިކަމާއި ގާތްކަން އޮންނާނެ ކަމަށް އުމަރު ވިދާޅުވިއެވެ. އަދި އުމަރު ތަކުރާރުކޮށް ވަނީ އޭނާގެ ނިންމެމުން ސާފުވާނެ ކަމަށާއި އެ ނިންމެމުން ބަދަލުނުވާނެ ކަމަށްވެސް ވިދާޅުވެފައެވެ.