އެމްޑަބްލިޔުއެސްސީ އިން ބ. ކަމަދޫގައި ކުރިއަށް ގެންދިޔަ ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް ނިންމައި އިފްތިތާހު ކޮށްފިއެވެ.
ކަމަދޫގެ ފެނާއި ނަރުދަމާ ނިޒާމް އިފްތިތާހު ކޮށްފައިވަނީ މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހުއެވެ.
އެމްޑަބްލިޔުއެސްސީއިން ބުނީ އެ ރަށުގެ ފެނުގެ ނިޒާމް ގާއިމު ކުރުމުގެ މަސައްކަތުގެ ދަށުން ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން ގާއިމްކޮށްފައިވާ ކަމަށާއި ފެން ހޮޅީގެ މައިނެޓްވޯކް އަޅައި އަދި ގޭގެއަށް ފެނުގެ ކަނެކްޝަން ގުޅައިދީފައިވާ ކަމަށެވެ. އަދި ފެން އުފެއްދުމަށްޓަކައި ފެންޕްލާންޓް ބަހައްޓައި ބޯހޯލް ތޮރުފައި އަދި ރިޖެކްޓް ލައިންވެސް އެ މަޝްރޫއުގެ ދަށުން އަޅާފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.
އޭގެއިތުރުން އެ މަޝްރޫއުގެ ދަށުން ފެން ރައްކާކުރުމަށްޓަކައި ފެން ތާނގީ ވެސް ވަނީ ބަހައްޓާފައެވެ.
އެމްޑަބްލިޔުއެސްސީއިން ބުނީ ކަމަދޫގެ ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަސައްކަތުގެ ދަށުން ނަރުދަމާގެ މައިނެޓްވޯކްއާއި ޕަމްޕިން ލައިން އަޅައިފައިވާ ކަމަށާއި ނަރުދަމާގެ އިދާރީ ބިލްޑިން އިމާރާތްކޮށް، ޕަމްޕިން ސްޓޭޝަން ގާއިމްކޮށްފައިވާ ކަމަށެވެ. އަދި ސީ އައުޓްފޯލް އަޅާފައިވާއިރު އެ މަޝްރޫއުގެ ދަށުން ގޭގެގައި ޖަންކްޝަން ބަހައްޓައި ނަރުދަމާގެ ކަނެކްޝަން ވަނީ ގުޅައިދީފައިވާ ކަމަށް އެމްޓީސީސީއިން ބުނެއެވެ.
އެ މަޝްރޫއުގެ ދަށުން ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދެން ވަނީ ހަމަޖެހިފައެވެ.
އެ ދެ މަޝްރޫއަކީ ޕްލޭނިން މިނިސްޓްރީއިން އެމްޑަބްލިޔުއެސްސީއަށް ހަވާލުކޮށްގެން 56.66 މިލިއަން ދިވެހި ރުފިޔާއަށް ހިންގާފައިވާ މަޝްރޫއެކެވެ.
އެމްޑަބްލިޔުއެސްސީއިން ބުނީ އެ މަޝްރޫއުގެ ސަބަބުން ކަމަދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއް ލިބިގެންދާނެ ކަމަށެވެ.