އެބްޑަބްލިޔުއެސްސީ މުވައްޒަފުންގެ ފަރާތުން ލޭ ހަދިޔާ ކުރުމުގެ ހަރަކާތެއް، މޯލްޑިވިއަން ބްލަޑް ސާވިސްއާ ގުޅިގެން މިއަދު ހިންގައިފިއެވެ.
ލޭ ދިނުމުގެ މި ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ އެބްޑަބްލިޔުއެސްސީގެ ކަސްޓަމާ ސާވިސް އިމާރާތުގައެވެ.
ލޭދިނުމުގެ މި ހަރަކާތް ފައްޓަވާ ދެއްވީ އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލްމަތީން މުހައްމަދު އަދި އެބްޑަބްލިޔުއެސްސީގެ ޗެއާޕާސަން ޝަމްހޫޒާ އަހްމަދުއެވެ.
އެބްޑަބްލިޔުއެސްސީއިން ބުނީ ލޭ ހަދިޔާކުރުމުގެ މި ހަރަކާތަކީ ސަރުކާރުން އިސްނަގައިގެން ކުރިއަށް ގެންދާ ގައުމީ ލޭ ހަދިޔާކުރުމުގެ ކެމްޕޭނުގެ ދަށުން ހިންގުނު ހަރަކާތެއް ކަމަށެވެ. އަދި ހެލްތް މިނިސްޓްރީގެ އިސްނެގުމާއެކު އެބްޑަބްލިޔުއެސްސީގެ އިޖްތިމާއީ ޒިންމާގެ ދަށުން ކުރިއަށް ގެންދިޔަ މި ހަރަކާތުގެ އެންމެ މުހިންމު މަގުސަދަކީ މޯލްޑިވިއަން ބްލަޑް ސާވިސްއަށް ރޯދަމަހާ ދިމާކޮށް ލޭ ލިބުމުގައި ކުރިމަތިވާ ދަތިތަކަށް އެހީތެރިކަން ފޯރުވައި، ބޭނުންވާ ލޭގެ އެހީ އެބްޑަބްލިޔުއެސްސީގެ ފަރާތުން ފޯރުކޮށްދިނުން ކަމަށް އެ ކުންފުނީއިން ބުނެއެވެ.
މިއީ އެމްޑަބްލިޔުއެސްސީގެ މުވައްޒަފުން ބުރަކޮށް އުޅެމުން ވެސް ފަސޭހަ މާހައުލެއްގައި މިފަދަ އިޖުތިމާއި އަދި ބޭނުންތެރި ހަރަކާތެއްގައި ބައިވެރިވެ، ލޭ ހަދިޔާ ކުރުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމުގެ ގޮތުން ބޭއްވުނު ހަރަކާތެއް ކަމަށް އެބްޑަބްލިޔުއެސްސީއިން ވަނީ ބުނެފައެވެ.
މި ހަރަކާތުގައި އެބްޑަބްލިޔުއެސްސީގެ ސީނިއާ މެނޭޖްމެންޓާއި ގިނަ އަދަދެއްގެ މުވައްޒަފުންގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ މޭޔާ އާދަމް އާޒިމް އަދި ކައުންސިލުގެ މުވައްޒަފުން ވެސް ވަނީ ބައިވެރިވެފައެވެ.