ބިންވެރިޔާ ސްކީމުގައި ނުހިމެނޭ ބަޔަކަށް ގޯތިތަކެއް ދީފައިވާ މައްސަލައާ ގުޅިގެން ޕާސްޕޯޓް ހިފެހެއްޓި މީހުންގެ ޕާސްޕޯޓު ދޫކޮށްލައިފިއެވެ.
މި މައްސަލއާ ގުޅިގެން މިދިޔަ އަހަރު ފަހުކޮޅު އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ އިތުރުން ހައްގު ނޫން ގޯތި ލިބުނު އޭނާގެ ބޭބެ އަދި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒީލް ރަޝީދު ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓު ހިފެހެއްޓިއެވެ. ޕާސްޕޯޓު ހިފެހެއްޓި މީހުންގެ ތެރޭގައި އެޗްޑީސީ އާއި ހައުސިން މިނިސްޓްރީގެ ބައެެއް ވެރިން ހިމެނެއެވެ.
ފުލުހުން ބުނީ، ބިންވެރިޔާ ސްކީމާ ގުޅުން ހުރި މައްސަލާގައި ފުރުން މަނާކުރި އެންމެންގެ އަމުރު ވަނީ ބާތިލުކޮށްފައި ކަމަށެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބޭ މީހުންގެ ލިސްޓުގައި ނެތް ބަޔަކަށް ގޯތި ދޫކުރި މައްސަލައެއް ފެންމަތިވެފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެއާއެކު ފުލުހުންނާއި އޭސީސީ އިން މި މައްސަލައިގެ ޖިނާއީ އަވަސް ތަހުގީގެއް ކުރަން ފަށައި މި މައްސަލައާ ގުޅިގެން 20 މީހެއްގެ ޕާސްޕޯޓް ހިފަހައްޓާފައި ވީ ނަމަވެސް، ޑިސެމްބަރު 30 ވަނަ ދުވަހު ވަނީ އޭގެތެރެއިން 9 މީހެއްގެ ޕާސްޕޯޓް ދޫކޮށްލާފައެވެ. ޕާސްޕޯޓް ދޫކޮށްލި މީހުންގެ ތެރޭގައި ފަޒުލް ރަޝީދާއި އޭނާގެ ބޭބެ އަދި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދުގެ ޕާސްޕޯޓެއް ނުހިމެނެއެވެ.
ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާ ގުޅިގެން ފުލުހުން ހިންގި ތަހުގީގުގައި ފަޒުލް ދިރިއުޅޭ ގެ މިދިޔަ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު ބަލައި ފާސްކޮށްފައިވާ އިރު، އެގެއިން ވަނީ ގިނަ އަދަދެއްގެ ފައިސާ ފެނިފައެވެ. އެގޮތުން އެގެއިން 1.4 މިލިއަން ރުފިޔާ ހުރި ދަބަހެއް ވަނީ ފެނިފައެވެ.
ރިލެކްސް ފެރީ ސާވިސް އިން ބުނި ގޮތުގައި 2022 ވަނަ އަހަރު ފަޒުލްގެ ކުންފުންޏާއެކު މުއާމަލާތުކުރެވި ލޯންޗެއް ބަނދެފައިވާ އިރު، އިތުރު ލޯންޗެއް ބަނުމަށް މި މިދިޔަ ޑިސެމްބަރު މަހު ފަޒުލް އަށް 1.4 މިލިއަން ރުފިޔާގެ ނަގުދު ފައިސާ ދީފައިވާނެ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ބުނެފައި ވަނީ މި ތަހުގީގުގައި ފަޒުލްގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން އޭނާއާ ސުވާލުކޮށް ބަޔާން ނަގާފައިވާ ކަމަށެވެ. އޭނާގެ މައްޗަށް ކުރެވޭ ތުހުމަތަކީ ރަސްމީ ލިޔެކިޔުންތަކެއް ނައްތާލުމުގެ ތުހުމަތު ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ/