'އާންމު މަހަކަށް ވުރެ ބޮޑުނުވާނެ ގޮތުގެ މަތިން' ކަސްޓަމަރުންނަށް އޭޕްރީލްގައި ފޮނުވާ ފެން ބިލުތަކުން ރޯދަ ޑިސްކައުންޓު ދޭނެ ކަން ފެން ކުންފުނި އެމްޑަބްލިއުއެސްސީން ހާމަކޮށްފިއެވެ.
މި ފެށޭ ރަމަޟާން މަހުގައި ވެސް ފެން ބިލާއި ކަރަންޓު ބިލުން ޑިސްކައުންޓު ދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައި ވެއެވެ. އެހެންވެ މިއަދު ނެރުނު ބަޔާނެއްގައި އެމްޑަބްލިއުއެސްސީން ވަނީ ރަމަޟާން މަހު ފެން ބިލުން ޑިސްކައުންޓު ދޭނެ ގޮތްތައް އާންމުކޮށްފައެވެ. އެ ބަޔާނުގައިވާ ގޮތުން:
- 'އާންމު މަހެއްގައި' ފެން ބިލުގެ މިންވަރަކީ މިދިޔަ އަހަރުގެ ފެބްރުއަރީ އާއި މާޗާއި އޭޕްރިލް ފިޔަވައި ބާކީ ނުވަ މަހުގެ އެވަރެޖް
- 'އާންމު މަހުގެ' ބިލަށް ވުރެ އޭޕްރިލް މަހުގެ ބިލު ބޮޑު ނަމަ، އެ ބޮޑުވާ މިންވަރު ޑިސްކައުންޓުގެ ގޮތުގަ އޭޕްރިލް މަހު އުނިކޮށްދެވޭނެ
- އުނިކޮށްދެވޭ މިންވަރު އޭޕްރިލް މަހުގެ ބިލުގެ 10 ޕަސެންޓަށް ވުރެ ކުޑަ ނަމަ އެއާ އެއްވަރަށް މަތިކޮށްދެވޭނެ
- އޭޕްރިލް މަހުގެ ބިލު 'އާންމު މަހަށް' ވުރެ ކުޑަ ނަމަ، 10 ޕަސެންޓު ޑިސްކައުންޓު ދެވޭނެ
- އޭޕްރިލް މަހު އަލަށް ބިލުކުރެވޭ މީޓަރުތަކަށާއި، ކުރިން ރަޖިސްޓްރީކުރެވިފައިވީ ނަމަވެސް، މިހާތަނަށް ބިލުކުރެވިފައިނުވާ ކަސްޓަމަރުންނަށް ފުރަތަމަ ފޮނުވާ ބިލަކީ އޭޕްރިލް މަހު ފޮނުވާ ބިލު ކަމުގައިވާ ނަމަ އެ ފަރާތްތަކަށް ވެސް 10 ޕަސެންޓު ޑިސްކައުންޓު ދެވޭނެ
މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރަން ބޭނުންނަމަ، އެމްޑަބްލިއުއެސްސީގެ ކަސްޓަމާ ކެއާ (105) އަށް ގުޅުމަށް، ނުވަތަ 1050 އަށް މެސެޖުކުރުމަށް އެ ކުންފުނިން އެދެއެވެ.
ފާހަގަކުރެވޭ ގޮތުގައި މި ރަމަޟާން މަހު ކަރަންޓު ބިލުތަކުން މަދުވެގެން 10 ޕަސެންޓު ޑިސްކައުންޓު ދޭނެ ކަމަށް ސްޓެލްކޯ އިން ބުނެފައިވެއެވެ.
މިދިޔަ ރަމަޟާން މަހު ވެސް ފެނާއި ކަރަންޓުން 10 ޕަސެންޓު ޑިސްކައުންޓު ދީފައިވެއެވެ.