މިއަދަކީ ފެން ކުންފުނި، އެމްޑަބްލިއުއެސްސީ އަށް 30 އަހަރު ފުރިގެންދާ ދުވަހަށް ވާއިރު މިހާތަނަށް އެ ކުންފުނިން ކާމިޔާބު ކަމާއެކު 107 ޕްރޮޖެކްޓެއްގެ މަސައްކަތް ނިންމާލާފައިވާ ކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެފިއެވެ.

މިކަމާ ގުޅިގެން ނެރުނު ބަޔާނެެއްގައި އެމްޑަބްލިއުއެސްސީ އިން ބުނީ 2025 ވަނަ އަހަރު ފެނުގެ 17 ޕްރޮޖެކްޓަކާއި ނަރުދަމާގެ 15 ޕްރޮޖެކްޓަކާއި އެކު ޖުމްލަ 32 ޕްރޮޖެކްޓެއްގެ މަސައްކަތް ސަރުކާރުން މިހާރުވެސް އެ ކުންފުންޏަށް ހަވާލުކޮށްފައިވާ ކަމަށެވެ. މީގެތެރެއިން ބައެއް ޕްރޮޖެކްޓްތަކުގެ އަމަލީ މަސައްކަތް މިހާރު ފެށިފައިވާކަމަށާއި، އަނެއް ޕްރޮޖެކްޓުތަކުގެ އަމަލީ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން ދާކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެމްޑަބްލިއުއެސްސީ އިން ވަނީ ފެނުގެ ހިދުމަތުގެ ކަށަވަރުކަން އިތުރުކުރުމަކީ ކުންފުނީގެ އެންމެ މުހިއްމު އެއް އަމާޒުކަމަށާއި، މިގޮތުން ގްރޭޓާ މާލެ ސަރަހައްދުގެ ކުންފުނީގެ ފެން އުފައްދާ މައި މަރުކަޒުގެ އިތުރުން މާލޭގެ އެހެން ދެ ސަރަހައްދެއްގައި ފެން އުފައްދާ ދެ މަރުކަޒެއް ގާއިމް ކޮށް ފެން އުފެއްދުން ލާމަރުކަޒު ކުރެވިފައިވާކަމަށް ބުނެފައެވެ. މިއާއެކު އެމްޑަބްލިއުއެސްސީ އިން ބުނީ މި އަހަރު ނިމޭއިރު ފެން އުފެއްދުމުގެ ކެޕޭސިޓީ 26 އިންސައްތަ އަދި ފެން ރައްކާކުރެވޭ މިންވަރު 28 އިންސައްތަ އަށް އިތުރުކުރެވިގެން ދާނެކަމަށެވެ.

އަދި މާލެއާއި ހުޅުމާލޭގެ ޓްރާންސްފާ ޕަމްޕް ސްޓޭޝަން ގާއިމްކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާކަމަށާއި މި މަސައްކަތް އެއްކޮށް ނިމުމުން މާލެއިން ހުޅުމާލެއަށް ނުވަތަ ހުޅުމާލެއިން މާލެއަށް، ގަޑިއަކު 800 ޓަނުގެ ފެން ޕަންޕުކުރުމުގެ ގާބިލްކަން ލިބިގެންދާނެ ކަމަށް އެމްޑަބްލިއުއެސްސީ އިން ވަނީ ބުނެފައެވެ.

މީގެއިތުރުން އެމްޑަބްލިއުއެސްސީ އިން ވަނީ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް 24 ގަޑިއިރު ގުޅޭ ކަސްޓަމާ ކެއާ ސެންޓަރުގެ ހިދުމަތާއި، ކުންފުނީގެ ހިދުމަތްތަކަށް އެދި އޮންލައިން ކޮށް ހުށައެޅޭނެ އިންތިޒާމުގެ އިތުރުން ސްމާޓް މީޓަރުގެ ހިދުމަތްވެސް ދޭން ފަށާފައިވާކަމަށް ފާހަަގަކޮށްފައެވެ. ކުންފުނި އުފެދިގެން އައިއިރު ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދޭ ހާއްސަ ޔޫޓިލިޓީ ކުންފުންޏެއްގެ ގޮތުގައި އެމްޑަބްލިއުއެސްސީ ވީ ނަމަވެސް، 30 އަހަރު ދުވަހުގެ ތަޖުރިބާއާއެކު މިއަދު އެ ކުންފުންޏަކީ އިންޖީނިއަރިން، ޓްރޭޑިން އަދި މެނުފެކްޗަރިންގެ ދާއިރާއިންވެސް ފާހަގަކޮށްލެވޭ ކުންފުންޏެއް ކަމަށް ވަނީ ބުނެފައެވެ.

އެމްޑަބްލިއުއެސްސީ އިން އިތުރަށް ބުނީ އެ ކުންފުންޏަކީ އުފެއްދުންތެރިކަމުގެ ދާއިރާއިން ވެސް ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކޮށްފައިވާ ކުންފުންޏެއް ކަމަށާއި މިގޮތުން، ހުޅުމާލޭގައި ޤާއިމްކޮށްފައިވާ ކާރުހާނާ އިން ފުޅީގައި ބަންދުކޮށްފައިވާ ފެން އުފެއްދުމާއި، ކ. ގުޅީފަޅުގައި ގާއިމްކޮށްފައިވާ ޕައިޕް ފެކްޓަރީއިން ފެނާއި ނަރުދަމާ ގެ މަސައްކަތްތަކާއި ފެން ވައިރިން އަށް ބޭނުންވާ އެކި ސައިޒްތަކުގެ ހޮޅި އުފެއްދުން ހިމެނޭ ކަމަށެވެ. އަދި ކަރަންޓް ވަޔަރިން އަށްބޭނުންވާ އެކި ސައިޒްތަކުގެ ކޮންޑިއުޓް ހޮޅި އުފެއްދުންވެސް ހިމެނޭކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

މިއާއެކު އެ ކުންފުނިން ބުނީ އެ ކުންފުނީގެ 30 ވަނަ އަހަރީ ދުވަހާ ގުޅިގެން މިއަހަރުގެ ތެރޭގައި ގިނަ ހަރަކާތްތައްކެއް ކުރިޔަށް ގެންދިޔުމަށް ރާވާފައިވާ ކަމަށެވެ. މީގެތެރޭގައި ކުޑަކުދިންގެ ހަވީރާއި، ލޭ ހަދިޔާ ކުރުމުގެ ޕްރޮގޮރާމާއި، ގަސްއިންދުމުގެ ޕްރޮގްރާމްގެ އިތުރުން ކަސްޓަމަރުންނަށް އަމާޒުކޮށްށްގެން ހިންގޭ ތަފާތު އެކި އެކި ޕްރޮގްރާމްތައް ހިމެނޭ ކަމަށެވެ.