ހަތަރު ރަށެއްގައި ބިނާކުރުމަށް ހަމަޖެހިފައިވާ އިސްލާމީ މަރުކަޒުތަކާއި 10 ރަށެއްގައި ބިނާކުރުމަށް ހަމަޖެހިފައިވާ މިސްކިތްތައް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް ގެޒެޓްގައި އިއުލާނުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ކުރި އިއުލާންގައި ބުނެފައި ވަނީ، މި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑު ހުށަހަޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި އެގޮތުން އަންނަ މަހުގެ 16 ވަނަ ދުވަހާ ހަމައަށް ބިޑު ހުށަހެޅޭނެ ކަމަށެވެ.

އިސްލާމީ މަރުކަޒު ބިނާ ކުރުމަށް ހަމަޖެހިފައި ވަނީ ހއ. އިހަވަންދޫ އާއި ށ. ފުނަދޫ އާއި ޅ. ނައިފަރު އަދި ގއ. ވިލިނގިލީގައެވެ. އިހަވަންދޫ، ފުނަދޫ އަދި ވިލިނގިލީގައި އިސްލާމީ މަރުކަޒު ބިނާ ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި 102،000 ރުފިޔާ ހުށަހަޅަން ޖެހެއެވެ. އަދި ނައިފަރުގައި އިސްލާމީ މަރުކަޒު ބިނާ ކުރުމަށް 126،000 ރުފިޔާ ބިޑް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަން ޖެހެއެވެ.

މިސްކިން ބިނާ ކުރުމަށް ބިޑަށް ހުޅުވާލާފައިވަނީ ރ. މީދޫ، ކ. ގުޅި، އއ. މަތިވެރި، އދ. ފެންފުށި، ފ. ފީއަލި، ދ. ރިނބިދޫގެ އިތުރުން ގދ. ނަޑެއްލާ، މަޑަވެލި، ހޯނޑެއްދޫ އަދި ފަރެސްމާތޮޑާއެވެ. މިސްކިތް އަލާ ރަށްރަށުގެ ތެރެއިން އެންމެ ބޮޑު ބިޑް ސެކިއުރިޓީއެއް ހުށަހަޅަން ޖެހެނީ އއ. މަތިވެރި މިސްކިތް ހެދުމަށެވެ. އެއީ 102،000 ރުފިޔާއެވެ.

މިސްކިތްތައް އިމާރާތް ކުރުމުގެ މަސައްކަތައް ހުށަހަޅަން ޖެހޭ ބިޑް ސެކިއުރިޓީ

  1. އއ. މަތިވެރި - 102،000 ރފުިޔާ
  2. ދ. ރިނބުދޫ - 65،000 ރފުިޔާ
  3. ގދ. ފަރެސްމާތޮޑާ - 61،000 ރުފިޔާ
  4. ގދ. މަޑަވެލި - 61،000 ރުފިޔާ
  5. ކ. ގުޅި - 59،000 ރުފިޔާ
  6. ރ. މީދޫ - 59،000 ރުފިޔާ
  7. ފ. ފީއަލީ - 58،000 ރުފިޔާ
  8. ގދ. ހޯޑެއްދޫ - 58،000 ރުފިޔާ
  9. އދ. ފެންފުށި - 40،000 ރުފިޔާ
  10. ގދ. ނަޑެއްލާ- 40،000 ރުފިޔާ

މި މަޝްރޫއުތަކަށް ޝަރުތު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިއަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން އުސޫލުން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

މި މަޝްރޫއުތަކަށް ބިޑު ހުށަހަޅަން ޖެހޭނީ ބީލަން ޕޯޓަލް މެދިވެރިކޮށް އަންނަ ޖުލައި މަހުގެ 16 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ކުރިންނެވެ. ބިޑް ހުޅުވުން އޮންނާނީ ޖުލައި މަހުގެ 17 ވަނަ ދުވަހުގެ 11:00 ގައެވެ.