އެމްޑަބްލިޔުއެސްސީގެ އޮންލައިން އެޕްލިކޭޝަން މެދުވެރިކޮށް ބިލު ދައްކާ ޑޮމެސްޓިކް ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރި ތިން ފަރާތަކަށް އުމްރާ ދަތުރެއް ލިބޭ ހާއްސަ ޕްރޮމޯޝަނެއް އެ ކުންފުނިން ފަށައިފި އެވެ.
މިއީ އެމްޑަބްލިޔުއެސްސީއަށް މި އަހަރު 30 އަހަރު ފުރުމުގެ އިތުރުން މި ހިނގާ ރޯދަ މަހާ ގުޅުވައިގެން އެ ކުންފުނިން ކުރިއަށް ގެންދާ ’އެކުވެރި ރޯދަ 30' ކެމްޕެއިންގެ ދަށުން ހިންގާ ހަރަކާތެކެވެ.
މި ހަރަކާތް ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު އެއް މަގްސަދަކީ ރަމަޟާންމަހާއި ގުޅުވައިގެން އެމްޑަބްލިޔުއެސްސީގެ ކަސްޓަމަރުންނަށް ފަހި ފުރުސަތެއް ތަނަވަސް ކޮށްދިނުމާއިއެކު ވީހާވެސް ގިނަ ކަސްޓަމަރުން އެޕް އަށް އަހުލުވެރިކޮށް، އެޕް ބޭނުންކުރާ ކަސްޓަމަރުންގެ އަދަދު އިތުރު ކުރުން ކަމަށް އެ ކުންފުނިން ބުނެއެވެ.
މި މަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެ ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ތިން ޝަރުތެއް ފުރިހަމަވާ ކަސްޓަމަރުންނަށެވެ. އޭގެ ތެރޭގައި:
- އެމްޑަބްލިޔުއެސްސީގެ ޑޮމެސްޓިކް ކަސްޓަމަރަކަށްވުން
- ޕްރޮމޯޝަންގެ މުއްދަތުގެ ތެރޭގައި އެމްޑަބްލިޔުއެސްސީގެ އެޕް މެދުވެރިކޮށް ބިލަށް ފައިސާ ދައްކާ ކަސްޓަމަރަކަށްވުން
- ޕްރޮމޯޝަންގެ މުއްދަތު ހަމަވާއިރު ފައިސާ ދެއްކުމުގެ މުއްދަތު ހަމަވެފައިވާ އެއްވެސް ފެންބިލެއް ނުވަތަ އަދަދެއް ނުދައްކައި ނެތް ކަސްޓަމަރަކަށްވުން ހިމެނެއެވެ.
އެމްޑަބްލިޔުއެސްސީން ބުނީ، މި ޕްރޮމޯޝަންގެ ދަށުން ގުރުއަތުން ހޮވޭ ތިން ނަސީބުވެރިން އިއުލާން ކުރާ ތާރީހުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި އުމްރާ ދަތުރުގެ ބޭނުން ކުރަންޖެހޭނެ ކަމަށެވެ. އަދި އުމްރާ ދަތުރު ލިބުނު ފަރާތަށް އެ ދަތުރު ބޭނުން ނުކުރެވޭނަމަ، އެހެން މީހަކަށް ބަދަލުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
މި ޕްރޮމޯޝަންގެ ނަސީބުވެރިން އިއުލާން ކުރާނީ އެމްޑަބްލިޔުއެސްސީގެ ސޯޝަލް މީޑިއާ، ވެބްސައިޓް އަދި އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ކަމަށްވާއިރު ގުރުއަތު ނަގާ ތާރީހު ފަހުން ހިއްސާކުރާނެ އެވެ.
މިކަމާ ބެހޭގޮތުން އިތުރު އެއްވެސް ކަމެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ އެ ކުންފުނީގެ ކަސްޓަމާ ކެއާ ސެންޓަރުގެ ހޮޓްލައިން 105 އަށް ގުޅައިގެން އެ މައުލޫމާތު ސާފު ކުރެވޭނެއެވެ.