ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އޭޕްރަންގައި މަސައްކަތް ކުރާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މުވައްޒަފުންނަށް ރިސްކު އެލަވެންސެއް ދޭން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް މިގޮތަށް ވިދާޅުވެފައި ވަނީ ރޭ މައްޗަންގޮޅީގައި ބޭއްވި ކެމްޕޭނު ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އަދި އަންނަ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެ އަލަވަންސް ދެއްވާނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

"އޭޕްރަންގައި މަސައްކަތްކުރާ ފަރާތްތައް އެއީ ރިސްކުތަކަކާ އެކު މަސައްކަތް ކުރާ ފަރާތްތަކަކަށް ވާތީ، އެ ބޭފުޅުންނަށް ރިސްކު އެލަވެންސެއް އޮކްޓޯބަރު 1 އިން ފެށިގެން ލިބޭނެ ކަމުގެ ޔަގީންކަން މިރޭ އަރުވަން،" ރައީސް ވިދާޅުވި އެވެ.

މިގޮތަށް ރައީސް ވިދާޅުވިއިރު ދާދިފަހުން ވަނީ އެމްއޭސީއެލްގެ މުވައްޒަފުންނަށް މުސާރައިގެ 50 ޕަސެންޓް ޑޮލަރުން ދޭން ނިންމާފައެވެ. ކޮވިޑުގެ އާލަމީ ވަބާއާ ގުޅިގެން އެ ކުންފުނީގެ މުވައްޒަފުންގެ މުސާރަ ދިވެހި ރުފިޔާއިން ދޭން ފަށާފައިވީ ނަމަވެސް މުސާރައިގެ ދެބައިކުޅަ އެއްބައި ޑޮލަރުން އަނެއްކާވެސް ދިނުމަށް ނިންމާފައި ވަނީ އެ ކުންފުނީގެ ބޯޑުންނެވެ.

ދެ އަހަރުގެ މެދު ކެނޑުމަކަށްފަހު އެ ކުންފުނީގެ މުވައްޒަފުންނަށް އަހަރީ ބޯނަސްވެސް ދޭން ފަށާފައިވާއިރު ފާއިތުވި ދެ އަހަރުގެ ބޯނަސްގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް 25،000 ރުފިޔާ ދީފައި ވެއެވެ. ރާއްޖޭގެ ވައިގެ މައި ބަނދަރު އޮޕަރޭޓް ކުރަމުން އަންނަ އެމްއޭސީއެލްގައި 4000 ހާ މުވައްޒަފުން މަސައްކަތް ކުރަމުންދެއެވެ.