މީސްމީޑިއާގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަށް އަމާޒުކޮށްގެން ދައުރުކުރަމުންދާ ވީޑިއޯއަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ކުރިއަށްގެންދިޔަ ސެކިއުރިޓީ އިމަޖެންސީ ފަރިތަކުރުމެއްގެ މަންޒަރުތަކެއް ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

އެމްއޭސީއެލް އިން ނެރުނު ބަޔާނެއްގައި ބުނީ، ދައުރުވަމުންދާ އެ ވީޑިއޯގައި ފެންނަނީ މި ހިނގާ ނޮވެމްބަރު މަހުގެ 25 ވީ ބުދަ ދުވަހުގެ ރޭ، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ކުރިއަށްގެންދިޔަ ސެކިއުރިޓީ އިމަޖެންސީ ފަރިތަކުރުންތަކުގެ ތެރެއިން ހިންގުނު ސިމިއުލޭޓެޑް ހަރަކާތްތަކެއްގެ މަންޒަރުތައް ކަމަށެވެ.

މީގެއިތުރުން، އެމްއޭސީއެލް އިން ފާހަގަކުރި ގޮތުގައި އެ ވީޑިއޯ ބޭނުންކޮށްގެން އާންމުންގެ މެދުގައި ބިރުވެރިކަމާއި ކަންބޮޑުވުން އުފެއްދުމަށާއި، ކުންފުންޏާމެދު އޮންނަ އިތުބާރު ގެއްލުވާލުމުގެ ނިޔަތުގައި ދަނީ މަސައްކަތް ކުރަމުންނެވެ. އަދި ކުންފުނީގެ އަގުވެއްޓޭ ގޮތަށް ސޯޝަލް މީޑިއާގައި ފަތުރަމުންދާ އެފަދަ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު މައުލޫމާތުތަކެއް ކަމަށާއި، އެ އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެހެންކަމުން، މިފަދަ ހަގީގަތާ ހިލާފު އަދި ސައްހަކަން ކަށަވަރުނުވާ މައުލޫމާތުތައް ނުފެތުރުމަށާއި، ކުންފުނީގެ ރަސްމީ ޗެނަލްތަކުން ހާމަކުރާ މައުލޫމާތު ފިޔަވައި އެހެން ދޮގު މައުލޫމާތުތައް ދައުރުނުކުރުމަށް އެމްއޭސީއެލް އިން ވަނީ އެންމެހާ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.