ދިވެހިރާއްޖޭގެ މައި ދޮރާށި ކަމުގައިވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަކީ ހަމައެކަނި ވައިގެ ބަނދަރެއް ނޫނެވެ. އެއީ ދިވެހިރާއްޖޭގެ އިގްތިސޯދުގެ މައި ނާރެވެ. ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުގެ ހަރުދަނާ އިރުޝާދުގެ ދަށުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވަނީ އުމްރާނީ ގޮތުންނާއި އޮޕަރޭޝަނަލް ގޮތުން ތާރީހީ، އިންގިލާބީ ބޮޑެތި ލަނޑުދަނޑިތަކެއް ހާސިލްކޮށްފައެވެ. މި ތަރައްގީއާއެކު ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާވެ، އިގްތިސޯދީ ފުރުސަތުތައް ފުޅާވެ، ދުނިޔޭގެ ޗާޓުގައި ރާއްޖޭގެ ގަދަރު ވަނީ އާ އުސްމިންތަކަކަށް އުފުލިފައެވެ.

އެއާޕޯޓް ތަރައްގީގެ އެންމެ ފާހަގަކޮށްލެވޭ އެއް ބާބަކީ، ޖުލައި 26، 2025 ގައި ރަސްމީކޮށް ހުޅުވިގެން ދިޔަ އާ ބައިނަލްއަގްވާމީ ޕެސެންޖާ ޓާމިނަލް (ޓާމިނަލް 1) އެވެ. ދުނިޔޭގެ އެންމެ ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ މި ޓާމިނަލާއެކު، ރާއްޖެ އަންނަ ފަތުރުވެރިންނާއި ދަތުރުވެރިންގެ ތަޖުރިބާ މުޅިން އާ ހަރުފަތަކަށް ގެންގޮސް ދިނެވެ. އަދި ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ ބައިނަލްއަގްވާމީ ވައިގެ ދަތުރުފަތުރުގެ ޑިމާންޑާ އެއްވަރަށް ފުރިހަމައަށް ހިދުމަތް ދިނުމުގެ ގާބިލުކަން ވީއައިއޭއަށް ލިބިގެންދިޔައެވެ.

ވެލާނާ އެއާޕޯޓުން އުމްރާގެ އަޅުކަމަށް ދިއުމަށް ފުރާ މީހުން / ފޮޓޯ: އެމްއޭސީއެލް

މީގެ އިތުރުން، ރާއްޖޭގެ އެތެރޭގެ ދަތުރުފަތުރުގެ ވިއުގަ ވަރުގަދަކުރުމަށްޓަކައި، ފެބުރުވަރީ 17، 2026 ގައި ހުޅުވުނު ޓާމިނަލް 2 އަކީ އެތެރޭގެ އުދުހުންތަކަށް ލިބުނު ވަރަށް ބޮޑު ލުޔެކެވެ. މި ޒަމާނީ ވަސީލަތުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ރަށްރަށާއި މައި އެއާޕޯޓާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެ، ރައްޔިތުންނަށާއި ފަތުރުވެރިންނަށް އެތެރޭގެ އުދުހުންތަކުގައި ބޮޑެތި ފަސޭހަތަކެއް ވަނީ ތަނަވަސްވެފައެވެ.

ކާގޯ ހިދުމަތްތަކާއި ވިޔަފާރީގެ އާ އުދަރެސް

ވައިގެ މަގުން މުދާ އުފުލުމުގެ ދާއިރާއަށް ބަލާއިރު، "ސީ-ޓު-އެއާ ކާގޯ" އިނީޝިއޭޓިވްގެ ދަށުން ހޯދުނު ކާމިޔާބީތަކަކީ ރާއްޖޭގެ އިގްތިސާދަށް އައު ދިރުމެއް ގެނެސްދިން ކަމެކެވެ. މިގޮތުން ޖެނުއަރީ 15، 2024 ގައި އިމްޕޯޓް ކާގޯގެ އައު ހިދުމަތްތައް ފަށައިގަނެވުނުއިރު، ހަމަ އެ އަހަރުގެ 11 އޮގަސްޓުގައި ވަނީ އެކްސްޕޯޓް ކާގޯގެ އޮޕަރޭޝަންތައް ފަށާފައެވެ. މި ބަދަލާއެކު، ސަރަހައްދީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި ވައިގެ މަގުން މުދާ އުފުލުމުގެ ފުރުސަތުތައް ފުޅާވެ، ދިވެހި ވިޔަފާރިވެރިންނަށާއި ބައިނަލްއަގްވާމީ ލޮޖިސްޓިކްސް ދާއިރާއަށް ރާއްޖޭގެ މުހިންމުކަން ވަނީ ބޮޑުތަނުން އިތުރުވެފައެވެ.

ސީ ޓު އެއާ ކާގޯ ގެ ހިދުމަތް

އޮޕަރޭޝަނަލް ސަލާމަތާއި ރައްކާތެރިކަމުގެ ހަރުދަނާ ވަސީލަތްތައް

އެއާޕޯޓެއްގެ އެންމެ މުހިންމު އެއް އަސާސަކީ އޮޕަރޭޝަންތަކުގެ ހަލުވިކަމާއި ސަލާމަތީ ރައްކާތެރިކަމެވެ. އެގޮތުން ޖޫން 27، 2024 ގައި ހުޅުވުނު އެންމެ ޒަމާނީ ވަސީލަތްތަކާ އެކު އެކުލެވިގެންވާ އައު ފަޔާ ސްޓޭޝަނަކީ، ކުއްލި ނުރައްކަލުގެ ހާލަތްތަކަށް އަވަހަށް އިޖާބަދިނުމުގެ ގާބިލުކަން އެތައް ގުނައަކަށް މަތިކޮށްދިން މުހިންމު ފިޔަވަޅެކެވެ. މީގެއިތުރުން، ނޮވެމްބަރު 7، 2024 ގައި ހިދުމަތަށް ގެނައި އާ ފިއުލް ފާމާއި ފިއުލް ހައިޑްރަންޓް ސިސްޓަމަކީ ބޯޓުފަހަރަށް ތެޔޮ އެޅުމާއި ތެޔޮ ރައްކާކުރުމުގެ ނިޒާމަށް އައި އިންގިލާބީ ބަދަލެކެވެ. ބޯޓުތަކަށް އެއަރޕޯޓުގައި ހޭދަކުރަންޖެހޭ ވަގުތު ކުޑަކުރެވި، ހިދުމަތުގެ ދުވެލި ވަނީ އެތައް ގުނައަކަށް އަވަސްވެފައެވެ.

ދެމެހެއްޓެނިވި ކުރިމަގަކަށް އެޅުނު ވަރުގަދަ ބިންގަލެއް

މިއަދާ ހަމައަށް އެމްއޭސީއެލް އިން މި ހޯދި ބޮޑެތި ކާމިޔާބީތަކަކީ ރާއްޖޭގެ އޭވިއޭޝަން ސިނާއަތް ދުނިޔޭގެ ފެންވަރަށް ގެންގޮސްދިން މުހިންމު ފިޔަވަޅުތަކެކެވެ. އެއާޕޯޓުގެ ހިދުމަތްތައް ރަނގަޅުވުމަކީ ހަމައެކަނި ދަތުރުވެރިންނަށް ލިބޭ ފަސޭހައެއް ނޫނެވެ؛ އެއީ ފަތުރުވެރިކަން ކުރިއެރުވުމަށާއި، ވިޔަފާރިތަކަށް ފުރުސަތުތައް ފަހިކޮށްދިނުމަށާއި، ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ވާދަވެރިކަން އިތުރުކޮށްދޭނެ ވަރުގަދަ ބާރެކެވެ.

އެމްއޭސީއެލްގެ މައިގަނޑު އަމާޒަކީ މި ގާއިމުކުރެވުނު ވަސީލަތްތަކުގެ އެންމެ ފުރިހަމަ ބޭނުން ހިފައި، ދުނިޔޭގެ އޭވިއޭޝަން ދާއިރާއަށް އަންނަ ކުރިއެރުންތަކާއެކު ފައިހަމަކޮށް، ހިދުމަތުގެ ފެންވަރު އެންމެ މަތީ ދަރަޖައިގައި ދެމެހެއްޓުމެވެ. މިއީ ގައުމުގެ އިގްތިސާދީ މިނިވަންކަމާއި ފާގަތިކަމަށްޓަކައި އެޅުނު ވަރުގަދަ ބިންގަލެކެވެ. ކުރިމަގުގައި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަކީ ސަރަހައްދީ ފެންވަރުގައި ވެސް ފަހުރުވެރި، ނަމޫނާ އެއާޕޯޓަކަށް ހެދުމަށްޓަކައި ހުރިހާ ދާއިރާތަކެއް ގުޅިގެން މަސައްކަތްކުރުމަކީ މުޅި ގައުމުގެ ކުރިއެރުމަށްޓަކައި ކޮންމެހެން މުހިންމު ކަމެކެވެ.