ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމަށްޓަކައި ގިރާވަރުފަޅު ހިއްކުމަށް ކުރިއަށްގެންދާ ބިޔަ މަޝްރޫއުގެ 68.8 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް ހާމަކޮށްފިއެވެ.
މި މަޝްރޫއުގެ ތަފްސީލުތައް ހިއްސާކުރަމުން އެމްއޭސީއެލް އިން ބުނި ގޮތުގައި، ގިރާވަރުފަޅުން ހިއްކުމަށް ހަމަޖެހިފައިވާ ޖުމްލަ 167.15 ހެކްޓަރުގެ ބިމުގެ ތެރެއިން މިހާތަނަށް ވަނީ 115 ހެކްޓަރުގެ ބިން ހިއްކާ ނިންމާފައެވެ. ބިން ހިއްކުމުގެ މި ބޮޑު މަޝްރޫއު ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދިއުމުގައި އެންމެ އިސް ދައުރެއް އަދާކުރަމުން ދަނީ ދުނިޔޭގެ ފެންވަރުގެ ބޮޑު ޑްރެޖަރެއް ކަމަށްވާ "ކްއީން އޮފް ދަ ނެދަލަންޑްސް" އިންނެވެ.
ކުރީ ސަރުކާރުން ފެށި ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ޖުމްލަ 9001 ގޯތި ދޫކުރުމަށް ނިންމައި، އޭރު ކަނޑައެޅީ ހުޅުމާލެއިން 1351 ގޯތި، ގުޅިފަޅުން 2218 ގޯތި އަދި ގިރާވަރުފަޅުން 5432 ގޯތި ދިނުމަށެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު، ގުޅިފަޅުގައި ކުރިން ގާއިމުކުރަން ނިންމާފައި އޮތް ކޮމާޝަލް ޕޯޓް ތިލަފުއްޓަށް ބަދަލުކުރުމާ ގުޅިގެން، ގުޅިފަޅާއި ގިރާވަރުފަޅު އަދި ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ލޭންޑް ޔޫސް ޕްލޭނަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.
މި ބަދަލުތަކާ އެކު، ގިރާވަރުފަޅުން ޖުމްލަ 4072 ގޯތި ދޫކުރުމަށް ނިންމައި، އެ ގޯތިތައް ލިބުނު ފަރާތްތަކުގެ މެދުގައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ގުރުއަތުލުން ބާއްވާފައެވެ.
ގިރާވަރުފަޅުން ދޫކުރުމަށް ހަމަޖެހިފައިވާ ގޯތިތަކުގެ އަދަދާއި ބޮޑުމިނަށް ބަލާއިރު:
- 1250 އަކަފޫޓުގެ 2603 ގޯތި
- 1650 އަކަފޫޓުގެ 1214 ގޯތި
- 2050 އަކަފޫޓުގެ 254 ގޯތި
- 2450 އަކަފޫޓުގެ 1 ގޯތި
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫއުތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ، ގިރާވަރުފަޅުން ގޯތި ލިބުނު ފަރާތްތަކާ އެކު އެއްބަސްވުންތަކުގައި ސޮއިކޮށް، ބިމުގެ ރަޖިސްޓްރީ ހަދައި، ގޯތިތައް ރައްޔިތުންނާ ހަވާލުކުރުމުގެ އެންމެހައި މަސައްކަތްތައް މިއަހަރުގެ މެދުތެރޭގައި އެއްކޮށް ނިންމާލުމަށް ސަރުކާރުން އަމާޒު ހިފާފައިވާ ކަމަށެވެ.
