ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ވޯޓާ އެއިރޯޑްރޯމް ސަރަހައްދުގައި ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ ސީޕްލޭނަކަށް ހާދިސާއެއް ދިމާވެއްޖެއެވެ.

މިއަދު ހިނގި މި ހާދިސާއާ ގުޅިގެން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ، މި ހާދިސާ ހިނގާފައި ވަނީ ޓީއެމްއޭ އިން އޮޕަރޭޓްކުރާ ސީޕްލޭނެއް، ވޯޓާ އެއިރޯޑްރޯމް ސަރަހައްދުގައި ޓެކްސީ ކުރަމުން ދަނިކޮށް ކަމަށެވެ.

މި ހާދިސާ ހިނގުމާއެކު، އެމްއޭސީއެލްގެ އެއާޕޯޓް އެމަޖެންސީ ސާވިސަސް (އޭއީއެސް) އިން ވަގުތުން އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި ހާދިސާއާ ގުޅިގެން ފޯރުކޮށްދޭން ޖެހޭ އެންމެހާ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށާއި، އަޅަންޖެހޭ ރައްކާތެރިކަމުގެ އެންމެހާ ފިޔަވަޅުތައް ވެސް މިހާރު އަޅާފައިވާ ކަމަށް އެ ކުންފުނިން ވަނީ ކަށަވަރުކޮށް ދީފައެވެ.

މިފަދަ ހާދިސާއެއް ހިނގި ނަމަވެސް، ވީއައިއޭ ވޯޓާ އެއިރޯޑްރޯމް މެދުވެރިކޮށް ދެމުން އަންނަ ހިދުމަތްތަކަށް އެއްވެސް ބުރޫއެއް ނާރާ ކަމަށާއި، އެއްވެސް މެދުކެނޑުމެއް ނެތި އާންމު އުސޫލުން ހިދުމަތްތައް ކުރިއަށްދާ ކަމަށް އެމްއޭސީއެލް އިން ހާމަކުރެއެވެ.

މި ހާދިސާއާ ގުޅޭ އިތުރު ތަފުސީލު ފަހުން ހާމަކުރަމުން ގެންދާނެ ކަމަށް ވެސް އެ ކުންފުނިން ނެރުނު ބަޔާނުގައި ވެއެވެ.